ޑައިވީނަށް ގޮސް އުޅުނު ޓޫރިސްޓުންތަކެއް ގެއްލުނު މައްސަލާގައި، ޑައިވްކުރަން ހުއްދަ ދޭ ފުންމިނަށް ވުރެ އަޑިއަށް ޑައިވްކުރި ސަބަބު ހޯދުމަށް ތަހުގީގެއް ހިންގާނެ ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ. 

ވ. އަލިމަތާ ކައިރިއަށް ޑައިވިންއަށް ގޮސް އުޅެނިކޮށް އިޓަލީގެ ފަސް ޓޫރިސްޓުން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެގެ މެންދުރުފަހު 1:45 ހާއިރެވެ. އޭގެ ތެރެއިން ފުރަތަމަ މީހާގެ މަރުވެފައިވާ ހަށިގަނޑު އިއްޔެގެ އިރުއޮއްސުނު ފަހުން ފެނުނެވެ. ނަމަވެސް ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު މިހާތަނަށް ވެސް ނުފެނެ އެވެ.  

އޭއެފްޕީ ނިއުސް އެޖެންސީންއަށް މުންދު ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ  ގެއްލުނު މީހުން ހޯދުމަށް ބަލަންޖެހޭ ސަރަހައްދު ކަމާބެހޭ އިދާރާތަކުން މިހާރު ފާހަގަކޮށްފައިވާ ކަމަށެވެ. 

މޫސުން ރަނގަޅުވުމާއެކު އަލުން މަސައްކަތް ފަށާނެ ކަމަށާއި އަދި ބެލެވޭ ގޮތުގައި އެ މީހުން ތާށިވެފައިވަނީ ގާތްގަނޑަކަށް 60 މީޓަރު (196 ފޫޓު) އަޑީގައި އޮތް ހޮހަޅައެއްގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މޫސުން ހުރިގޮތުން މިއީ ފީނުމަށް އެންމެ އެކަށީގެންވާ ވަގުތެއް ނޫން. ކަނޑު ވަރަށް ގަދަ. ކޯސްޓްގާޑުގެ އެންމެ ބޮޑު އުޅަނދު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައި. އަދި އިޓަލީގެ ޑިޕްލޮމެޓުން ވެސް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދޭ،" މުންދު ވިދާޅުވި އެވެ.

ރާއްޖޭގައި ޑައިވްކުރަން ހުއްދަ އޮންނަނީ އެންމެ އަޑިއަށް 30 މީޓަރަށެވެ. އަދި އެއަށްވުރެ ފުނަށް ޑައިވްކުރުމަކީ ހުއްދަކަމެއް ނޫނެވެ.

އިޓަލީގެ ޓޫރިސްޓުން ފޭބި ކޭވްގައި، ރާއްޖޭގެ މަޝްހޫރު ޑައިވަރެއް ކަމަށްވާ ޝަފްރާޒް ނައީމް: ޝަފްރާޒް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ މި ފޮޓޯއާ އެކު ބުނެފައިވަނީ އެއީ 58 މީޓަރު ފުން ކަމަށް.
އިޓަލީގެ ޓޫރިސްޓުން ފޭބި ކޭވްގައި، ރާއްޖޭގެ މަޝްހޫރު ޑައިވަރެއް ކަމަށްވާ ޝަފްރާޒް ނައީމް: ޝަފްރާޒް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ މި ފޮޓޯއާ އެކު ބުނެފައިވަނީ އެއީ 58 މީޓަރު ފުން ކަމަށް.

މުންދު ވިދާޅުވީ އެމީހުން ކަނޑައެޅިފައިވާ ފުންމިނަށްވުރެ އަޑިއަށް ދިޔަ ސަބަބު ހޯދުމަށް ވަކި ތަހުގީގެއް ކުރިއަށް ގެންދާނެ ކަމަށެވެ. ނަމަވެސް މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އެމީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅޭގޮތުން އިޓަލީގެ ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނަކާ ހަވާލާދީ އޭއެފްޕީ ނިއުސް އެޖެންސީން ބުނިގޮތުގައި ފަސް މީހުން ވެސް ވަނީ މަރުވެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ މީހުން މަރުވީ 50 މީޓަރު (164 ފޫޓް) ފުނުގައިވާ ކޭވްތަކެއް ބަލަން އުޅުމުގެ ތެރޭގަ އެވެ.

އެމްއެންޑީއެފުން އިއްޔެ ބުނީ މިހާތަނަށް ފެނުނު މީހާގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ކޭވްގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ހާއްސަ ސާމާނު ރޭގެ ވަގުތެއްގައި އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށެވެ. 

އެ އޮޮޕަރޭޝަން ކުރިއަށް ގެންދާއިރު އެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ އެންމެ ބޮޑު އުޅަނދު ކަމަށްވާ ކޯސްޓްގާޑް ޣާޒީ ވެސް ހަރަކާތްތެރިވަމުން އެބަދެ އެވެ. 

މުންދު ވިދާޅުވި ގޮތުގައި އެ އުޅަނދުގައި އިޓަލީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސް އެބައިންނެވި އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މިއަދު ހަވީރު އެ ސަރަހައްދަށް ވަޑައިގެން މަސައްކަތްތައް ބައްލަވާލައްވައިފަ އެވެ.