ގެއްލުނު ޑައިވަރުން ލޮކޭޓުކުރީ މިފަދަ ކަންކަމަށް ހާއްސަ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހޮހަޅައިގެ ފުނަށް ތަޖުރިބާކާރު ޑައިވަރުން ފީނައިގެން ކަމަށް އެ އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) އިން މިއަދު ބުނެފި އެވެ. 

ޑައިވަރުންގެ ރައްކާތެރިކަމާ ގުޅޭ ކަންކަން ބަލަހައްޓާ އެމެރިކާގެ އަމިއްލަ ބޮޑު ޖަމިއްޔާއެއް ކަމަށްވާ ޑޭންގެ ޔޫރަޕްގެ ވެބްސައިޓުގައި ބުނީ ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސްގެން އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދާ ބޮޑު އޮޕަރޭޝަންގެ ފުރަތަމަ ލަނޑުދަނޑި ކާމިޔާބު ކަމާ އެކު މިހާރު ހާސިލް ކޮށްފައިވާ ކަމަށެވެ. 

ގެއްލުނު މީހުން ހޯދަން، ރާއްޖެ ގަޑިން މިއަދު މެންދުރު ފަހު 12:30 ގައި ފެށި މި ޑައިވް ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދިޔަ ކަމަށް ޑޭން އިން ބުންޏެވެ.

ޑޭން އިން ބުނީ އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމުން އެ ހޮހަޅައިގެ އެތެރެ ބަލައި ފާސްކޮށް، އެ ތަނުގެ މާހައުލާއި އޮޕަރޭޝަނަލް ހާލަތްތައް ވަޒަންކޮށް، ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިގަނޑު ވެސް އެތަނުގެ ތެރެއިން ލޮކޭޓް ކޮށްފައިވާ ކަމަށެވެ. އެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް މި އޮޕަރޭޝަންގެ ކުރިއަށް އޮތް މަރުހަލާގައި ކުރިއަށް ގެންދަން ރާވަމުން އަންނަ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. 

އެ ޖަމިއްޔާއިން ވެސް ފާހަގަކުރި ގޮތުގައި، މިއީ ޓެކްނިކަލް ގޮތުން ގޮންޖެހުންތައް ބޮޑު، ނަފްސާނީ ގޮތުން ވެސް އުނދަގޫތައް ކުރިމަތިވާ އަދި ހިންގުމުގެ ގޮތުން ވެސް ވަރަށް އުނދަގޫ އޮޕަރޭޝަނެކެވެ. 

މި ހާއްސަ އޮޕަރޭޝަންގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ތިން ޑައިވަރުންނަކީ ފުން އަދި ބަންދުވެފައިވާ ފެނުގެ އަޑީގެ މާހައުލުތަކާއި ހަނި ޖާގަތަކާއި ނުރައްކާތެރި ހާލަތްތަކުގައި ހިންގާ ބޮޑެތި ސާޗް އެންޑް ރިކަވަރީ މިޝަންތަކުގެ ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ޓެކްނިކަލްގެ އިތުރުން ކޭވް ޑައިވަރުން ކަމަށް ޑޭން އިން ބުންޏެވެ.

މިޝަންގެ އިތުރު ތަފުސީލު

  • މިއަދުގެ މިޝަން ފުރިހަމަކުރުމަށް އެ ޓީމުން ވަނީ ޒަމާނީ ޓެކްނިކަލް ނިޒާމުތައް ބޭނުންކޮށްފައި. އޭގެ ތެރޭގައި ކްލޯޒްޑް-ސާކިޓް ރީބްރީދާސް، މަތީ ފެންވަރުގެ ޑީޕީވީ ނުވަތަ ޑައިވަރުން ދުއްވާ އުޅަނދުތައް އަދި ފުރިހަމަ ރެޑަންޑަންޓް ލައިފް-ސަޕޯޓް (އިތުރު ރައްކާތެރިކަމުގެ ނިޒާމުތައް ހިމެނޭ) ކޮންފިގަރޭޝަންތައް ހިމެނޭ. އެ ޓެކްނޮލޮޖީތަކުގެ އެހީގައި، ސަލާމަތީ މިންގަނޑުތަކަށް ފެތޭ ގޮތަށް، އެ ފުން ހޮހަޅައިގެ މާހައުލުގެ ތެރެއަށް ވަދެ ގިނަ ވަގުތު ރައްކާތެރިކަމާ އެކު ފީނުމުގެ ފުރުސަތު ޑައިވަރުންނަށް ލިބުނު.
  • ރީބްރީދާއަކީ ނޭވާލާފައި ބޭރުކުރާ ގޭސް އަލުން ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ކްލޯޒްޑް-ސާކިޓް ޑައިވިން ނިޒާމެއް. އެއީ ކެމިކަލް ސްކްރަބަރެއްގެ އެހީގައި ކާބަންޑައިއޮކްސައިޑް ވަކިކޮށް، ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން އޮޓޮމެޓިކުން ބަދަލުކޮށްދޭ ނިޒާމެއް. އޭގެ ސަބަބުން، ގިނަ ވަގުތު ފީނުމުގެ ފުރުސަތު ލިބޭ. 

"މިއަދުގެ ނަތީޖާއަކީ ފުރިހަމައަށް ތައްޔާރުވުމާއި ޓެކްނިކަލް މޮޅުކަމާއި އަދި ނަމޫނާ ޓީމްވޯކެއްގެ ނަތީޖާ. އެ ތަނުގައި ހަރަކާތްތެރިވަމުން އަންނަ މާހިރުން މިފަދަ ދަތި މާހައުލެއްގައި ޕްރޮފެޝަނަލް ކަމާއި އަހުލާގީ ހަމަތަކާއި އަދި އިންސާނިއްޔަތުކަމާ އެކު ކުރަމުން އަންނަ މަސައްކަތަށް އަޅުގަނޑުމެން ފުންކޮށް ޝުކުރުވެރިވަން،" ޑޭން ޔޫރަޕުގެ ސީއީއޯ ލޯރާ މަރޯނީ ވިދާޅުވެފައިވެ އެވެ. 

ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި މީހުންގެ ތެރޭގައި ހިމެނޭ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އަދި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމާކަލް (ފޮޓޯގެ ވާތްފަރާތުގައި) އަދި ހާދިސާގައި މަރުވި އަނެއް ތިން މީހުން.
ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި މީހުންގެ ތެރޭގައި ހިމެނޭ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އަދި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމާކަލް (ފޮޓޯގެ ވާތްފަރާތުގައި) އަދި ހާދިސާގައި މަރުވި އަނެއް ތިން މީހުން.

އަލިމަތިމާ ކައިރީގައި އޮތް ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މިދިޔަ ބުރާފަސްތި ދުވަހު ގެއްލުނީ އިޓަލީގެ ހަތަރު ޑައިވަރަކާއި ހަމަ އެ ގައުމުގެ ޑައިވިން އިންސްޓްރަކްޓަރެކެވެ. ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ހަމަ އެ ދުވަހު ކަނޑުއަޑިން ފެނުނެވެ.  

އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައި، ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިންނެވެ.

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި ކަނޑުމަތީގެ އެންމެ ހިތާމަވެރި މި ހާދިސާއާ ގުޅިގެން އެ ޑައިވަރުން ދަތުރުކުރި ސަފާރީ "އެމްވީ ޑޫކް އޮފް ޔޯކް"ގެ އޮޕަރޭޓިން ލައިސަންސް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ސަސްޕެންޑު ކޮށްފަ އެވެ.