ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭ އިޓަލީގެ ފަސް ޑައިވަރުން މަރުވީ ހޮހަޅައިގެ ތިން ބައިގެ ތެރެއިން ކޮޅު ބެދިފައި އޮތް ތަނުގެ ތެރެއަށް އޮޅިގެން ވަދެވި ކުރިމަތިވި ހާސްކަމުގެ ތެރޭގައި ކަމަށް، އެ ޑައިވަރުންގެ ހަށިތައް ނެގުމުގެ މަސައްކަތްކުރި ޑޭން ޔޫރަޕްގެ ސީއީއޯ ލޯރާ މަރޯނީ ވިދާޅުވެއްޖެ އެވެ.

ކަނޑުގެ އަޑީގެ ދިރާސާތަކާއި ޑައިވިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ކަމަށްވާ ޑޭންގެ ފަރާތުން މި ހާދިސާއާ ބެހޭ ގޮތުން އިޓަލީގެ ލަ ރިޕަބްލިކާއަށް ވާހަކަ ދައްކަވަމުން މަރޯނީ ވިދާޅުވެފައިވަނީ ހޮހަޅައިގެ ދެވަނަ ބައިގެ ތެރެއަށް، ހަނި މަގަކުން ގޮސް ވަދެ ބަލައިލުމުން އެތަނުން ނުކުމެވޭނެ ގޮތެއް ނެތް ކަމަށް ހީވާ ކަމަށެވެ. އެގޮތަށް ހީވަނީ ދެ ވަނަ ބައިގެ ތެރޭގައި ތިބެފައި ބަލާއިރު މަގާ ދިމާލުން އުސްކޮށް ވެލި އެޅިފައި ހުރުމުން މަގުގެ ކޮޅު ނުފެންނާތީ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. 

އުމުރުން 52 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ ދަރިފުޅު ޖޯޖިއާ ސޮމަކާލްގެ އިތުރުން 31 އަހަރުގެ މުރިއެލް އޮޑެނީނޯ އާއި 31 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީގެ ހަށިގަނޑު ހޯމަ ދުވަހު ފެނިފައިވަނީ ހޮހަޅަތަކުގެ ތިންވަނަ އަދި އެންމެ ފަހު ބައިގެ ދޮރުމަތިން، ގާތްގަނޑަކަށް 165 ފޫޓު (50 މީޓަރު) އަޑިންނެވެ. އޭގެ ތެރެއިން ދެ މީހުން ބުދަ ދުވަހު އަނެއް ދެ މީހުން ބުރާސްފަތި ދުވަހު ވަނީ ނަގައިފަ އެވެ.

އެމީހުންގެ އިޓަލީ ޑައިވިން އިންސްޓްރަކްޓަރު، އުމުރުން 44 އަހަރުގެ ޖިއާންލޫކާ ބެނެޑެޓީގެ ހަށިގަނޑު ފެނިފައިވަނީ އެ ހޮހަޅައިގެ ހަމަ އެ ބައިގެ ދޮރު ކައިރިން، މި ހާދިސާ ހިނގި މި މަހުގެ 14 ވަނަ ދުވަހު އެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް ހޮހަޅައިގައި ތާށިވެ މަރުވި މީހުން ހޯދުމުގެ މަސައްކަތްކުރަނީ.
ޑައިވިނަށް ގޮސް އުޅެނިކޮށް ހޮހަޅައިގައި ތާށިވެ މަރުވި މީހުން ހޯދުމުގެ މަސައްކަތްކުރަނީ.

މި މީހުންނަކީ ރާއްޖޭގެ ސޮފްޓްކޮރަލްއާ ބެހޭ ދިރާސާއެއް ކުރުމަށް ހުއްދަ ނަގައިގެން އައި ބައެކެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި، ދިރާސާގެ ބޭނުމަށް 40 މީޓަރަށްވުރެ އަޑިއަށް ފީނުމުގެ ހުއްދަ  ވެސް އެ ގްރޫޕުން އޮތީ ނަގައިފަ އެވެ. އެކަމަކު ދިރާސާ ޓީމުގައި، ހުއްދަ ދިން މީހުންގެ އިތުރުން ދެ މީހަކު ހޮހަޅައިގެ ތެރެއިން ފެނިފައިވާ ކަމަށާއި މި މީހުން ހޮހަޅައަކަށް ވަންނަން އުޅޭކަމެއް އަންގާފައި ނުވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. 

މަރޯނީ ވިދާޅުވި ގޮތުގައި، ހަތަރު ޑައިވަރުން މަރުވެފައި ތިބީ ދެ ވަނަ ބައިގެ ތެރެއިން ގޮސް ފުރަތަމަ ބަޔަށް ނުކުމެވެން އޮންނަ ހަނި މަގުގެ މަތީގައި އޮންނަ، ހޮހަޅައިގެ ތިން ވަނަ ބައިގެ ތެރޭގަ އެވެ. 

