ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ގެއްލުނު އިޓަލީގެ ޓޫރިސްޓުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ސިފައިންގެ އޮފިސަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވި ހާދިސާ ހިންގަން މެދުވެރިވި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އަލިމަތާ ކައިރީ 60 މީޓަރު ފުނުގައިވާ ކޭވްއެއް ބަލަން ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީގެ ހަތަރު ޓޫރިސްޓުންނާއި އެ މީހުން ގޮވައިގެން ދިޔަ ސަފާރީގައި އުޅޭ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރެވެ.
އެ މީހުން އެތަނުން ނެގުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ ޑައިވަރު މަހުދީ ނިޔާވީ، ޑީކޯ ވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެވެ.
ފުލުހުން މިރޭ ބުނީ މަހުދީގެ މަރުގެ ހާދިސާ ހިނގަން މެދުވެރި ގޮތް ބަލަން ފަށާފައިވާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
މަހުދީގެ މަރަށް ފަހު އޮޕަރޭޝަން މެދުކަނޑާލި ނަމަވެސް ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމު ހިމެނޭ ޓީމެއް ރާއްޖެއަށް އައިސް އެމްއެންޑީއެފާއި ފުލުހުންގެ އެހީތެރިކަމާ އެކު ރިކަވަރީ މިޝަނެއް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.
ތިން ގަޑިއިރުގެ ފުރަތަމަ ޑައިވްގައި ވަނީ އެ މީހުންގެ ހަށިގަނޑު ހޮހަޅައިގެ ތެރެއިން ލޮކޭޓް ކޮށްފަ އެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގާފައި ވަނީ އިއްޔެ އެވެ. މިއަދު ބާކީ ދެ މީހުންގެ ހަށިގަނޑު ވަނީ ނަގައިފަ އެވެ.
ދިވެހި ސަރުކާރުން ބުނެފައި ވަނީ އިޓަލީ ސަރުކާރާ ގުޅިގެން ދެން މަސައްކަތް ކުރަނީ އެ މީހުންގެ ހަށިގަނޑު ގައުމަށް ފޮނުވުމަށް ކަމަށެވެ. ފަސް ޑައިވަރުންގެ ތެރެއިން އެންމެ ފުރަތަމަ ދުވަހު މަރުވެފައި އޮއްވާ ފެނުނު މިއުރިއަލް އޮޑެނީނޯގެ ހަށިގަނޑު މިހާރު ވަނީ ގައުމަށް ފޮނުވައިފަ އެވެ.