ވ. އަތޮޅުގައި ސަފާރީއަކުން މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ދިޔަ އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކު މީގެ އިރުކޮޅެއް ކުރިން ނިޔާވެއްޖެ އެވެ.

ނިޔާވީ އެމްއެންޑީއެފުން ބުނި ގޮތުގައި ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ އެވެ.

ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި މިއަދު ޑައިވް ކުރަނިކޮށް ހާލުދެރަވި، މަހުދީ ނިޔާވީ އޭޑީކޭ އަށް ގެންގޮސް ފަރުވާ ދެނިކޮށް ކަން އެމްއެންޑީއެފުން ކަށަވަރު ކޮށްދިނެވެ. 

މަހުދީ ވަނީ އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށްދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ މެންދުރުފަހު އެ ސަރަހައްދަށް ވަޑައިގަތުމުން ދެއްވި ބްރީފިންގައި ވެސް ބައިވެފަ އެވެ. އޭރު ވެސް މަހުދީ ހުރީ ޑައިވިން އަށް ތައްޔާރު ވެގެންނެވެ. 

ޑައިވަރުން ހޯދުމަށް ހިންގާ އޮޕަރޭޝަނާބެހޭ މައުލޫމާތު ރައީސް މުއިއްޒަށް އިއްޔެ ހަވީރު އަރުވާއިރު އެ މަނިކުފާނު ކަނާތްފަރާތުގައި މަހުދީ: މަހުދީ މިއަދު މެންދުރުފަހު ނިޔާވީ އިޓަލީގެ ޑައިވަރުން ހޯދުމަށް ފީނުމުގެ ތެރޭގައި ހާލު ދެރަވެގެން ހޮސްޕިޓަލްގައި ފަރުވާދެނިކޮށް.--- ފޮޓޯ: ރައީސް އޮފީސް
ޑައިވަރުން ހޯދުމަށް ހިންގާ އޮޕަރޭޝަނާބެހޭ މައުލޫމާތު ރައީސް މުއިއްޒަށް އިއްޔެ ހަވީރު އަރުވާއިރު އެ މަނިކުފާނު ކަނާތްފަރާތުގައި މަހުދީ: މަހުދީ މިއަދު މެންދުރުފަހު ނިޔާވީ އިޓަލީގެ ޑައިވަރުން ހޯދުމަށް ފީނުމުގެ ތެރޭގައި ހާލު ދެރަވެގެން ހޮސްޕިޓަލްގައި ފަރުވާދެނިކޮށް.--- ފޮޓޯ: ރައީސް އޮފީސް

އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީގެ ފަސް މީހުންނެވެ. އެއީ ހަތަރު ޓޫރިސްޓުންނާއި އެ ސަފާރީގެ ޑައިވިން އިންސްޓްރަކްޓަރެވެ. އޭގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނުނަސް ބާކީ ތިބި ހަތަރު މީހުން އަދި ނުފެނެ އެވެ.

އެމްއެންޑީއެފުން އެ ދުވަހު ބުނީ މިހާތަނަށް ހޯދުނު މީހާގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ކޭވްއެއްގެ ތެރެއިން ކަމަށެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ކޭވްގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގައި ޑައިވްކުރަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރެވެ. ކަމާގުޅުން ހުރި އިދާރާތަކުން ދަނީ އެ އަށް ވުރެ ފުނަށް ފީނި ސަބަބު ބަލަމުންނެވެ.

އަދި އެ ޓޫރިސްޓުންނާ ހަވާލުވި ސަފާރީގެ އޮޕަރޭޓިން ލައިސަންސް ސަރުކާރުން ރޭގައި ވަނީ ސަސްޕެންޑުކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ 2010 ވަނަ އަހަރު ބަން "އެމްވީ ޑޫކް އޮފް ޔޯކް"ގެ ލައިސަންސް ހިފެހެއްޓީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. 

އެ މިނިސްޓްރީން ބުނީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އެންމެންގެ ޒިންމާއެއް ކަމަށެވެ. އެހެންވެ، ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ މިންގަނޑުތައް ދެމެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް އެ އިދާރާއިން ވަނީ ދީފަ އެވެ.