ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ބޮޑު އޮޕަރޭޝަން ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު މިއަދު އަލުން ފަށައިފި އެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) "މިހާރު" އަށް ވިދާޅުވީ ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމާއި ރާއްޖޭގެ ރެސްކިއު މިޝަންގެ ޓީމާ ދެމެދު އިއްޔެ ކުރެވުނު މަޝްވަރާތަކަށް ފަހުގައި، މެދުކަނޑާލާފައި އޮތް އޮޕަރޭޝަން މިއަދު އަލުން ފަށާފައިވާ ކަމަށެވެ.
އޮޕަރޭޝަން އަލުން ފެށި ނަމަވެސް، މިއަދު މާ ފުނަށް ފީނަން ހަމަޖެހިފައި ނުވާ ކަމަށް މުންދު ވިދާޅުވި އެވެ.
"މިއަދު އާރުއޯވީ [ކަނޑު އަޑިއަށް ފޮނުވާ ރިމޯޓް ކޮންޓްރޯލް ވެހިކަލް] ވެސް އެބަ ބޭނުންކުރޭ. އެކަމަކު އޮއިވަރު ހުރި ގޮތުން މާ ފުނަށް ފޮނުވޭ ގޮތެއް އަދި ނުވޭ،" އޭނާ ވިދާޅުވި އެވެ.
"މާ ޑީޕް ޑައިވްތަކެއް ވެސް މިއަދު ނުކުރާނެ. ސައިޓް ބަލައި، ބޭރުގެ ޓީމާ އެކު [ސައިޓަށް] ފެމިލަރައިޒްވުމުގެ ބައިތައް މިއަދު ކުރިއަށް ގެންދާނީ."
މުންދު ވިދާޅުވީ ބޭރުގެ ޑައިވަރުންގެ ޓީމާއި ރާއްޖޭގެ ރެސްކިއު މިޝަންގެ ޓީމާ އެކު، ދިވެހި ފުލުހުންގެ ޑައިވަރުންގެ ޓީމެއް ވެސް މިހާރު މި އޮޕަރޭޝަންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، މި އޮޕަރޭޝަނަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ދިނުމަށް މޫދުގެ ސާވޭތައް ކުރާ ތަޖުރިބާކާރުން ދެ ޓީމަކުން ވޮލަންޓިއަރުންގެ ގޮތުގައި އެ މަސައްކަތް ވެސް ސައިޓުގައި މިވަގުތު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ޑައިވަރުން މާ ފުނަށް ދެން ނުފީނާނެ ކަމަށާއި ކުރާނީ ކޮންމެހެން ކުރަން ޖެހޭ "ރިކްރިއޭޝަނަލް ސްކޫބާ ޑައިވްތައް" އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
މުންދު ވިދާޅުވީ މި އޮޕަރޭޝަންގައި ފުނަށް ކުރަން ޖެހޭ "ޑައިވްތައް" ދެން ކުރާނީ މި އޮޕަރޭޝަނާ ގުޅިފައިވާ ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ކަމަށެވެ.
އެ އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މިދިޔަ ހޮނިހިރު ދުވަހު ނިޔާވުމާ ގުޅިގެން އޮޕަރޭޝަން އޮތީ މެދުކަނޑާލައިފަ އެވެ. އޭނާގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މާލޭގައި ވަނީ ބާއްވައިފަ އެވެ.
ގެއްލުނު މީހުން ހޯދަން ހަވާލުކޮށްފައި ވަނީ އިޓަލީގެ ޑޭން ނަމަކަށް ކުންފުންޏަކާ އެވެ. ރާއްޖެ އައި ފިންލެންޑުގެ ތިން ޑައިވަރުންނަކީ ވެސް ހޮހަޅައަށް ފީނުމުގައި ތަޖުރިބާ ހުރި މީހުންނެވެ. އެމީހުން އައީ ވެސް ޓެކްނިކަލް އިކުއިޕްމަންޓާ އެކުގަ އެވެ.
އިނގިރޭސިވިލާތާއި އެމެރިކާ އަދި އޮސްޓްރޭލިއާ ސަރުކާރުން ވެސް ވަނީ ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނަށް އެހީތެރިކަން ދޭން އިޓަލީއަށް ހުށަހަޅައިފަ އެވެ. އަދި މި އޮޕަރޭޝަނުގައި އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތުގެ ސަރުކާރުގެ ޓެކްނިކަލް ސަޕޯޓު ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ވ. އަތޮޅުގެ މަޝްހޫރު "މިޔަރު ޑައިވް" ސައިޓުގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް މިދިޔަ ހުކުރު ދުވަހު ގެއްލުނީ އިޓަލީގެ ހަތަރު ޑައިވަރަކާއި ހަމަ އެ ގައުމުގެ ޑައިވިން އިންސްޓްރަކްޓަރެކެވެ. ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ހަމަ އެ ދުވަހު ކަނޑުއަޑިން ފެނުނު ނަމަވެސް، ދެން ތިބި ހަތަރު މީހުންގެ ހަށިގަނޑު އަދިވެސް ނުފެނެ އެވެ.
އެމްއެންޑީއެފުން ކުރިން ބުނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިން ކަމަށެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީ ކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ހޮހަޅައިގެ އެތެރޭގައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
ރާއްޖޭގައި ފީނަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރަށެވެ.
ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި ކަނޑުމަތީގެ އެންމެ ހިތާމަވެރި މި ހާދިސާއާ ގުޅިގެން އެ ޑައިވަރުން ދަތުރުކުރި ސަފާރީ "އެމްވީ ޑޫކް އޮފް ޔޯކް"ގެ އޮޕަރޭޓިން ލައިސަންސް ވެސް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ސަސްޕެންޑު ކޮށްފަ އެވެ.
މިނިސްޓްރީގެ ޕޯޓަލް އިން ދައްކާ ގޮތުގައި 12 ކޮޓަރީގެ އެ ސަފާރީގެ ވެރިފަރާތަކީ އަބްދުލް މުހުސިން މޫސާ ކިޔާ މީހެކެވެ. އަދި އެ ސަފާރީ އޮޕަރޭޓްކުރަނީ މުހުސިން އާއި އިބްރާހިމް ރަޝީދުގެ ހިއްސާ އޮންނަ އައިލެންޑު ކްރޫޒް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ.