ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މީގެ ފަސް ދުވަސް ކުރިން މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ފެނުން މައްޗަށް މިއަދު ނަގައިފި އެވެ.
ހާދިސާ ހިނގި ދުވަހު އެއް ޑައިވަރެއްގެ ހަށިގަނޑު ނަގާފައި ވާއިރު އަނެއް ހަތަރު މީހުންގެ ހަށިގަނޑު ހޮހަޅައިގެ ފުނުން އިއްޔެ ވަނީ ލޮކޭޓްކޮށްފަ އެވެ. އޭގެ ތެރެއިން ދެ ޑައިވަރެއްގެ ހަށިގަނޑު މިއަދު މޫދު އަޑިން ނެގިކަން "މިހާރު"އަށް ވަނީ ކަަށަވަރުކުރެވިފަ އެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން ރަސްމީ އިދާރާއަކުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
އަނެއް ދެ ހަށިގަނޑު ނަގަން މަސައްކަތްކުރާނީ މާދަމާ އެވެ.
އެނގިފައިވާ ގޮތުގައި، މިއަދު ނެގީ އެ ހާދިސާގައި މަރުވި އިޓަލީގެ ބޯގޯމަނޭރޯގެ ޑައިވަރު ފެޑެރިކޯ ގުއަލްޓިއޭރީގެ އިތުރުން އަންހެނެއްގެ ހަށިގަނޑެވެ. އަންހެން މީހާގެ ނަން އަދި ކަށަވަރެއް ނުވެ އެވެ.
އެ ހާދިސާގައި މަރުވީ ފެޑެރިކޯގެ އިތުރުން ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް އާއި އިޓަލީގެ ޓޫރިންގެ މިއުރިއަލް އޮޑެނީނޯ އަދި އިޓަލީގެ ޕަޑުއާގެ ޖިއަންލޫކާ ބެނެޑެޓީ އެވެ.
މި ހާދިސާ ހިނގި ދުވަހު މަރުވެފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ މިއުރިއަލް އޮޑެނީނޯ އެވެ.
ގެއްލުނު ޑައިވަރުން ލޮކޭޓުކުރީ މިފަދަ ކަންކަމަށް ހާއްސަ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހޮހަޅައިގެ ފުނަށް ތަޖުރިބާކާރު ޑައިވަރުން ފީނައިގެން ކަމަށް އެ އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) އިން އިއްޔެ ބުނެފައިވެ އެވެ.
ގެއްލުނު ޑައިވަރުން ހޯދަން ތިން ގަޑިއިރުގެ ޑައިވްއެއް ރިކަވަރީ މިޝަންގައި ހިމެނޭ ފިންލެންޑުގެ ތަޖުރިބާރު ތިން ޑައިވަރުން އިއްޔެ ކުރި އެވެ. އެ ހަތަރު ޑައިވަރުން ވެސް ލޮކޭޓް ކުރެވުނީ އެ ހޮހަޅައިގެން އެންމެ އަޑިންނެވެ.
އެމްއެންޑީއެފުން އިއްޔެ ބުނީ ހަތަރު ޑައިވަރުންގެ ހަށިގަނޑުތައް ލޮކޭޓްކުރެވުނީ އެމީހުން ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑާއި ފުލުހުންނާއި އިޓަލީގެ ސަރުކާރުން ފޮނުވި ބޭރުގެ ޑައިވަރުން ގުޅިގެން ހިންގަމުން އަންނަ އޮޕަރޭޝަނުގައި އިއްޔެ މެންދުރު ފަހު ކަމަށެވެ.
ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިގަނޑު ފެނިފައި ވަނީ އެމީހުން ފީނި ހޮހަޅައިގެ ތެރެއިން ކަމަށާއި ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ހޮހަޅައިން ނެގުމުގެ މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން އިއްޔެ ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި، ރިކަވަރީ މިޝަނުން ރާވާފައި ވަނީ މިއަދާއި މާދަމާ، ކޮންމެ ދުވަހަކު ދެ މީހެއްގެ ހަށިގަނޑު މޫދުން އަޑިން ނެގުމަށެވެ.
މި އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މިދިޔަ ހޮނިހިރު ދުވަހު ނިޔާވުމާ ގުޅިގެން އޮޕަރޭޝަން މެދުކަނޑާލުމަށް ފަހު، އޮޕަރޭޝަން އަލުން ފެށީ އިއްޔެ ހެނދުނު އެވެ.
ވ. އަލިމަތިމާ ކައިރީގައި އޮތް ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މިދިޔަ ބުރާފަސްތި ދުވަހު ގެއްލުނީ އިޓަލީގެ ހަތަރު ޑައިވަރަކާއި ހަމަ އެ ގައުމުގެ ޑައިވިން އިންސްޓްރަކްޓަރެކެވެ. ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ހަމަ އެ ދުވަހު ކަނޑުއަޑިން ފެނުނެވެ.
އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައި، ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިންނެވެ.
ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި ކަނޑުމަތީގެ އެންމެ ހިތާމަވެރި މި ހާދިސާއާ ގުޅިގެން އެ ޑައިވަރުން ދަތުރުކުރި ސަފާރީ "އެމްވީ ޑޫކް އޮފް ޔޯކް"ގެ އޮޕަރޭޓިން ލައިސަންސް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ސަސްޕެންޑު ކޮށްފަ އެވެ.