ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭ މަރުވި އިޓަލީގެ ޑައިވަރުން ހޯދުމަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަނަށް ފަހު، މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ އިބްތިދާއީ ރިޕޯޓެއް އާންމުކޮށްފި އެވެ. 

ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޑައިވާސް އެލާޓް ނެޓްވޯކް (ޑީއޭއެން) އިން ދިވެހި ސިފައިން އަދި ފުލުހުންނާ ގުޅިގެންނެވެ. އޭގެ އިތުރުން ނަކައި ރިސޯޓް އަލިމަތާ، ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް، ފޯސައިޓް ސާވެޔާސް ޕްރައިވެޓް ލިމިޓެޑް، ފިންލޭންޑްގެ ޓެކްނިކަލް ޑައިވިން ޓީމު އަދި އިޓަލީގެ ފޮރިން މިނިސްޓްރީ ވެސް އޮޕަރޭޝަންގައި ބައިވެރިވި އެވެ. 

އޮޕަރޭޝަންގެ ފުރަތަމަ ދުވަހު، ޑައިވިން ޓީމުން މައިގަނޑު ގޮތެއްގައި މަސައްކަތްކުރީ ހޮހަޅައިގެ އެތެރެ ބަލައި ފާސްކުރުމަށާއި ގެއްލިފައިވާ ފީނުންތެރިން ތިބި ތަން ދެނެގަތުމަށެވެ. މި މަސައްކަތް ކާމިޔާބުކަމާ އެކު އެ ދުވަހު ނިންމާލި އެވެ. 

އޮޕަރޭޝަންގެ ދެވަނަ އަދި ތިންވަނަ ދުވަހު ޑައިވިން ޓީމުން ވަނީ މަރުވެފައިވާ މީހުންގެ ހަށިތައް ހޮހަޅައިގެ ތެރެއިން ބޭރަށް ނެރުމުގެ މަސައްކަތް ކޮށްފަ އެވެ. 

ހަތަރުވަނަ ދުވަހުގެ މަސައްކަތަކަށް ވެފައި އޮތީ ހޮހަޅައިގެ ތެރޭގައި ހުރި ހުރިހާ ސާމާނުތަކާއި އާލާތްތައް ނެގުމެވެ. އެ ތަކެތި ވަނީ ދިވެހި ފުލުހުންނާ ހަވާލުކޮށްފަ އެވެ. 

ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ހިންގި ޓީމުން ނެރުނު ބަޔާނެއްގައި އެ ހޮހަޅަ އޮތް ގޮތް ވަނީ ސިފަކޮށްދީފަ އެވެ. އެގޮތުން ހޮހަޅައިގެ އެތެރެއަށް ވަދެވެނީ ބޮޑު ހުސް ތަނެއްގެ ގޮތަށް އޮންނަ ފުރަތަމަ ބައިންނެވެ. މި ބައިން ފެށިގެން ދެން އޮންނަނީ ހަނި މަގަކުން ގޮސް ވަދެވޭ ދެވަނަ ބޮޑު ބަޔެވެ. 

ވ. އަތޮޅުގެ "މިޔަރު ކަނޑު ކޭވް"އަށް ގެއްލުނު މީހުން ހޯދަން ހިންގި އޮޕަރޭޝަނުގެ ތެރެއިން
ވ. އަތޮޅުގެ "މިޔަރު ކަނޑު ކޭވް"އަށް ގެއްލުނު މީހުން ހޯދަން ހިންގި އޮޕަރޭޝަނުގެ ތެރެއިން

އެ ދެވަނަ ޗެމްބާއަކީ އެއްވެސް ވަރަކަށް އިރުގެ އަލިކަން ފޯރާ ތަނެއް ނޫން ކަމާއި އަދި މިތަނުގެ އަޑީގައި އޮންނަނީ ފަސޭހައިން ގުޑާ ފަދަ ވެލި ފަށަލައަކަށް ވުމުން، އެ އަށް ބުރޫއެރުމުގެ ސަބަބުން ފެންގަނޑު ކުލަބަދަލުވެ، ފެންނަ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާ ކަމަށް ރިޕޯޓްގައިވެ އެވެ. 

