ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޮހޮޅައިގެ ތެރެއިން ފެނިއްޖެ އެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޓޫރިސްޓުން ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑާއި ފުލުހުންނާއި އިޓަލީގެ ސަރުކާރުން ފޮނުވި ބޭރުގެ ޑައިވަރުން ގުޅިގެން ހިންގަމުން އަންނަ އޮޕަރޭޝަނުގައި އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާ ކަމަށެވެ.
ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިގަނޑު ފެނިފައި ވަނީ އެމީހުން ޑައިވް ކުރި ހޮހަޅައިގެ ތެރެއިން ކަމަށާއި ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ހޮހަޅައިން ނެގުމުގެ މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ މި ހަށިގަނޑުތައް ހޯދިފައި ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑާއި ދިވެހި ފުލުހުން އަދި އިޓަލީ ސަރުކާރުގެ އެހީތެރިކަމާ އެކު އެކަމަށް ހާއްސަކޮށް، ތަމްރީނުވެފައިވާ ފުން ކަނޑުތަކަށް ފީނާ ޑައިވަރުންގެ ޓީމަކުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަަށެވެ.
މި ހަށިގަނޑުތައް މައްޗަށް ނެގުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
މި އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މިދިޔަ ހޮނިހިރު ދުވަހު ނިޔާވުމާ ގުޅިގެން އޮޕަރޭޝަން މެދުކަނޑާލުމަށް ފަހު، އޮޕަރޭޝަން އަލުން ފެށީ މިއަދު ހެނދުނު އެވެ.
ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމާއި ރާއްޖޭގެ ރިކަވަރީ މިޝަންގެ ޓީމާ ދެމެދު އިއްޔެ ކުރެވުނު މަޝްވަރާތަކަށް، އާރުއޯވީ ނުވަތަ ކަނޑު އަޑިއަށް ފޮނުވާ ރިމޯޓް ކޮންޓްރޯލް ވެހިކަލް ބޭނުންކޮށްގެން މިއަދު އެ ސަރަހައްދު ވަނީ ބަލައިފަ އެވެ. ނަމަވެސް، މިއަދު މާ ފުނަށް ފީނާ ގޮތަށް ހަމަޖެހިފައެއް ނުވެ އެވެ.
މި އޮޕަރޭޝަނަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ދިނުމަށް މޫދުގެ ސާވޭތައް ކުރާ ތަޖުރިބާކާރުންގެ ދެ ޓީމަކުން ވެސް ވޮލަންޓިއަރުންގެ ގޮތުގައި އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ގެއްލުނު މީހުން ހޯދަން ހަވާލުކޮށްފައި ވަނީ ޑައިވަރުންގެ ރައްކާތެރިކަމާ ގުޅޭ ކަންކަން ބަލަހައްޓާ އެމެރިކާގެ އަމިއްލަ ބޮޑު ޖަމިއްޔާއެއް ކަމަށްވާ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން)އާ އެވެ. އެ ޓީމުގައި ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ހިމެނެ އެވެ. ރާއްޖެ އައި ފިންލެންޑުގެ ތިން ޑައިވަރުންނަކީ ވެސް ހޮހަޅައަށް ފީނުމުގައި ތަޖުރިބާ ހުރި މީހުންނެވެ. އެމީހުން އައީ ވެސް ޓެކްނިކަލް އިކުއިޕްމަންޓާ އެކުގަ އެވެ.
އިނގިރޭސިވިލާތާއި އެމެރިކާ އަދި އޮސްޓްރޭލިއާ ސަރުކާރުން ވެސް ވަނީ ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނަށް އެހީތެރިކަން ދޭން އިޓަލީއަށް ހުށަހަޅައިފަ އެވެ. އަދި މި އޮޕަރޭޝަނުގައި އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތުގެ ސަރުކާރުގެ ޓެކްނިކަލް ސަޕޯޓު ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ވ. އަލިމަތިމާ ކައިރީގައި އޮތް ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މިދިޔަ ބުރާފަސްތި ދުވަހު ގެއްލުނީ އިޓަލީގެ ހަތަރު ޑައިވަރަކާއި ހަމަ އެ ގައުމުގެ ޑައިވިން އިންސްޓްރަކްޓަރެކެވެ. ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ހަމަ އެ ދުވަހު ކަނޑުއަޑިން ފެނުނެވެ.
އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައިމ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިންނެވެ.
ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި ކަނޑުމަތީގެ އެންމެ ހިތާމަވެރި މި ހާދިސާއާ ގުޅިގެން އެ ޑައިވަރުން ދަތުރުކުރި ސަފާރީ "އެމްވީ ޑޫކް އޮފް ޔޯކް"ގެ އޮޕަރޭޓިން ލައިސަންސް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ސަސްޕެންޑު ކޮށްފަ އެވެ.