މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް އަރިއަޅާލައި ދޯނި ދިޔަވަމުންދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުން ބުނީ ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް، ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް ދޯނި އަރިއަޅާލާފައިވާ ކަމަށެވެ.
އެ ދޯނި ދިޔަވަމުންދާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ 10 ޖަހާކަށް ހާއިރެވެ. އެހެންވެ، ހާދިސާ ހިނގި ސަރަހައްދާ އެންމެ ކައިރީގައިވާ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނި ގޮތުގައި ދޯނި ސަލާމަތްކުރަން، ދޯނިން ބައެއް މުދާ ވަނީ ކަނޑަށް ދޫކޮށްލައިފަ އެވެ.
އެ ހާދިސާ ހިނގިއިރު ދޯނީގައި ތިބީ ހަތަރު މީހުންނެވެ. އެއީ ތިން ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ.
ފުލުހުން ބުނި ގޮތުގައި ދޯނި ދިޔަވެފައިވާތީ، ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.