ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެއް އާއިލާއެއްގެ ދެ މީހުންގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދެމުން އެބަގެންދެ އެވެ. 

ހުޅުމާލޭ ނިރޮޅުމަގުގައި ރޭ ދަންވަރު ވަންވޭއާ އިދިކޮޅަށް ނުރައްކާތެރިކޮށް ދުއްވާފައިދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް ބޮޑެތި އަނިޔާތަކެ ލިބުނެވެ.

އޭގެ ތެރެއިން ދެ މީހުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ މީހުންނެވެ. އެ ދެ ޒުވާނުން ރޭ ސައިކަލްގައި ބޭރަށް ނުކުތީ އެ ތަނުން އެކަކު ގެއަށް ދިޔުމަށެވެ. 

އެ ދެ މީހުން ދުއްވާފައިދިޔަ މަގުގައި ގަވައިދާ ހިލާފަށް ބާރުސްޕީޑްގައި ދުއްވާފައިދިޔަ އެހެން ސައިކަލެއްގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކުގައި އެ ދެ މީހުން މިހާރު ދަނީ މަރާހަނގުރާމަ ކުރަމުންނެވެ. 

އެ ދެ މީހުންގެ ދައްތައަކު ސޯޝަލް މީޑިއާގައި ބުނި ގޮތުގައި ގަވައިދާ އެއްގޮތަށް ދުއްވަމުންދަނިކޮށް އެހެން ބައެއްގެ އަމަލެއްގެ ސަބަބުން އެކްސިޑެންޓުވި އެ ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ވަނީ ވެފަ އެވެ. 

އޭގެ ތެރެއިން އެކަކުގެ ސިކުނޑިއަށް ލޭ އެޅިފައިވާއިރު، އޭނާގެ އެމެޖެންސީ ސާޖަރީއެއް މިހާރު ކުރަމުންދާ ކަމަށް އެހެން ދައްތައަކު ކުރި ފޭސްބުކްގައި ޕޯސްޓެއްގައި ބުނެފައިވެ އެވެ. އާއިލާއިން ވަނީ އެ މީހުންނަށް ހެޔޮ ދުއާކޮށްދިނުމަށް އެދިފަ އެވެ.

އަނެއް ޒުވާނާގެ މޫނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެެ. އޭނާއަށް ވެސް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ. 

މި އެކްސިޑެންޓް، އާދައިގެ އެކްސިޑެންޓެއްގައި ގޮތުގައި ބަލައިގެން ފުލުހުން ތަހުގީގު ކުރިއަށް ގެންދާތީ ކަންބޮޑުވާ ކަމަށް ވެސް އާއިލާއިން ވަނީ ބުނެފަ އެވެ. 

ގަވައިދާ ހިލާފަށް ވަންވޭއާ ދެކޮޅަށް ބާރުސްޕީޑްގައި ދުއްވި ސައިކަލްގައި ތިބި ތިން މީހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

ވަގަށް ނެގި އެ ސައިކަލު ދުއްވަން އިން މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނީ ލައިސަންސް އޮތް މީހެއް ނޫނެވެ. އަދި އޭނާ މީގެ ކުރިން ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާގެ އަދަދު އެއްލައްކަ އަރުފިޔާއާ ގާތްކުރެ އެވެ.

އެނގިފައިވާ ގޮތުގައި، ސައިކަލު ދުއްވި މީހާއަކީ ސްކޭމް ކުރުމާއި ވައްކަމުގެ މައްސަލަތަކުގައި އެތައް ފަހަރަކު ހައްޔަރުކޮށްފައިވާ، ކުށުގެ ބޮޑު ރެކޯޑެއް އޮތް މީހެކެވެ. އެކްސިޑެންޓް ހިނގުމުގެ ކުރިން އޭނާ ވަނީ ބްރިޖް ހައިވޭ އާއި ހުޅުމާލޭގެ މަގުތަކުގައި ވަންވޭތަކާ އިދިކޮޅަށް ވަރަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވައިފަ އެވެ.

ރޭ ދަންވަރު 3:00 ހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންނަށް ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ. ނަމަވެސް އިތުރު ފަރުވާއަށް އެ އެންމެންވެސް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.