ކޯސްޓުގާޑުން މީގެ ކުރިން ހިންގި ރިސްކު ބޮޑު އެކި އޮޕަރޭޝަންތަކުގައި ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވަނީ ކެރުމާއި ގާބިލްކަން ސާބިތުކޮށްދީފަ އެވެ. ވ. އަލިމަތާ ކައިރިއަށް މިދިޔަ ބުރާސްފަތި ދުވަހު ފީނަން ފޭބުމަށްފަހު 60 މީޓަރުގެ ފުނުން ހޮހޮޅައެއްގެ ތެރެއަށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ރިސްކު ބޮޑު އޮޕަރޭޝަންގެ އިސް ސަފުގައި އޭނާ ހިމެނުނީ އެހެންވެ އެވެ. 

އުމުރުން 43 އަހަރުގެ މަހުދީގެ އެންމެ ފަހު ވަގުތު ގުރުބާންކުރީ އޭނާގެ ގައުމީ ވާޖިބުގައި ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ފުން އަދި އަނދިރި ހޮހޮޅައިގެ ތެރެއަށް ވަދެ ގެއްލުނު ފަސް ޓޫރިސްޓުންގެ ތެރެއިން މިހާތަނަށް ނުފެނިވާ ހަތަރު މީހުން ފެނޭތޯ މިއަދު އޭނާ އެހެން ބައިވެރިންނާ އެކު ކުރި ޑައިވް ވީ އޭނާގެ އެންމެ ފަހު ހިދުމަތަށެވެ. 

ސަރުކާރުގެ އިސް ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާ ހަވާލާދީ ބީބީސީން ބުނީ ޑައިވް ނިންމުމަށް ފަހު ޑައިވަރުން އެރި އިރު މަހުދީ ފެންނާކަށް ނެތެވެ. އެހެންވެ، އެ ވަގުތު އެހެން ޑައިވަރުން މަހުދީ ހޯދަން އަނެއްކާ ފީނަން ފެށީ އެވެ. މުންދު ވިދާޅުވި ގޮތުގައި މަހުދީ ފެނުނީ ހޭނެތިފައި އޮއްވަ އެވެ. 

ގެއްލުނު ޑައިވަރުން ހޯދުމަށް ހިންގާ އޮޕަރޭޝަނާބެހޭ މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިފައިން އިއްޔެ ދިން ބްރީފިންގައި މުހައްމަދު މަހުދީ (ކ) ބައިވެރިވަނީ. --- ފޮޓޯ/ރައީސް އޮފީސް
ގެއްލުނު ޑައިވަރުން ހޯދުމަށް ހިންގާ އޮޕަރޭޝަނާބެހޭ މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިފައިން އިއްޔެ ދިން ބްރީފިންގައި މުހައްމަދު މަހުދީ (ކ) ބައިވެރިވަނީ. --- ފޮޓޯ/ރައީސް އޮފީސް

ގެއްލިފައިވާ ޓޫރިސްޓުން ހޯދުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ހަވީރު ވަޑައިގަތުމުން ސިފައިން ދިން ބްރީފިންގައި ވެސް ބައިވެރިވި މަހުދީއަށް ފަރުވާ ދިނުމަށް މެންދުރު ފަހު އޭޑީކޭއަށް ގެންދިޔަ ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ އޭނާ ނިޔާވީ އެވެ. 

މި ހިތާމައިގެ ޚަބަރާ އެކު، އެތައް ބަޔަކު އޭނާގެ ގުރުބާނީ ފާހަގަކޮށް ހެޔޮ ދުއާކުރަމުން ދާއިރު އޭނާ ދަންނަ މީހުން ފާޅުކުރަމުން އަންނަނީ އޭނާގެ ކެރުމާއި ގާބިލްކަމުގެ ވާހަކަ އެވެ. 

ރާއްޖެ އާއި ބޭރުގެ އެކި ތަންތަނުގައި ފުނަށް ފީނުގެ ތަޖުރިބާކާރު، ޝަފްރާޒު ނައީމް އެކްސްގައި ކުރި ޕޯސްޓުގައި ބުނީ މަހުދީއަކީ އޭނާ މަސައްކަތްކުރި މީހުންގެ ތެރެއިން އެންމެ ހިތްވަރުގަދަ އެކަކު ކަމަށެވެ. 

