ވ. ފެލިދޫ ކައިރިން ދަތުރު ކުރަނިކޮށް ރޭ ދަންވަރު ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެ މީހަކު އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. 

ފުލުހުން ބުނީ މިހާރު ކަށަވަރު ކުރެވިފައިވާ މައުލޫމާތަށް ބަލާއިރު އެ ލޯންޗުގައި ޖުމުލަ ހަތް މީހަކު ތިބި ކަމަށެވެ. އެއީ؛

  • އިނގިރޭސި ވިލާތާއި ރަޝިއާގެ ދެ އަންހެނެއް
  • އިންޑިއާގެ ފަސް ފިރިހެނެއް

ފުލުހުން ބުނީ މި ހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް މޫދަށް ފަސް މީހަކު ވެއްޓުނު ކަމަށެވެ. އެއީ ރަޝިއާގެ އަންހެނަކާއި އިންޑިއާގެ ހަތަރު ފިރިހެނަކު ކަމަށް ފުލުހުން ބުންޏެވެ.

"މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ ދެ މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ،" ފުލުހުން ބުންޏެވެ. 

މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ވ. ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ލޯންޗަކުން ދެ މީހަކު ގެއްލިގެން އެ މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.