ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ގެއްލުނު ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ހޯދަން ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފި އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ "ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ވައިގެމަގުން 5،212 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް އަދި ކަނޑުމަގުން 1،070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާތަނަށް ބެލި ނަމަވެސް ގެއްލުނު މީހުން އަދި ފެނިފައި ނުވާ ކަމަށެވެ.
ހިލަ އާއި ހިލަވެލި ބަރުކޮށްގެން ޅ. އަތޮޅު ހަނޑަސް ކިޔާ ފަޅު ރަށަކަށް ދަތުރުކުރި "ފްރެންޑް 4" ސަޕްލައި ދޯންޏަށް ރާޅު އަރައިގެން އަޑިޔަށް ދާ ކަމަށް ރިޕޯޓްކުރީ މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު އެވެ.
އެ ދޯނީގައި ކައްޕި މުހައްމަދު ހަމްދޫނާއި ހަތް ބިދޭސީންނާ އެކު ޖުމްލަ އަށް މީހަކު ތިއްބެވެ. ނަމަވެސް، ހަމްދޫން ފިޔަވައި އެންމެން ސަލާމަތްވި އެވެ. އެ ހާދިސާއަށް ފަހު، ދޯނި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދު އަދި ފުލުސް މީހާ އަލީ ނާފިއު ވެސް ވަނީ ކަނޑަށް ގެއްލިފަ އެވެ.
އެ ތިން މީހުން ގެއްލުނީ ގެނބެމުން ދިޔަ ދޯނި ސަލާމަތްކުރަން، ދިޔަ ހިއްކަން އުޅުމުގެ ތެރޭގައި ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު"އަށް ބުނެފައިވެ އެވެ.
"އެ މީހުން ތިބީ ދޯނި ދިޔަވާތީ ޕަމްޕުކުރަން ކަމަށް މައުލޫމާތު ލިބެނީ. އެހެން ހުއްޓާ ދޯނި އަރިއަޅާލި ގަޑީގައި ގެއްލުނީ ކަމަށް. ވެލި ބަސްތާތައް ހުރި ކަމަށް މައުލޫމާތު ލިބެނީ ދޯނީގެ މެދުތެރޭގައި،" އޭނާ ބުންޏެވެ.
އޭނާ ބުނީ މީގެ 17 އަހަރު ކުރިން 2009 ވަނަ އަހަރު ބަން އެ ދޯނި އަރިއަޅާލަން ފެށުމާ އެކު، ފުރަތަމަ ނުކުތް މީހުން ސަލާމަތްވި ކަމަށެވެ.