އައްޑޫ ހިތަދޫން މިއަދު ޑައިވިން އަށް ފޭބި ޒުވާނަކު ދެންމެ ނިޔާވެއްޖެ އެވެ.
ނިޔާވީ އެ ރަށު ފެހިވިނަ ތޮލާލު އަހުމަދު 24، އެވެ
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މަސް ހިފަން ޑިންގީއަކުން ފޭބި ތިން މީހުންގެ ތެރެއިން ތޮލާލު ގެއްލުނު ކަމުގެ ރިޕޯޓު ލިބުނީ ހެނދުނު 11:30 ހާއިރު ކަމަށެވެ. ޑައިވިން ދޯންޏެއްގައި އުޅޭ ބައެއްގެ އެހީތެރިކަމާއެކު، އޭނާ ކަނޑު އަޑިން ނަގައިގެން ގެންދިޔައީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށެވެ.
އެ ޒުވާނާ މެންދުރު 1:05 ގައި ނިޔާވީ، އިމަޖެންސީ ރޫމުގައި ފަރުވާ ދެނިކޮށް ކަމަށް އެ ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވި އެވެ.
މައުލޫމާތު އެނގޭ މީހަކު ބުނީ، ތޮލާލު ނެގީ 19 މީޓަރު އަޑިން ކަމަށާއި އޭރު ގެއްލުނުތާ 45 ވަރަކަށް މިނިޓް ވެފައިވާ ކަމަށެވެ.
ފޯ ސީޒަންސްގެ ރިސޯޓެއްގައި މަސައްކަތްކުރާ ތޮލާލު ޗުއްޓީ އަށް ހިތަދު އަށް ދިޔައީ އިއްޔެ އެވެ. އޭނާ ނިޔާވިއިރު، އަންބަކު ދުނިޔޭގައި އެބަހުއްޓެވެ.