އެހެންވެ މަރޯނީ ލަފާކުރައްވަނީ ދެ ވަނަ ބައިގެ ތެރެއިން ނުކުމެވޭނެ ގޮތެއް ނުފެނިގެން ހާސްކަމުގެ ތެރޭގައި ގޮސް، ތިން ވަނަ ބައިގެ ތެރެއަށް ވަދެވުނީ ކަމަށެވެ. އެއީ ކޮޅުބެދިފައި އޮންނަ ބައެކެވެ. 

"އެތަނުން ނުކުމެވޭނެ ހަމަ އެއްގޮތެއް ވެސް ނެތް،" މަރޯނީ ވިދާޅުވެފައިވެ އެވެ. 

ޑައިވަރުންނަށް މަގު އޮޅިގެން ނުބައި ތަނަކަށް ވަދެވުނު ކަމަށްވާ ނަމަ އެނބުރި އަލުން ނުކުމެގެން ދިއުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް މަރޯނީ ވިދާޅުވި އެވެ. އަދި އެ ޑައިވަރުންގެ އަތުގައި އެވަރަށް އޮކްސިޖަން ނެތުމަކީ މިކަން އިތުރަށް އުނދަގޫވާނެ ސަބަބު ކަމަށް ވިދާޅުވި އެވެ. 

މަރޯނީ ވިދާޅުވެފައި ގޮތުގައި މަރުވި ޑައިވަރުން ބޭނުންކޮށްފައިވަނީ އާދައިގެ 12 ލިޓަރުގެ އޮކްސިޖަން ސިލިންޑަރެވެ. މިއީ 100 ފޫޓަށް ވުރެ ފުނަށް ފީނަން އެކަށީގެންވާ ވަރުގެ އޮކްސިޖަން ނޫން ކަމަށާއި އަދި ކަމެއް ދިމާވެއްޖެ ނަމަ އިތުރު ކަމެއް ކުރުމަށް އެކަށީގެންވާހާ ވަގުތު ލިބޭނެ މިންވަރު ނޫންކަން ވެސް ފާހަގަކުރައްވާފައިވެ އެވެ. 

ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ފަސް މީހުން: ފެޑެރިކޯ ގުއަލްޓިއޭރީ އާއި މިއުރިއަލް އޮޑެނީނޯ އާއި ޖިއަންލޫކާ ބެނެޑެޓީ އާއި ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އަދި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމާކަލް.
ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ފަސް މީހުން: ފެޑެރިކޯ ގުއަލްޓިއޭރީ އާއި މިއުރިއަލް އޮޑެނީނޯ އާއި ޖިއަންލޫކާ ބެނެޑެޓީ އާއި ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އަދި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމާކަލް.

"އަޅުގަނޑުމެން މި ދައްކަނީ އެންމެ 10 މިނެޓްގެ ވާހަކަ. ފަހަރެއްގައި އެޔަށްވުރެ ވެސް ކުޑަ އިރުކޮލެއް،" އޭނާ ވިދާޅުވި އެވެ. 

"ދެވޭ މަގު ގޯސްކަން އެނގި، އަދި ފަހަތަށް އެނބުރި ދާން އުޅޭއިރު، ފުޅީގައި ވައި މަދުވުމުން، އެކަމުން [މީހާ] އިންތިހާއަށް ބިރުގަނެ ހާސްވާނެ،" މަރޯނީ ވިދާޅުވި އެވެ.

"އެ ހިސާބުން އަވަސްވަހަށް ނޭވާލާން ފެށޭނެ. އަދި އިސާހިތަކު ވައި ހުސްވާނެ." 

މަރުވި ފަސް ޑައިވަރުންނަކީ ވެސް ޑައިވްކުރުމުގެ ތަޖުރިބާ ހުރި މީހުންނަށް ވާއިރު އެކަށީގެންނުވާ އާލާތްތަކާ އެކު އެހާ ފުނަށް ދިޔަ ސަބަބެއް ދަނީ ތަހުގީގުކުރަމުންނެވެ. 

ޑޭން އިން ފޮނުވި ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ދިވެހި ސިފައިންނާއި ފުލުހުންނާ ވެސް ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ވެސް ނަގައިފަ އެވެ. މި މީހުން ހޯދަން އުޅުމުގެ ތެރޭގައި ދިވެހި ސިފައިންގެ ޑައިވަރަކު ވެސް ވަނީ ނިޔާވެފަ އެވެ. 

މި ހާދިސާ ތަހުގީގުކުރަމުން އަންނައިރު، ޑައިވަރުންގެ ކެމެރާތަކުން ލިބޭ މައުލޫމާތުން، ވަރަށް ގިނަ ކަންކަން ސާފުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.