މާލެ ކައިރިން ރޭ އޮޔާދިޔައީ މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓު ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. 

އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ އިދާރާއިން ކުރިއަށް ގެންދިޔައީ ބޯޓުގައި އެ ވަގުތު ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށާއި އެ އެންމެން ސަލާމަތްކޮށް، ކަސްޓަމްސްއާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

"އެ ދެ ބޯޓަކީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އޮތް ދެ ބޯޓު ކަމުގައި ވާތީ ބޯޓާ ބެހޭ ގޮތުން މައުލޫމާތު ދެއްވާނީ ކަސްޓަމްސް އިން،" އެމްއެންޑީއެފުން ބުނެފައިވެ އެވެ. 

ނަމަވެސް، ކަސްޓަމްސް އިން މި ދެ ބޯޓާ ގުޅޭ އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ. ކަސްޓަމްސްގެ ބެލުމުގެ ދަށަށް ދެ ބޯޓު ގެންދިޔަ ސަބަބެއް ވެސް އެހެންވެ ނޭނގެ އެވެ. 

މި ދެ ބޯޓު ރާއްޖެ އަށް ވަން އިރެއް ވެސް ގުޅުން ހުރި ދައުލަތުގެ އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. 

ދޫނިދޫ އާއި މާލެއާ ދެމެދު އަޅާފައި އޮތް އެ ދެ ބޯޓު ރޭ 10 ޖަހާކަންހާއިރު އޮޔާދިޔައީ އައި ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަނޑައިގެން ގޮސްގެންކަން ވަނީ އެނގިފަ އެވެ. 

އޮޔާ ގެންގޮސް އެ ބޯޓު އެންމެ ފުރަތަމަ އުރުނީ ކާނިވާ ސަރަހައްދުގެ ބޭރުން މާލޭގެ ފަރުމައްޗަށެވެ. އޭގެ ފަހުން، އޮޔާ ގެންގޮސް ސިނަމާލެ ބްރިޖުގައި ވެސް ޖެހުނެވެ.