ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭ އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބޭނުންކުރި ސާމާނު މޫދު އަޑިން ނަގައި، ތަހުގީގަށް ބޭނުންވެދާނެ ހެކި ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ޑައިވަރުންގެ ހަށިތައް ނެގުމުގެ މަސައްކަތްކުރި ޑޭން ޔޫރަޕުން ބުނެފި އެވެ.

ޑޭން ޔޫޕަރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ އޮޕަރޭޝަންގައި ކަނޑުއަޑީގައި ކުރަންޖެހޭ މަސައްކަތްތައް ނިންމާލުމުގެ ގޮތުން އިއްޔެ އެންމެ ފަހު ޑައިވް ކުރި ކަމަށެވެ.

ކުރީ ދުވަސްތަކަށް ވުރެ އިއްޔެ މޫސުން ގޯސްވެ، ވައި ގަދަވެ، ކަނޑު ގަދަވެ، އަދި އޮއިވަރު ވެސް ބާރުވުމުން ދަތިތަކާ ކުރިމަތިވި ކަމަށާއި ޑިކޮމްޕްރެޝަން ކޮމްޕްލެކްސިޓީ ވެސް އިއްޔެ ބޮޑުވި ކަމަށް އެ ބަޔާނުގައި ބުންޏެވެ. 

އެ ސަބަބުތަކާ ހުރެ، ޑައިވް ފެށުން ތާވަލުކުރި ވަގުތަށް ވުރެ އެއް ގަޑިއިރާއި 30 މިނިޓު ލަސްވި ނަމަވެސް، ހޮހަޅައިގެ ތެރޭގައި ގާތްގަނޑަކަށް 50 މިނިޓު ވަންދެން މަސައްކަތްކޮށް، ޖުމްލަ ތިން ގަޑިއިރުގެ ޑައިވްއެއް ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށް ޑޭންގެ ބަޔާނުގައި ބުންޏެވެ. 

ޑައިވިނަށް ގޮސް އުޅެނިކޮށް ހޮހަޅައިގައި ތާށިވެ މަރުވި މީހުން ހޯދުމުގެ މަސައްކަތްކުރަނީ.
ޑައިވިނަށް ގޮސް އުޅެނިކޮށް ހޮހަޅައިގައި ތާށިވެ މަރުވި މީހުން ހޯދުމުގެ މަސައްކަތްކުރަނީ.

ޑޭން އިން ބުނި ގޮތުގައި، އިއްޔެގެ ޑައިވްގެ މައިގަނޑު ބޭނުމަކީ ހޮހަޅައިގެ ތެރޭގައި ހުރި ތަކެތި ސާފުކުރުމެވެ. އޭގެ ތެރޭގައި، ރިކަވަރީ ފޭސްގައި ބޭނުންކުރި ވަގުތީ ގައިޑްލައިންތަކާއި އޮޕަރޭޝަނަލް ރިފަރެންސްތަކާއި ބޭނުންކުރި ސާމާނުތައް ނެގުން ހިމެނެ އެވެ. އަދި ތަހުގީގަށް ބޭނުންވެދާނެ އިތުރު ހެކިތަކެއް ހުރިތޯ ބަލައި، އެ ތަކެތި ހޯދުން ވެސް ކުރިއަށް ގެންދިޔަ އެވެ.

މިއީ މިފަދަ އޮޕަރޭޝަންތަކުގައި އާންމުކޮށް އަމަލުކުރާ ބެސްޓް ޕްރެކްޓިސްގެ ދަށުން، ކަނޑުގެ މާހައުލަށް ލިބޭ ގެއްލުން ކުޑަކޮށް، އޮޕަރޭޝަންގެ އެއްވެސް ނިޝާނެއް ނުބަހައްޓައި ސާފުކުރުމުގެ ގޮތުން ކުރި މަސައްކަތެއް ކަމަށް ޑޭން އިން ބުންޏެވެ.

"ކަނޑުއަޑިން މައްޗަށް ނެގި ހުރިހާ އެއްޗެއް (ހާދިސާގެ މަރުވި މީހުންގެ ހަށިގަނޑުތަކާއި ރެސްކިއު ޓީމުގެ ސާމާނު ހިމެނޭހެން) މިހާރު ވަނީ ތަހުގީގަށް ދިވެހި ފުލުހުންނާ ހަވާލުކޮށްފައި،" އެ ބަޔާނުގައި ބުންޏެވެ.

މި މައްސަލައާ ގުޅޭ ޖިނާއީ ތަހުގީގެއް އިޓަލީގެ ސަރުކާރުން ވަނީ ފަށައިފަ އެވެ. 

ޑޭން އިން ބުނީ މި ޑައިވިން އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ ޓެކްނިކަލް އަދި ކޭވް ޑައިވިންގެ ހަރުދަނާ އުސޫލުތަކުގެ މަތިން ކަމަށެވެ. ޓީމުގެ ކޮންމެ މެންބަރަކަށް ވެސް ރިކަވަރީ އާއި ސޭފްޓީ ސަޕޯޓް އަދި ޑޮކިއުމެންޓޭޝަންގެ ރޯލުތައް ސާފުކޮށް ހަވާލުކޮށްފައިވާ ކަމަށާއި އަދި ފުން ހޮހަޅަތަކުގައި ރައްކާތެރިކަމާ އެކު ގިނަ ވަގުތު ހޭދަކުރުމަށް ކްލޯސްޑް-ސާކިޓް ރީބްރީދާސް އާއި، ޑީޕީވީސްގެ އިތުރުން ރިޑަންޑަންޓް ސިސްޓަމްތައް ބޭނުންކޮށްފައިވާ ކަމަށް އެ ނެޓްވޯކުން ބުންޏެވެ.

ޑޭން އިން ވަނީ މި ބޮޑު އޮޕަރޭޝަން ކާމިޔާބުކަމާ އެކު ނިންމާލުމުގައި އެހީތެރިވެދިން ރާއްޖެ އާއި ބޭރުގެ ހުރިހާ މުއައްސަސާތަކަށާއި އާންމުންނާ އަދި އޮޕަރޭޝަނަލް ޓީމުތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ޑޭން ޔޫރަޕްގެ ސީއީއޯ ލޯރާ މަރޯނީ އިޓަލީގެ ލަ ރިޕަބްލިކާއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، އިޓަލީގެ ފަސް ޑައިވަރުން މަރުވީ ހޮހަޅައިގެ ތިން ބައިގެ ތެރެއިން ކޮޅު ބެދިފައި އޮތް ތަނުގެ ތެރެއަށް އޮޅިގެން ވަދެވި ކުރިމަތިވި ހާސްކަމުގެ ތެރޭގައި ކަމަށް ބެލެވެ އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ހަތަރު ޑައިވަރުން މަރުވެފައި ތިބީ ދެ ވަނަ ބައިގެ ތެރެއިން ގޮސް ފުރަތަމަ ބަޔަށް ނުކުމެވެން އޮންނަ ހަނި މަގުގެ މަތީގައި އޮންނަ، ހޮހަޅައިގެ ތިން ވަނަ ބައިގެ ތެރޭގަ އެވެ. 

އެހެންވެ މަރޯނީ ލަފާކުރައްވަނީ ދެވަނަ ބައިގެ ތެރެއިން ނުކުމެވޭނެ ގޮތެއް ނުފެނިގެން ހާސްކަމުގެ ތެރޭގައި ގޮސް، ތިންވަނަ ބައިގެ ތެރެއަށް ވަދެވުނީ ކަމަށެވެ. އެއީ ކޮޅުބެދިފައި އޮންނަ ބައެކެވެ.