ވ. ފެލިދޫ ކައިރިން ދަތުރު ކުރަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު އިންޑިއާގެ ދެ މީހުން އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވ. ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި އެ ލޯންޗުގައި ހަތް މީހުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފަސް ފިރިހެނަކާއި އިނގިރޭސި ވިލާތާއި ރަޝިއާގެ ދެ އަންހެނެކެވެ.
ހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް މޫދަށް ފަސް މީހަކު ވެއްޓުނު އެވެ. އޭގެ ތެރެއިން ގެއްލުނީ އިންޑިއާގެ ދެ މީހެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އެ ހާދިސާގައި ގެއްލިގެން ހޯދާ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި އެ މީހުން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހާދިސާގައި ގެއްލިގެން ހޯދަމުންދާ ދެ މީހުންގެ ތެރޭގައި އިންޑިއާގެ މޮޓޯ ސްޕޯޓްސްގައި މަޝްހޫރު ހަރީ ސިންގް ހިމެނޭ ކަމަށް ވެ އެވެ.
އެ ލޯންޗުގައި އިންޑިއާގެ ބިލިނިއަރު، ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާ ވެސް ދަތުރުކުރިއިރު އޭނާ އަށް ވެސް ފަރުވާދީ މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ރޭ ބުންޏެވެ.
ބަންޑުން ޖަހާލި ލޯންޗަކީ އުމުރުން 60 އަހަރުގެ ގޯތަމްގެ ލަގްޒަރީ ޔޮޓް ޓީޓީ އަޝޭނާގައި ބޭނުންކުރާ ލޯންޗެކެވެ. ގޯތަމްއަކީ އާންމުކޮށް ރާއްޖެ އަށް ޗުއްޓީ ހޭދަކުރައްވަން ވަޑައިގަންނަވާ ބޭފުޅެކެވެ.
ގޯތަމް މިހާރު ހުންނެވީ މުމްބާއީގައި ކަމަށް ވެސް އެނގިފައި ވެ އެވެ.
ގޯތަމްއާ އެކު، ދަތުރުކުރި ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ވެސް އަންނަނީ ކުރަމުންނެެވެ. އެ ލޯންޗު ބަންޑުން ޖަހާލީ ވަރަށް ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކަމަށް އެނގިފައި ވެ އެވެ.