ގދ. ގައްދޫ ކައިރިއަށް ޑައިވިނަށް ފޭބި މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

މަރުވެފައި ވަނީ ގައްދޫ، އޭޝިޔާ، އިސްހާގް ރަޝީދު، 44 އެވެ.

ފުލުހުން ބުނީ މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 5:40 ހާކަންހާއިރު ކަމަށެވެ.

އޭނާ ހޯދުމަށް ކުރި މަސައްކަތުން، މޫދު އަޑީގައި އޮއްވާ ފެނިގެން ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ނަމަވެސް މަރުވެފައިވާ ކަމަށް އެ މަރުކަޒާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. 

އެ ރަށު ކައުންސިލުން ބުނީ އިސްހާގުގެ ހަށިގަނޑު ފެނުނީ މިއަދުގެ ހެނދުނު 7:30 ހާއިރު ކަމަށެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.