ތިން މީހުން އަރައިގެން، ވަންވޭއާ ހިލާފަށް ބާރު ސްޕީޑްގައި ދުއްވަނިކޮށް އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ ކްރިމިނަލް ކޯޓުން ބަންދުކުރަން އަމުރު ނެރެފައި އޮތް މީހެއް ކަން އެނގިއްޖެ އެވެ. 

މި ނުރައްކާތެރި އެކްސިޑެންޓްގައި ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އެކްސިޑެންޓް ހިނގަން މެދުވެރިވި ސައިކަލް ދުއްވަން އިނީ ހ. ލާމިޔާ، އަހުމަދު އުވެއިސް އެވެ. 

އޭނާއަކީ ގެސްޓް ހައުސްއަކަށް ފޭކް ސްލިޕް ފޮނުވައިގެން ފައިސާ ދެއްކި ކަމުގެ ތުހުމަތުގައި މިފަހުން ފުލުހުން ހައްޔަރުކުރި މީހެކެވެ. އޭނާ ހައްޔަރުކޮށް ބަންދުކުރަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން މި މަހުގެ އެއްވަނަ ދުވަހު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެ އެވެ. 

ނަމަވެސް، ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ މައްސަލައިގެ ތަހުގީގު ނިމިފައިވާތީ އުވެއިސް މިދިޔަ އަންގާރަ ދުވަހު ދޫކޮށްލީ އެވެ. ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ އޭނާ ބަންދުން ދޫކޮށްލި ދުވަހުގެ ރޭ އެވެ. 

ކްރިމިނަލް ކޯޓުން އުވެއިސް ބަންދުކުރަން ނެރުނު އަމުރުގައިވާ ގޮތުން އޭނާއަކީ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ މީހެކެވެ. އުވެއިސްއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮތް މީހެއްކަން ފާހަގަކޮށްފައިވެ އެވެ. 

އުވެއިސްއަކީ ހިޔާ ފްލެޓްތަކުގެ އެޕާޓްމެންޓެއްގައި އަންހެނަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ވެސް ހައްޔަރުކުރި މީހެކެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލަން އެހީތެރިވެދިން މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފައިވެ އެވެ. 

ނުރައްކާތެރިކޮށް އުވެއިސް ދުއްވި ސައިކަލުން ޖެހިފައިވަނީ އެ ވަގުތު މަގުގައި ގަވައިދާ އެއްގޮތަށް ދުއްވާފައިދިޔަ ސައިކަލަކާ އެވެ. އެ ސައިކަލްގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހުން ތިބިއިރު އޭގެ ތެރެއިން އެކެއްގެ ސިކުނޑިއަށް ވަނީ ލޭއެޅިފަ އެވެ. އަދި އަނެއް މީހާގެ މޫނަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ. 

އެ އެންމެންނަށް ވެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ. ފުލުހުން އެންމެ ފަހުން ބުނި ގޮތުގައި ދެ މީހެއްގެ ހާލަތު އަދިވެސް ކްރިޓިކަލް އެވެ.