ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ވަދެ އުޅެނިކޮށް މަރުވި އިޓަލީގެ ޑައިވަރުންގެ ތެރޭގައި ހިމެނޭ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅުގެ ހަށިގަނޑު ވެސް މިހާރު ވަނީ އިޓަލީއަށް ގެންގޮސްފަ އެވެ. 

ނަމަވެސް، އަނބިމީހާ އާއި ދަރިފުޅު ވަކިވެދިއުމުން ފުން ހިތާމައެއްގައި ހުރި ކާލޯ ސޮމަކާލް ވަނީ އެ ދެމައިންގެ ހަށިގަނޑު ދެނެގަތުމަށް ދާނެ ހިތްވަރު ވެސް ނެތް ކަމަށް ބުނެފަ އެވެ.  

ސަބަބު އޭނާ ކިޔައިދިނީ 52 އަހަރުގެ އަނބިމީހާ އާއި 20 އަހަރުގެ ދަރިފުޅަށް އޮތް ހާއްސަ ލޯތްބާއި މަގާމު ހާމަކޮށްދެމުންނެވެ. 

ޔުނިވަސިޓީ އޮފް ޖެނޯއާގެ މެރިން ބަޔޮލޮޖީގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރި މޮނިކާގެ ފިރިމީހާ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައި ސިފަކުރި ގޮތުގައި އޭނާގެ އަންހެނުންނާއި ދަރިފުޅަކީ "ދެ ޕްރިންސެސް" އެވެ.

އެއީ އަބަދުވެސް ހިނިތުންވެފައި ތިބޭ ދެމައިން ކަމަށާއި ދިރިއުޅުމުގެ އުފާވެރިކަމުން ފުރިގެންވީ ދެ ފުރާނަ ކަމަށް ވެސް ސިފަކޮށްފައިވެ އެވެ.

ވ. އަތޮޅުގެ "މިޔަރު ކަނޑު ކޭވް"އަށް ގެއްލުނު މީހުން ހޯދަން ހިންގި އޮޕަރޭޝަނުގެ ތެރެއިން
ވ. އަތޮޅުގެ "މިޔަރު ކަނޑު ކޭވް"އަށް ގެއްލުނު މީހުން ހޯދަން ހިންގި އޮޕަރޭޝަނުގެ ތެރެއިން

ސޮމަކާލް ބުނި ގޮތުގައި އެ ދެމައިންގެ މުޅި ދުނިޔެއަކީ ތައުލީމާއި އުނގެނުމެވެ. ބަޔޯމެޑިކަލް އިންޖިނިއަރިން ކިޔަވައި ނިމިފައިވާ ދަރިފުޅު ޖޯޖިއާގެ އެންމެ ބޮޑު އުންމީދަކީ އޭނާގެ މަންމަ ފަދައިން މެރިން ބަޔޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުން ކަމަށް ވެސް އޭނާ ލިޔެފައިވެ އެވެ.

"ދަރިފުޅު އަބަދުވެސް ބުނާނެ، މަންމަ ކުރަނީ ހާދަ ފުރިހަމަ، ހާދަ ރީތި މަސައްކަތެކޭ،" ސޮމަކާލްގެ ޕޯސްޓްގައިބެ އެވެ.

އޭނާ ދެކޭގޮތުގައި އެ ދެމައިންނަކީ ކަނޑުގެ ދުނިޔޭގައި ރަނިކަންކުރާ ދެ "މާމެއިޑް" އެވެ. 

އެ ދެމައިންނާ ދިމާލަށް ހިތްހަމަނުޖެހިގެން އެއްޗެއް ބުނެވޭ ކޮންމެ ފަހަރަކު ފަހުން އިންތިހާއަށް ދެރަވާ ކަމަށާއި ސަބަބަކީ ކޮންމެ ހާލަތެއްގައި ވެސް އެ ދެމައިންގެ މޫނުމަތިން ހިނިތުންވުން ގެއްލި ނުދާތީ ކަމަށް ބުންޏެވެ.

އިޓަލީގެ ޑައިވަރުން މަރުވި ހޮހަޅައިގެ ތެރޭ، މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތުގައި ބައިވެރިވި ޑައިވަރަކު ފީނަނީ -- ފޮޓޯ: ޑައިވާސް އެލާޓް ނެޓްވޯކް
އިޓަލީގެ ޑައިވަރުން މަރުވި ހޮހަޅައިގެ ތެރޭ، މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތުގައި ބައިވެރިވި ޑައިވަރަކު ފީނަނީ -- ފޮޓޯ: ޑައިވާސް އެލާޓް ނެޓްވޯކް

ހާދިސާގައި މަރުވި އިޓަލީ އެންމެންގެ ހަށިތައް މިހާރު އިޓަލީއަށް ގެންގޮސްފައިވީ ނަމަވެސް، އެ ހަށިގަނޑުތައް ދެނެގަތުމަށް (އައިޑެންޓިފައި ކުރަން) ދާނެ ހިތްވަރެއް ސޮމަކާލްގެ ނެތެވެ.

