މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރު ކައިރިން ސަންވޭ ސަރަހައްދުގައި އިއްޔެ ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ރޭ ނިޔާވެފައިވާއިރު، އެ ކުއްޖާގެ އާއިލާ އެ ގައުމަށް ގޮސް ތިބުމަށް އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކުގައި ނިޔާވީ އައްޑޫ ހިތަދޫ، މާރިޝް، އާމިނާ އިމީލީ ނާޒިމް އެވެ. އުމުރުން 21 އަހަރުގެ އިމީލީއަކީ މެލޭޝިއާގެ ޓެއިލާ ޔުނިވާސިޓީގައި ކިޔަވަމުން އައި ދަރިވަރެކެވެ.
އެކްސިޑެންޓް ހިނގީ ޝޮޕިން މޯލްއަކަށް އިމީލީ ދިއުމަށް ފަހު، އެނބުރި ގެއަށް ދިޔަ މަގުމަތީގަ އެވެ.
އެ މައްސަލަ މެލޭޝިއާގެ ފުުލުހުން ތަހީގުގު ކުރަމުންދާތީ އިމީލީގެ ހަށިގަނޑު އަދި ބާއްވާފައި އޮތީ މޯޗަރީއެއްގަ އެވެ.
އާއިލާގެ މީހަކު "މިހާރު" އަށް މިއަދު ކިޔައިދިން ގޮތުގައި އިމީލީގެ މަންމަ އާއި ބައްޕަގެ އިތުރުން އާއިލާގެ އިތުރު ބަޔަކު މިހާރު ތިބީ މެލޭޝިއާއަށް ދިޔުމަށްޓަކައި ފްލައިޓުގަ އެވެ. އެ މީހުންނަށް އެ ގައުމަށް ދެވޭނީ މިއަދުގެ މެންދުރުފަހުގަ އެވެ.
މެލޭޝިއާއަށް ދާ އިމީލީގެ އާއިލާގެ މީހުންގެ ތެރޭގައި ހިމެނޭ އެ ކުއްޖާގެ މަންމަ އާއި ބައްޕަގެ ދެކޮޅު ޓިކެޓު ހަމަޖައްސައިދިނީ ސަރުކާރުން ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ، ތަހުގީގަށް ދެ ހަފުތާއެއްހާ މުއްދަތު ހޭދަވާނެތީ އެ މީހުން އެ ގައުމުގައި ތިބުމާއި ކެއިންބުއިމުގެ ހަރަދުތަކުގެ އިތުރުން މޯޗަރީއަށް ވެސް ގިނަ އަދަދަކަށް ފައިސާ ދައްކަންޖެހޭނެ ކަމަށެވެ. އެއީ އެހާ ތަނަވަސް އާއިލާއަކަށް ނުވުމާއެކު، އެކަމަށް އާންމުންގެ އެހީ ބޭނުންވާ ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އިމީލީގެ އާއިލާގައި ތިބެނީ އޭނާއާ އެކު ތިން ކުދިންނެވެ.
ޝޮޕިން މޯލްއަކަށް އިމީލީ ދިއުމަށް ފަހު، އެނބުރި ގެއަށް ދަނިކޮށް އެކްސިޑެންޓު ހިނގިއިރު އެ ވަގުތު ކާރުގައި އިތުރު ދިވެއްސަކު ވެސް ހުއްޓެވެ. އޭނާ އަށް ވެސް އެކި ވަރުގެ ހާނިއްކަވި ކަމަށް އެނގިފައި ވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި، ދަރިވަރު ދަތުރުކުރި ކާރު ހައިވޭގައި އެހެން ކާރަކާ މުޑިއަރައި ހިނގި މި އެކްސިޑެންޓުގައި، އެ ކާރު އޮތީ ފުރޮޅާލައިފަ އެވެ.
އިތުރު މައުލޫމާތު ހޯދަން: މަޒީނާ ލަބީބް 9558769
އިމީލީގެ މަންމަ، ޝަރޫނާ ލަބީބް: 7708230767001 (ރުފިޔާ އެކައުންޓް)
އިމީލީގެ ބައްޕަ، މުހައްމަދު ނާޒިމް: 7730000676326 (ޑޮލަރު އެކައުންޓް)