އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ގޮތުން ސިނަމާލެ ބްރިޖު މަތިން ފުންމާލި ބިދޭސީއަކު ފަރުވާ ހޯދުމަށް އެޑްމިޓް ކޮށްފައި އޮއްވައި، ހައްޔަރުކޮށްފި އެވެ.
ބްރިޖު މަތިން ކަނޑަށް ފުންމާލި ބިދޭސީއަކު، އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ދަންވަރުގެ ވަގުތުގަ އެވެ. އެއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ.
އޭނާ ފުންމާލި ކަމުގެ ރިޕޯޓާ އެކު އެމްއެންޑީއެފްގެ ޑައިވަރުން އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް ފެނުނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވަ އެވެ.
އެ މީހާ ސަލާމަތް ކުރުމަށް ފަހު، ފުލުހުންގެ ބެލުމުގެ ދަށަށް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ފެށި އެވެ.
އަމިއްލަ ނަފުސަށް ގެއްލުންދީ، މަރުވާން މަސައްކަތް ކޮށްފައިވާތީ ފުލުހުން އޭނާ ހައްޔަރުކުރިއިރު، ކްރިމިނަލް ކޯޓުން ވަނީ އެ މީހާ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރަން އަމުރުކޮށްފަ އެވެ. މި ވަގުތު އޭނާ އެޑްމިޓްކޮށްފައި އޮތުމުން އެ ހާލަތު ފިލައިދިޔުމުން 24 ގަޑިއިރު ތެރޭ ކޯޓަށް ހާޒިރު ކުރަން ވެސް އަންގާފައިވެ އެވެ.