ޓްރެފިކް ފުލުހަކު މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ: މާބަނޑު މީހަކު މަރުވި އެކްސިޑެންޓާ ގުޅިގެން 10 އަހަރަށް ލައިސަންސް ހިފަހައްޓަން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
29 މެއި 2025 - 17:15
މީގެ 10 އަހަރު ކުރިން މާލޭގައި ހިނގި އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކު މަރުވި މައްސަލާގައި، ސައިކަލު ދުއްވި މީހާގެ ލައިސަންސް 10 އަހަރަށް ހިފަހައްޓައި އަދި މަރުވި މީހާގެ މަރުގެ ދިޔައާ މެދު ދަށު ކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ފެބްރުއަރީ 2015 ގައި މާލޭގައި ސައިކަލުން ޖެހި ހއ. ހޯރަފުށްޓަށް ނިސްބަތްވާ މާބަނޑު އަންހެނަކު މަރުވި މައްސަލާގައި ދައުލަތުން ދައުވާކުރީ ސައިކަލު ދުއްވި ސ. މީދޫ އިރަސްމެކުގޭ އަލީ އާލިމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ އެއްގަމު އިންޖީނުލީ އުޅަނދެއް ނުރައްކާތެރިކޮށް ދުއްވުމުގެ ދައުވާ އެވެ.
އާލިމްގެ މައްޗަށް އެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، އެ މައްސަލަ ދައުލަތުން އިސްތިއުނާފްކުރީ 2020 ވަނަ އަހަރު އެވެ. އޭގެ ފަސް އަހަރު ފަހުން ހައި ކޯޓުން މިއަދު ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކުރުމާ އެކު، އެ މީހާ މަރުވުމުގެ ޒިންމާ އާލިމް ނަގަން ޖެހޭ ކަމަށެވެ.
އެހެންވެ އިސްލާމީ ޝަރީއަތުގެ ދަށުން ދޭން ޖެހޭ މަރުގެ ދިޔައާ މެދު ވާރިސުންގެ ބަހެއް ހޯދުމަށް ފަހު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އެ މައްސަލަ އަލުން ފޮނުވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން، އާލިމަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 10 އަހަރު ވަންދެން ނުދީ ހިފެހެއްޓުމަށް ދައުލަތަށް އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ކައްފާރާގެ ގޮތުން ހަނދުމަހުގެ ދެ މަސް ދުވަހުގެ ރޯދަ ހިފުމަށް ހުކުމުގައި އެންގި އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ދީބާނާޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކޮއި
30 May 2025
10 އަހަރު؟؟ ކީއްކުރާނީ ދޯ! މިހާ ބޮޑު އާބާދީއެއްގައި 10 އަހަރު ރަނގަޅު. މައްސަލަތަކުން ކޯޓުތައް މިއޮންނަނީ ތޮއްޖެހިފައި ވިއްޔާ. މައްސަލަތައް ބަލަން ކޯޓުތަކުގައި މިތިބެނީ ހައެއްކަ ފަނޑިޔާރުން
މަދިރިދުންދަނޑި
29 May 2025
ލައިސަން ކާޑު ހަމަ ރީތިކޮށް އޮއްވާ މުއްދަތު ހަމަވެއްޖެއޭކިޔާފަ އަހަރެމެން އަތުން ފައިސާ އަތުލާފަ އާކުރަންޖެހޭ ސަބަބު އަހަރެމެނަށް ނުވިސްނެނީ. ސައިކަލް ދުއްވާގޮތް ހަނދާންހުރިތޯ ބަލަން ޖަހާ ސަކަރާތެއްބާ.
ކުޑަ ވަކީލު
29 May 2025
2020 ގެ އިސްތިއުނާފެއް ގައިމު ދީބާނާޒް ހައިކޯޓަށް ބަދަލުވިފަހުން ހަވާލުވިޔަސް 2 އަހަރަށްވުރެ ގިނަދުވަސް ވެއްޖެތާ. އެކަމު ދީބާނާޒް ވީމަ ހައިރާނެއް ނުވޭ މިހާރު އަދި ނިމިގެން. ތަންކޮޅެއް އަވަހޭ ހިތައްއަރާފަ އުފާވަނީ.
ވަޑިފަތި
29 May 2025
މޮޔަ ހުކުމެއް. އާލިމު އަތުގަ ލައިސަންސް ނޯވޭ. ނެތް ލައިސަންސެއް ހިފަހައްޓަން އަންގާނެ ތަނެއް އެބަ އޮތްތޯ. އަޖައިބު ވެދާނެ
ކުޑަ ވަކީލު
29 May 2025
ލައިސަންސް ނުދީ ހިފަހައްޓާށޭ އޮތީ. މާނައަކީ އޭނައަށް ލައިސަންސް ހަދައިދީގެން ނުވާނެއޭ. އެހެންވީމަ މިހާރު ލައިސަން އޮތަސް ނެތަސް ހެޔޮ
ނެތް ލައިސަންސް ހިފަހައްޓާނެ ގޮތަކީ
30 May 2025
10 އަހަރު ވަންދެން އޭނައަށް ލައިސަންސް ނެގުމުގައި ބައިވެރިވުން ވެސް މަނާ ވުމެވެ.