ވ. އަތޮޅުގައި ކަނޑުއަޑީގެ ހޮހަޅައަކަށް އިޓަލީގެ ފަސް މީހަކު ގެއްލުމުން، އެ މީހުން ހޯދަން ދިވެހި ސިފައިން ހިންގި އޮޕަރޭޝަންގައި ނިޔާވި ސާޖަންޓް ފަސްޓްކްލާސް މުހައްމަދު މަހުދީގެ ހިދުމަތް ފާހަގަކޮށް، އިޓަލީ ސަރުކާރުން އޭނާގެ ހަނދާނަށް ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އޭނާއާ އިއްޔެ ހަވާލުކޮށްފި އެވެ.

މަހުދީގެ ހަނދާނަށް އެ ޝަރަފު ދިނުމުގެ ގޮތުން އެކަމުގެ ލިޔުން އާއިލާއާ ހަވާލުކުރީ ރާއްޖެ އާއި އިޓަލީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރުމާއި އެ ގައުމުގެ 80 ވަަނަ ގައުމީ ދުވަސް ފާހަގަކުރަން ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ހަފުލާގަ އެވެ. މަހުދީގެ އާއިލާއާ އެ ލިޔުން ހަވާލުކޮށްދެއްވީ ރާއްޖެއަށާއި ސްރީލަންކާ އަށް އިޓަލީން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗް އެވެ.

އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ދިވެހި ސަރުކާރުގެ އިސް ބައެއް އެހެން އޮފިޝަލުން ވެސް ބައިވެރިވަޑައިގަތެވެ.

މަހުދީގެ ހަނދާނަށް އެ ޝަރަފު ދިނުމުގެ އިތުރުން އޭނާގެ އާއިލާއަށް މާލީ އެހީތެރިކަން ހޯދައިދޭން އިޓަލީ ސަރުކާރުން ވަނީ ފަންޑް ރެއިޒިން ހަރަކާތެއް ވެސް ފަށައިފަ އެވެ. އެ ހަރަކާތް ކުރިއަށް ގެންދާނީ ރާއްޖެއަށް ވެސް އެކްރެޑިޓްކޮށް، ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ގާއިމްކޮށްފައިވާ އިޓަލީ އެމްބަސީ އާއި ރާއްޖޭގައި ހުންނަ އެ ގައުމުގެ އޮނަަރަރީ ކޮންސުލްގެ އޮފީސް ގުޅިގެންނެވެ.

އެ ހަރަކާތަށް ފައިސާ ހަދިޔާކުރަން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހުޅުވާލާފައިވާއިރު، ފައިސާ ޖަމާކުރަން ޖެހެނީ އެ ކަމަށް ހާއްސަ ބޭންކް އެކައުންޓަށެވެ. މަހުދީ މެމޯރިއަލް ފަންޑުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެ އެކައުންޓަށް ފައިސާ ޖަމާކުރެވޭއިރު ފަންޑްރެއިޒް ކުރުމުގެ ހަރަކާތް މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްބަސީން ބުންޏެވެ.

ވ. އަލިމަތާ ކައިރިން 60 މީޓަރު އަޑީގައިވާ ކޭވްއެއް ބަލަން ގޮސް އުޅެނިކޮށް މިދިޔަ މޭ މަހު ގެއްލުނީ އިޓަލީގެ ހަތަރު ޓޫރިސްޓުންނާއި އެ މީހުން ގޮވައިގެން ދިޔަ ސަފާރީގައި އުޅޭ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރެވެ.

އެ މީހުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ސިފައިންގެ ޑައިވަރެއް ކަމަށްވާ މަހުދީ ނިޔާވީ އޭނާ ޑީކޯ ވެގެން މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

މަހުދީގެ މަރަށް ފަހު، އެ އޮޕަރޭޝަން މެދުކަނޑާލި ނަމަވެސް ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމު ހިމެނޭ ޓީމެއް ރާއްޖެއަށް އައިސް އެމްއެންޑީއެފާއި ފުލުހުންގެ އެހީތެރިކަމާ އެކު ރިކަވަރީ މިޝަނެއްގައި އެ ތިން މީހުންގެ ހަށިގަނޑު ނެގުމަށްފަހު އިޓަލީއަށް ވަނީ ގެންގޮސްފަ އެވެ.