މިދިޔަ އާދީއްތަ ދުވަހު މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ދިވެހި ދަރިވަރު މަރުވި ހާދިސާއާ ގުޅިގެން ޓެކްސީ ޑްރައިވަރުގެ މައްޗަށް ތިން ދައުވާއެއް އުފުލައިފި އެވެ.
"މެލޭމެއިލް"ގައި ރިޕޯޓްކޮށްފައިވާ ގޮތުން އީ-ހެއިލިންގެ ހިދުމަތްދޭ އުމުރުން 37 އަހަރުގެ މުހައްމަދު ޝަފީގު އިބުރާހީ ނަމަކަށް ކިޔާ ޑްރައިވަރު ޓެކްސީ ދުއްވާފައިވަނީ މެތަމްފެޓަމިން (މެތު) ބޭނުންކޮށްގެން ހުރެ ކަމަށް ތުހުމަތުކުރި ނަމަވެސް އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.
ފުލުހުން އޭނާގެ މައްޗަށް ކުރާ ދައުވާތަކުގައިވާ ގޮތުން، ދެ ކުދިންގެ ބައްޕައެއް ކަމަށްވާ މުހައްމަދު ޝަފީގް، މެތަމްފެޓަމިން ބޭނުންކޮށްގެން ހުރެ ޕެރޮޑުއާ އެޓިވާ މަރުކާގެ ކާރެއް ދުއްވުމުގެ ސަބަބުން، ކާރުގައި އިން ދިވެހި ދަރިވަރެއް ކަމަށްވާ އާމިނަތު އީމިލީ ނާޒިމް، 22 ވަނީ ނިޔާވެފަ އެވެ.
މީގެ އިތުރުން، މަސްތުވާތަކެއްޗެއް ބޭނުންކޮށްގެން ހުރެ ކާރު ދުއްވައި، ކާރުގައި އިން އަނެއް ދަރިވަރު އައިޝަތު ސާރާ ނިޒާމް، 22، އަށް އަނިޔާވި މައްސަލައިގައި ވެސް ޑްރައިވަރުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އަދި ފަރުވާކުޑަކޮށް އުޅަނދު ދުއްވައިގެން އެހެން އުޅަނދެއްގައި ޖެހި، ސާރާއަށް އަނިޔާވި މައްސަލައިގައި ވެސް ޑްރައިވަރުގެ މައްޗަށް އިތުރު ދައުވާއެއް ވަނީ އުފުލައިފަ އެވެ.
ދައުވާތައް އުފުލާފައިވަނީ މެލޭޝިއާގެ މަގުމަތީގައި ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ ދަށުންނެވެ. ފުރަތަމަ ދައުވާ ސާބިތުވެއްޖެ ނަމަ ގިނަވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަދި 50،000 އާއި 100،000 ރިންގިޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.
ދެވަނަ ދައުވާ ސާބިތުވެއްޖެ ނަމަ ގިނަވެގެން 10 އަހަރުގެ ޖަލު ހުކުމެއް އަދި 30،000 އާއި 50،000 ރިންގިޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
ތިންވަނަ ދައުވާ ސާބިތުވެއްޖެ ނަމަ ގިނަވެގެން 12 މަސްދުވަހުގެ ޖަލު ހުކުމެއް އަދި 5،000 އާއި 10،000 ރިންގިޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.
ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ޑްރައިވަރު އެދިފައިވާއިރު ކޯޓުން ވަނީ 9،000 ރިންގިޓުގެ ބެއިލެއް ހަމަޖައްސައި، މައްސަލަ ނިމެންދެން އޭނާގެ ޑްރައިވިން ލައިސަންސް ހިފަހައްޓައި، މައްސަލަ ނިންމުން ޑިސެމްބަރު ހަތަރު ވަނަ ދުވަހަށް ތާވަލުކޮށްފަ އެވެ.