ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏަކަށް ދިޔަވެ އަޑިއަށް ދާތީ އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ގެއްލިއްޖެ އެވެ. 

އެމްއެންޑީއެފުން މީގެ ދެ ގަޑިއެއްހާއިރު ކުރިން ބުނީ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ދޯންޏަށް ރާޅު އަރައި އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ. އެ ދޯނީގައި އަށް މީހަކު ތިބި ކަމަށާއި އޭގެ ތެރެއިން ހަތް މީހަކު ސަލާމަތްކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. 

"ފްރެންޑް 4" ދޯނި އަޑިއަށް ދިޔަ ހިސާބު ފާހަގަކޮށްފައިވާ ޗާޓެއް
"ފްރެންޑް 4" ދޯނި އަޑިއަށް ދިޔަ ހިސާބު ފާހަގަކޮށްފައިވާ ޗާޓެއް

ނަމަވެސް ދޯނީގެ ކައްޕިގެ އިތުރުން ސިފައިންގެ މީހަކާއި ފުލުހަކު ވަނީ ގެއްލިފައި ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. 

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.