ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ފޭބި އިޓަލީގެ ޑައިވަރުން މަރުވީ ގެނބިގެން ނުވަތަ އޮކްސިޖަން ނުލިބިގެން ކަމަށް އެ މީހުންގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

އިޓަލީގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަސް ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާ ވަނީ ލިބިފަ އެވެ. އެއީ، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލްގެ އެވެ. 

އެ ރިޕޯޓްގައިވާ ގޮތުން އެ ދެ މީހުން ވެސް މަރުވާން މެދުވެރިވީ އެ މީހުންގެ އޮކްސިޖަން ފުޅިން ވައި ނުލިބުން ނޫނީ ހުސްވުމުގެ ސަބަބުން ނުވަތަ އެނޮކްސިއާގެ ހާލަތާ ކުރިމަތިވެގެންނެވެ. އެއީ އޮކްސިޖަން ނުލިބިގެން ނުވަތަ ގެނބިގެން މަރުވުމެވެ. 

އޮޓޮޕްސީގެ ދާއިމީ ނަތިޖާ ތިން މަސް ތެރޭގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. 

އިޓަލީން ގެންދަނީ އިހުމާލު މަރެއްގެ ގޮތުގައި މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ރާއްޖޭގެ އިދާރާތަކުގައި ސިޓީއަކުން އިޓަލީގެ ޕްރޮސެކިއުޓަރުންގެ އޮފީހުގެ ފަރާތުން އެދިފައިވާ ކަމަށް ވެސް ނޫސްތަކުގައި ބުނެފައިވެ އެވެ. 

އިޓަލީގެ ޑައިވަރުން ހޯދުމަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަނަށް ފަހު، މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ އިބްތިދާއީ ރިޕޯޓެއް ރިކަވަރީ ޓީމުން ވަނީ އާންމުކޮށްފަ އެވެ. 

އެ ރިޕޯޓްގައި ތަޖުރިބާކާރު ޑައިވަރުން އިރުޝާދު ދީފައިވަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ އާއި ހޮހަޅަތަކަށް ފީނުމުގެ ހާއްސަ ތަމްރީނާއި ބޭނުންވާ ފަންނީ ސާމާނު ނެތި އެ ހޮހަޅައަށް ނުވަނުމަށެވެ.

ހޮހަޅަތަކަށް ފީނުމަކީ އޭގެ ޒާތުގައި ނުރައްކާތެރި ކަމަކަށް ވާތީ، މިއީ ހަމައެކަނި އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ އަދި ފުރިހަމަ ވަސީލަތްތައް ހުރި ފަރާތްތަކުން ނޫނީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޑައިވާސް އެލާޓް ނެޓްވޯކް (ޑީއޭއެން) އިން ދިވެހި ސިފައިން އަދި ފުލުހުންނާ ގުޅިގެންނެވެ.

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި ކަނޑުމަތީގެ އެންމެ ހިތާމަވެރި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އިޓަލީގެ ބޯގޯމަނޭރޯގެ ޑައިވަރު ފެޑެރިކޯ ގުއަލްޓިއޭރީގެ އިތުރުން ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް އާއި އިޓަލީގެ ޓޫރިންގެ މިއުރިއަލް އޮޑެނީނޯ އަދި އިޓަލީގެ ޕަޑުއާގެ ޖިއަންލޫކާ ބެނެޑެޓީ ހިމެނެ އެވެ.

މީހުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން އޮޕަރޭޝަން މެދުކަނޑާލި އެވެ.