މަހުދީ، ފީނައިގެން ހިފި މަސްތަކަކާ އެކު: ކުޅަދާނަ މި ޑައިވަރު މިއަދު ވަނީ ނުރައްކާ ރެސްކިއު އޮޕަރޭޝަނެއްގައި ނިޔާވެފައި.
މަހުދީ، ފީނައިގެން ހިފި މަސްތަކަކާ އެކު: ކުޅަދާނަ މި ޑައިވަރު މިއަދު ވަނީ ނުރައްކާ ރެސްކިއު އޮޕަރޭޝަނެއްގައި ނިޔާވެފައި.

މަހުދީއާ އެކު މީގެ 21 އަހަރުކުރިން ސިފައިންގެއަށް ވަދެ، އެކުގައި ބޭސިކް ޓްރެއިނިން ފުރިހަމަކުރި ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވެސް ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މަހުދީ ފާހަގަކުރެވެނީ އަހުލާގު ރަނގަޅު އަދި މަސައްކަތަށް ފަރުވާތެރި މީހެއްގެ ގޮތުގައި ކަމަށެވެ. އެއާ އެކު، މި ވީ މުއްދަތުގައި އެކި ޓްރެއިނިންތައް ނިންމައި އެތައް ހާސް ޑައިވެއް ކޮށް، ސިފައިންގޭގެ އެންމެ މޮޅު އެއް ޑައިވަރަށް ވެފައިވާކަން، މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

އިހުސާން ވިދާޅުވީ މަހުދީ ވަނީ މީގެ ކުރިން ވެސް ނުރައްކާ ބޮޑެތި އޮޕަރޭޝަންތަކުގައި ބައިވެރިވެ، 70 މީޓަރު އަޑިއަށް ވެސް ފީނާފައި ކަމަށެވެ.

ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ޓޫރިސްޓުން ހޯދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ. -- ފޮޓޯ: އެމްއެންޑީއެފް
ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ޓޫރިސްޓުން ހޯދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ. -- ފޮޓޯ: އެމްއެންޑީއެފް

"ސާޗް އެންޑް ރެސްކިއު ޑައިވަރުންނަށް ކުރިމަތިވާ ނުރައްކާތައް ގިނަ ބަޔަކަށް ނުވިސްނޭނެ. އެ މީހުންގެ ހަގީގީ މަސައްކަތް ފެށެނީ ހާލަތު ގޯސްވެ، ރިސްކު ބޮޑުވުމުން. އެ މީހުންނަކީ އެހެން މީހުން ސަލާމަތް ކުރުމަށް އަމިއްލަ ފުރާނަ ގުރުބާންކޮށް، ވާޖިބު އަދާކުރުމަށް އެއްވެސް ޖެހިލުމެއް ނެތި އިޖާބަ ދޭ ބައެއް،" މީގެ އަށް އަހަރު ކުރިން ސިފައިންގެއިން ވަކިވެވަޑައިގެންނެވި އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަހުދީއަކީ ސިފައިންގެއިން އޭނާއާ ބައްދަލުވި މީހުންގެ ތެރެއިން އެންމެ ހިތްވަރު ގަދަ އަދި ރާއްޖޭގެ ހަގީގީ ބަތަލެކެވެ. ނުރައްކާ ބޮޑު އޮޕަރޭޝަނެއްގައި ގައުމަށް ހިދުމަތް ކުރަމުން މަހުދީވެފައި ވެފައިވަނީ އެންމެ ބޮޑު ގުރުބާނީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަހުދީގެ ކަށުނަމާދު ބާއްވަން ހަމަޖައްސާފައިވަނީ މިރޭ 10:00 ގައި އިސްލާމީ މަރުކަޒުގަ އެވެ. މޫނު ދެއްކުން މިރޭ 7 އިން ފެށިގެން ކުރިއަށްދެ އެވެ.