ދިވެހި ދަރިވަރަކު ނިޔާވި މެލޭޝިޔާގެ ސުބަންގް ޖަޔާގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޓެކްސީ ދުއްވަން އިން މީހާ މަސްތުވާތަކެއްޗަށް ޕްޒިޓިވްވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ރޭ ގާތްގަނޑަކަށް 8:48 ހާއިރު ހިނގި އެކްސިޑެންޓާ ގުޅޭ ގޮތުން ސުބަންގް ޖަޔާ ސިޓީގެ ޕޮލިސް ޗީފް، އެސިސްޓަންޓް ކޮމިޝަނަރު ވަން އަޒްލާން ވަން މާމަތު މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި، އެކްސިޑެންޓް ހިނގީ ރައިޑް ޝެއަރިންގެ ދަށުން ޓެކްސީގެ ހިދުމަތްދޭ 37 އަހަރުގެ މެލޭޝިޔާ ފިރިހެނަކު ދުއްވި ޕެރޯޑުއާ އެޓީވާ ބްރޭންޑްގެ ކާރެއް އެހެން ކާރެއްގައި ޖެހިގެންނެވެ. 

ޖެހުނު ބާރުމިނުގައި ކާރު ކަހައިގެން ގޮސް، މަގުގެ މެދުގައި ފުރޮޅުނެވެ. އެ ކާރުގައި ދަތުރުކުރީ ކޮލެޖެއްގައި ކިޔަވަމުންދާ 22 އަހަރުގެ ދެ ދިވެހި އަންހެން ދަރިވަރުންނެވެ. ކާރު ތެރޭގައި ތާށިވެ، ބޮޑެތި އަނިޔާތަކެއް ލިބިގެން ނިޔާވީ އައްޑޫ ހިތަދޫ، މާރިޝް، އާމިނާ އިމީލީ ނާޒިމް އެވެ.

މި އެކްސިޑެންޓްގައި އަނެއް ދަރިވަރަށް ކުދިކުދި އަނިޔާތަކެއްވި ނަމަވެސް، ސީރިއަސް އަނިޔާއެއް ނެތް ކަމަށް މެލޭޝިއާ މީޑިއާއިން ރިޕޯޓްކުރެ އެވެ.

އެމަޖެންސީ ޓީމުތަކަށް އެ ސަރަހައްދަށް ދެވުނުއިރު ވެސް އިމީލީ ނިޔާވެފައިވާއިރު ހަށިގަނޑު މިހާރު ވަނީ އޮޓޯޕްސީ ހެދުމަށްޓަކައި ސަރްޑަންގް ހޮސްޕިޓަލުގެ ފޮރެންސިކް ޑިޕާޓްމަންޓަށް ގެންގޮސްފަ އެވެ.

އެކްސިޑެންޓަށްފަހު ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުގައި ދެ ކާރުގެ ދުއްވަން ތިބި މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުން، ޓެކްސީ ކާރު ދުއްވަން އިން މީހާ މެތަމްފެޓަމިންއަށް ޕްޒިޓިވްވެފައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ ހަތަރު ދުވަސް ދީފަ އެވެ.