ކަނޑުއަޑީގެ ހޮހަޅައަކަށް ގެއްލުނު އިޓަލީގެ ޓޫރިސްޓުންތައް ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ނިޔާވި ސިފައިންގެ އޮފިސަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއަށް އިޓަލީވިލާތުން ހިތްވަރު ގަދަކަމުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި އެވެ.
މަހުދީއަށް ދޭން ނިންމާފައިވަނީ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ"ގެ ޝަރަފެވެ. އެއީ އާދަޔާހިލާފު ހިތްވަރު ގަދަކަމުގެ އަގުވަޒަން ކުރުމަށް އިޓަލީވިލާތުގެ ސަރުކާރުން ދޭ އެންމެ މަތީ ޝަރަފެވެ.
ކޮލަމްބޯގައި ހުންނަ އިޓަލީގެ އެމްބަސީއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މަހުދީގެ ހަނދާނަށް އެ އެވޯޑު ދޭން ނިންމީ އިޓަލީގެ ޑައިވަރުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި މަހުދީ ދެއްކި އާދަޔާ ހިލާފު ހިތްވަރާއި އިންސާނިއްޔަތަށްޓަކައި ކުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
ކޮލަމްބޯގައި ހުންނަ އިޓަލީގެ އެމްބަސީ އާއި މާލޭގައި ހުންނަ އެ ގައުމުގެ އޮނަރަރީ ކޮންސިއުލާ އެޖެންސީއިން ވަނީ މަހުދީގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑްރެއިޒް ހަރަކާތެއް ވެސް ފަށައިފަ އެވެ.
އެ ހަރަކާތަށް ފައިސާ ހަދިޔާކުރަން މިހާރު ހުޅުވާލާފައި ވާއިރު، ފައިސާ ޖަމާކުރަން ޖެހެނީ އެކަމަށް ހާއްސަ ބޭންކް އެކައުންޓަށެވެ. އެގޮތުން މަހުދީ މެމޯރިއަލް ފަންޑުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެ އެކައުންޓަށް ފައިސާ ޖަމާކުރެވޭއިރު ފަންޑްރެއިޒް ކުރުމުގެ ހަރަކާތް މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްބަސީން ބުންޏެވެ.
ވ. އަލިމަތާ ކައިރިން 60 މީޓަރު އަޑީގައިވާ ކޭވްއެއް ބަލަން ގޮސް އުޅެނިކޮށް މިދިޔަ މެއި މަހު ގެއްލުނީ އިޓަލީގެ ހަތަރު ޓޫރިސްޓުންނާއި އެ މީހުން ގޮވައިގެން ދިޔަ ސަފާރީގައި އުޅޭ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރެވެ.
އެ މީހުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ސިފައިންގެ ޑައިވަރެއް ކަމަށްވާ މަހުދީ ނިޔާވީ އޭނާ ޑީކޯ ވެގެން މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.
މަހުދީގެ މަރަށް ފަހު އެ އޮޕަރޭޝަން މެދުކަނޑާލި ނަމަވެސް ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމު ހިމެނޭ ޓީމެއް ރާއްޖެއަށް އައިސް އެމްއެންޑީއެފާއި ފުލުހުންގެ އެހީތެރިކަމާ އެކު ރިކަވަރީ މިޝަނެއްގައި އެ ތިން މީހުންގެ ހަށިގަނޑު ނެގުމަށްފަހު އިޓަލީއަށް ވަނީ ގެންގޮސްފަ އެވެ.