ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މީގެ ހައެއްކަ ދުވަސް ކުރިން މަރުވި އިޓަލީގެ ހުރިހާ ޑައިވަރުންގެ ހަށިގަނޑުތައް ކަނޑު އަޑިން ނަގައި، މާލެ ގެނެސްފި އެވެ.
އެ އަތޮޅު އަލިމަތާ ކޭވް އަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީގެ ފަސް ޑައިވަރަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭގެ ތެރެއިން އެކަކު ހަށިގަނޑު އެ ދުވަހު ފެނިފަ އެވެ.
ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ހޮހަޅައިން ނެގުމުގެ މަސައްކަތްކުރީ ފިންލޭންޑުގެ ތަޖުރިބާކާރުން ޑައިވަރުންގެ ޓީމަކާއި އެމްއެންޑީއެފް ޑައިވަރުންނާއި ފުލުހުން ގުޅިގެން ހިންގި ރިކަވަރީ އޮޕަރޭޝަނެއްގަ އެވެ.
އެ ހާދިސާގައި މަރުވީ އިޓަލީގެ ބޯގޯމަނޭރޯގެ ޑައިވަރު ފެޑެރިކޯ ގުއަލްޓިއޭރީގެ އިތުރުން ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް އާއި އިޓަލީގެ ޓޫރިންގެ މިއުރިއަލް އޮޑެނީނޯ އަދި އިޓަލީގެ ޕަޑުއާގެ ޖިއަންލޫކާ ބެނެޑެޓީ އެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) "މިހާރު" އަށް މިއަދު ވިދާޅުވީ ހޮހަޅައިގައި ތާށިވެފައި ތިބި އެންމެ ފަހު ދެ ޑައިވަރުންގެ ހަށިގަނޑު ނަގާފައި ވަނީ އިއްޔެގައި ކަމަށެވެ.
އެ މީހުންގެ ހަށިގަނޑު ނަގައި މާލެ ގެނެސް، މިހާރު މޯޗަރީ އަށް ލާފައިވާ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
އޭނާ ވަނީ އެ އޮޕަރޭޝަން ކާމިޔާބުކަމާ އެކު، ކުރިއަށް ގެންދިއުމަށް އިޓަލީ ސަރުކާރާއި އެމްއެންޑީއެފް އަދި ފުލުހުންގެ އިތުރުން ދިވެހި ދެ ކުންފުނި ކަމަށްވާ ފޯސައިޓާއި ވޯޓާ ސޮލިއުޝަންސް އިން ދިން އެއްބާރުލުން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"ދެ ކުންފުނިން ވެސް އެ ކުންފުނީގެ އުޅަނދުތަކާއި މެޝިނަރީ އާއި ހާއްސަކޮށް އާރުއޯވީ ކަހަލަ އެއްޗެހި ބޭނުންކުރި. އެހެންވީމަ ހިލޭ ސާބަސަށް ދެއްވި ސަޕޯޓަށް ޝުކުރު ދަންނަވަން."
ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމު ހިމެނޭ ޓީމެއް ރާއްޖެއަށް އައިސް އެމްއެންޑީއެފާއި ފުލުހުންގެ އެހީތެރިކަމާ އެކު ރިކަވަރީ މިޝަނެއް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. ތިން ގަޑިއިރުގެ ފުރަތަމަ ޑައިވްގައި ވަނީ އެ މީހުންގެ ހަށިގަނޑު ހޮހަޅައިގެ ތެރެއިން ލޮކޭޓްކޮށްފަ އެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގާފައި ވަނީ އިއްޔެ އެވެ.
މުންދު ވިދާޅުވީ ހަތަރު ބޮޑީގެ ބޭސިކް އައިޑެންޓިފިކޭޝަން ފުލުހުން ވަނީ ހަދާފައި ކަމަށެވެ. އަދި އެ މީހުންގެ ފޮރެންސިކް އައިޑެންޓިފިކޭޝަން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ތަރުޖަމާން ވިދާޅުވީ އިޓަލީ ސަރުކާރާ ގުޅިގެން ދެން މަސައްކަތްކުރަނީ އެ މީހުންގެ ހަށިގަނޑު ގައުމަށް ފޮނުވުމަށް ކަމަށެވެ. ފަސް ޑައިވަރުންގެ ތެރެއިން އެންމެ ފުރަތަމަ ދުވަހު މަރުވެފައި އޮއްވާ ފެނުނު މިއުރިއަލް އޮޑެނީނޯގެ ހަށިގަނޑު މިހާރު ވަނީ ގައުމަށް ފޮނުވައިފަ އެވެ.
ރިކަވަރީ މިޝަނުން ރޭވީ ކޮންމެ ދުވަހަކު ދެ މީހެއްގެ ހަށިގަނޑު މޫދުން އަޑިން ނަގާ ގޮތަށެވެ.
މި އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މިދިޔަ ހޮނިހިރު ދުވަހު ނިޔާވުމާ ގުޅިގެން އޮޕަރޭޝަން މެދުކަނޑާލުމަށް ފަހު، އޮޕަރޭޝަން އަލުން ފެށީ ހޯމަ ދުވަހު އެވެ.
އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައި، ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިންނެވެ.
ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި ކަނޑުމަތީގެ އެންމެ ހިތާމަވެރި މި ހާދިސާއާ ގުޅިގެން އެ ޑައިވަރުން ދަތުރުކުރި ސަފާރީ "އެމްވީ ޑޫކް އޮފް ޔޯކް"ގެ އޮޕަރޭޓިން ލައިސަންސް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ސަސްޕެންޑު ކޮށްފަ އެވެ.