މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު މާލޭގެ ސޯސަން މަގުގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކޮށްފައިވާ މާހު ހަސަން، އެ އެކްސިޑެންޓް ހިނގި ވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފި އެވެ.
ނުރައްކާތެރިކޮށް ސައިކަލް ދުއްވި ތ. ދިޔަމިގިލި، އައްސޭރި، މާހު ހަސަން އެންމެ ފުރަތަމަ ބަންދުކުރީ 15 ދުވަހަށެެވެ. އެ މުއްދަތު ހަމަވުމުން، އުމުރުން 21 އަހަރުގެ އެ ޒުވާނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފަ އެވެ.
އެ އަމުރުގައިވާ ގޮތުން ފުލުހުން އޭނާގެ މައްޗަށް މިހާރު ކުރަނީ ފަރުވާކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ތުހުމަތެވެ.
ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ އެކްސިޑެންޓުވިއިރު، މާހު ހުރީ މަސްތުވެގެން ކަމާއި އޭނާގެ އަތުގައި ލައިސެންސް ވެސް ނެތް ކަމަށެވެ.
މާހުގެ ފުރަތަމަ ބަންދު އަމުރުން އެނގޭ ގޮތުގައި އެކްސިޑެންޓުވީ ބާރު ސްޕީޑްގައި، ޒިގްޒެގްކޮށް ނުރައްކާތެރިކޮށް ދުއްވަނިކޮށް އެހެން ސައިކަލްގައި ޖެހިގެންނެވެ.
އޭނާގެ ސައިކަލުން ޖެހުނު ސައިކަލްގައި ތިބި ދެ މީހުންގެ ތެރެއިން ފަހަތުގައި އިން އަންހެން މީހާގެ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އޭނާއަށް ފުރަތަމަ ފަރުވާދިނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
ސީރިއަސް އަނިޔާތަކެއް ލިބުނު އެ އަންހެން މީހާއަށް ހަތަރު ދުވަސް ވަންދެން ހޮސްޕިޓަލުގައި ފަރުވާ ދިން ނަމަވެސް އޭނާގެ ހާލަތު ގޯސްވެ، މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ ނިޔާވެފަ އެވެ. ނިޔާވީ ށ. ފޯކައިދޫ، މަގުމަތީގޭ، އާއިޝަތު މާހިދާ، 26، އެވެ.
މަސްތުގެ ހާލަތުގައި ތިބެގެން މަގުމަތީ އެއްގަމު އުޅަނދު ދުއްވާ ކަން އާދަޔާހިލާފަށް ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ ވިދާޅުވެފަ އެވެ.
އަލަށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުން، ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް ދުއްވުމުގެ ކުށުގެ އަދަބަކީ އެ ކުށުގެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި 25،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
އެ ގާނޫނުގައިވާ ގޮތުން، އެފަދަ ކުށެއްގެ ނަތީޖާއެއްގެ ގޮތުން މީހަަކަށް އަނިޔާއެއް ވެއްޖެ ނަމަ ކުށްކުރި މީހާ ޖޫރިމަނާކުރާނީ 100،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުންނެވެ.
އެފަދަ ކުށެއް ކުރާ މީހަކު އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ޖޫރިމަނާ ކުރިޔަސް، ގާނޫނުލް އުގޫބާތުގެ ދަށުން އެ މީހައަށް ޖިނާއީ ދައުވާ ވެސް ކުރެވޭނެ އެވެ.
އެ އެކްސިޑެންޓު ހިނގިއިރު މާހުގެ އަތުގައި ލައިސަންސް ވެސް ނެތްއިރު އެ އެކްސިޑެންޓާ ހަމައަށް މި އަހަރު ވެސް ހަތަރު ފަހަރަށް ހިފަހައްޓައި އޭނާ ޖޫރިމަނާކޮށްފައިވެ އެވެ.