ވ. އަތޮޅުގައި ސަފާރީއަކުން މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޓޫރިސްޓުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ހާލު ދެރަވެ، ނިޔާވި ސިފައިންގެ އޮފިސަރުގެ ކަށުނަމާދު މިރޭ ބާއްވަން ނިންމައިފި އެވެ.
ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ، 43، މޫނު ދެއްކުން މިރޭ 7:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށާއި، ކަށުނަމާދު އޮންނާނީ މިރޭ 10:00 ގައި ކަމަށް ކަށުނަމާދުގެ މައުލޫމާތު އާންމުކުރާ ފޭސްބުކް ޕޭޖްގައި ބުނެފައިވެ އެވެ.
އަލިމަތާ ކައިރީ 60 މީޓަރު ފުނުގައިވާ ކޭވް އެއް ބަލަން ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީ ހަތަރު ޓޫރިސްޓުންނާއި އެ މީހުން ގޮވައިގެން ދިޔަ ސަފާރީގައި އުޅޭ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރެވެ. އޭގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނުނަސް ބާކީ ތިބި ހަތަރު މީހުން އަދިވެސް ނުފެނެ އެވެ.
މަހުދީ ވަނީ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށްދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ މެންދުރުފަހު އެ ސަރަހައްދަށް ވަޑައިގަތުމުން ދެއްވި ބްރީފިންގައި ވެސް ބައިވެރިވެފަ އެވެ.
ހާދިސާ ހިނގި ދުވަހު އެމްއެންޑީއެފުން ބުނީ މިހާތަނަށް ހޯދުނު މީހާގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ކޭވްގެ ތެރެއިން ކަމަށެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ކޭވްގެ ތެރޭގައި ކަމަށާއި އެތަނުން މީހުން ހޯދުމުގެ މަސައްކަތަކީ ވަރަށް ރިސްކު ބޮޑު އޮޕަރޭޝަނެއް ކަމަށް ވެސް ބުންޏެވެ.