ކ. ތުލުސްދޫ ކައިރީގައި ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ތުލުސްދޫ ކަނޑުއޮޅީ ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 7:55 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓުގައި ފަސް މީހަކަށް އަނިޔާވެފައި ވާއިރު، އެ މީހުންނަށް ތުލުސްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެކްސިޑެންޓުވި އެއް ލޯންޗަކީ އެރަށު "ތަރިކަ އެކްސްޕްރެސް" އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަނީ ލޯންޗުގެ އެއް ފަޅި ވަރަށް ބޮޑަށް ހަލާކުވެފައި އޮތް ތަނެވެ. އެގޮތުން ކުޑަދޮރުގައި ހުރި ބިއްލޫރިތައް ތަޅައިގެން ގޮސް ލޯންޗުގެ އެއްފަޅި ވަނީ އެއްކޮށް ހަލާކުވެފައިވާ މަންޒަރު ފޮޓޯތަކުން ފެނެ އެވެ.