ރިޕޯޓްގައި ބުނި ގޮތުގައި ގެއްލުނު މީހުން ހޯދުމަށް ހިންގި އޮޕަރޭޝަންގައި، ޑައިވް ކުރި ޓީމަށް ވަނީ ދެވަނަ ޗޭމްބަރުން ނުކުމެވެން ހުރި އިތުރު މަގެއް ފެނިފަ އެވެ. މި މަގު ހުރީ އެތަނަށް ވަންނަން އޮތް މައި މަގުގެ އެއްފަރާތުގަ އެވެ. ގެއްލިގެން ހޯދަމުންދިޔަ ހަތަރު ޑައިވަރުން ވެސް ފެނިފައިވަނީ އެ ސަރަހައްދުންނެވެ. 

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ޑައިވަރުންނަށް އެނބުރި ނުކުމެވޭނެ މަގު އޮޅުނީ ހޮހަޅައިގެ ތެރޭގައި ދެވޭ ނުދެވޭ ދިމާ ވަކިކުރަން ނޭނގުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ރިޕޯޓްގައި ބުންޏެވެ. 

ވ. އަތޮޅުގެ "މިޔަރު ކަނޑު ކޭވް"އަށް ގެއްލުނު މީހުން ހޯދަން ހިންގި އޮޕަރޭޝަނުގެ ތެރެއިން
ވ. އަތޮޅުގެ "މިޔަރު ކަނޑު ކޭވް"އަށް ގެއްލުނު މީހުން ހޯދަން ހިންގި އޮޕަރޭޝަނުގެ ތެރެއިން

"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ހާލަތާ ގުޅޭ އިތުރު ތަފްސީލުތައް ދެނެގަނެ ހާމަކުރާނީ ފުލުހުންނާއި ކަމާބެހޭ ތަހުގީގީ އިދާރާތަކުން. އެހެންކަމުން، މި ހާދިސާގެ ޝިކާރައަކަށްވި ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް އިހުތިރާމްކުރުމުގެ ގޮތުން، ކަށަވަރުނުވާ މައުލޫމާތާއި އަމިއްލަ ހިޔާލުތައް ނުފެތުރުމަށް އާންމުންނަށާއި މީޑިއާތަކަށް އިލްތިމާސްކުރަން،" ރިޕޯޓްގައި ބުންޏެވެ. 

ރިޕޯޓްގައި ތަޖުރިބާކާރު ޑައިވަރުން އިރުޝާދު ދީފައިވަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ އާއި ހޮހަޅަތަކަށް ފީނުމުގެ ހާއްސަ ތަމްރީނާއި ބޭނުންވާ ފަންނީ ސާމާނު ނެތި ހޮހަޅައަށް ނުވަނުމަށެވެ. ހޮހަޅަތަކަށް ފީނުމަކީ އޭގެ ޒާތުގައި ނުރައްކާތެރި ކަމަކަށް ވާތީ، މިއީ ހަމައެކަނި އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ އަދި ފުރިހަމަ ވަސީލަތްތައް ހުރި ފަރާތްތަކުން ނޫނީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބުންޏެވެ. 

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި ކަނޑުމަތީގެ އެންމެ ހިތާމަވެރި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އިޓަލީގެ ބޯގޯމަނޭރޯގެ ޑައިވަރު ފެޑެރިކޯ ގުއަލްޓިއޭރީގެ އިތުރުން ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް އާއި އިޓަލީގެ ޓޫރިންގެ މިއުރިއަލް އޮޑެނީނޯ އަދި އިޓަލީގެ ޕަޑުއާގެ ޖިއަންލޫކާ ބެނެޑެޓީ ހިމެނެ އެވެ.

މީހުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މިދިޔަ ހޮނިހިރު ދުވަހު ނިޔާވުމާ ގުޅިގެން އޮޕަރޭޝަން މެދުކަނޑާލި އެވެ. އޭގެ ފަހުން އޮޕަރޭޝަން ފެށީ ފިންލޭންޑުގެ ތަޖުރިބާކާރުން ޑައިވަރުންގެ ޓީމަކާއި އެމްއެންޑީއެފް ޑައިވަރުންނާއި ފުލުހުން ގުޅިގެންނެވެ.