"އަހަރެން އަބަދުވެސް އެމީހުން ދެކެނީ އުފާވެރިކަމާ އެކު ހިނިތުންވެފައި ތިއްބާ. އެ ނޫން އެހެން މަންޒަރެއް އަހަރެންގެ ހިތުގައި ބިންވަޅު ނެގޭކަށް ބޭނުމެއް ނޫން. އެކަމާ މެދު ވިސްނާލުމަކީ ވެސް ކެތްކުރަން ދަތި ކަމެއް،" އޭނާ ލިޔެފައިވެ އެވެ.

ކާލޯ ފާހަގަކުރި ގޮތުގައި މޮނިކާގެ މުޅި ހަޔާތް ގުޅިފައިވަނީ ކަނޑާ އެވެ.

އިޓަލީގައި ހުންނަ މޮނިކާގެ ސްޓޫޑިއޯ ކައިރިއަށް ދާންވެސް މިހާރު އޭނާއަށް އުނދަގުލެވެ. އެތަން ވަނީ އޭނާގެ ހަނދާނުގައި ހެޔޮއެދޭ ފަރާތްތަކުން ބަހައްޓާފައިވާ މާބޮނޑިތަކާއި، ލޯބީގެ މެސެޖުތަކުން ފުރިފަ އެވެ.

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި ޑައިވިންގެ އެންމެ ހިތާމަވެރި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި މޮނިކާގެ ދެމައިންގެ އިތުރުން ހިމެނެނީ އިޓަލީގެ ޓޫރިންގެ މިއުރިއަލް އޮޑެނީނޯ އަދި އިޓަލީގެ ޕަޑުއާގެ ޖިއަންލޫކާ ބެނެޑެޓީ އެވެ.

ކަނޑު އަޑީގެ ހޮހޮޅައިގައި ތާށިވެ، މަރުވެފައި ތިބި ޑައިވަރުން ހޯދުމަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަނަށް ފަހު، މިހާތަނަށް ހާމަކުރި މައުލޫމާތަށް ބަލާއިރު ހޮގަޅަ ތެރޭ މީހުން މަރުވީ މަގު އޮޅިގެން ގޮސް، ކޮޅު ބެދިފައި އޮތް ތަނެއްގެ ތެރެއަށް ވަދެވިގެންނެވެ. 

ވ. އަތޮޅު އަލިމަތާ ކައިރީ އޮންނަ ކޭވްއަކަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މީހުން ހޯދުމަށް ހިންގި އޮޕަރޭޝަނުގެ ތެރެއިން--
ވ. އަތޮޅު އަލިމަތާ ކައިރީ އޮންނަ ކޭވްއަކަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މީހުން ހޯދުމަށް ހިންގި އޮޕަރޭޝަނުގެ ތެރެއިން--

މަރުވި މީހުންގެ ހަށިތައް ނެގުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) އިން ދިވެހި ސިފައިން އަދި ފުލުހުންނާ ގުޅިގެންނެވެ. އެ ރިޕޯޓްގައި ތަޖުރިބާކާރު ޑައިވަރުން އިރުޝާދު ދީފައިވަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ އާއި ހޮހަޅަތަކަށް ފީނުމުގެ ހާއްސަ ތަމްރީނާއި ބޭނުންވާ ފަންނީ ސާމާނު ނެތި އެ ހޮހަޅައަށް ނުވަނުމަށެވެ.

ހޮހަޅަތަކަށް ފީނުމަކީ އޭގެ ޒާތުގައި ނުރައްކާތެރި ކަމަކަށް ވާތީ، މިއީ ހަމައެކަނި އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ އަދި ފުރިހަމަ ވަސީލަތްތައް ހުރި ފަރާތްތަކުން ނޫނީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ޑައިވަރުން ބޭނުންކުރީ އެފަދަ ތަނަކަށް ފީނުމަށް އެކަށީގެންވާ އާލާތްތަކެއް ނޫން ކަމަށާއި އެ މީހުން ގައިޑް ރޯޕް ވެސް ގެންގުޅެފައި ނުވާ ކަމަށް އެ ޑައިވަރުންގެ ހަށިތައް ނެގުމުގެ މަސައްކަތްކުރި ޑޭން ޔޫރަޕްގެ ޑައިވަރަކު ވަނީ ބުނެފަ އެވެ.