ހދ. ކުޅުދުއްފުށީގައި މިދިޔަ ހުކުރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އެކަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ ކުޅުދުއްފުށީގެ ބޮޑު މަގުން ގޯޅިއަކަށް އަޅަން ކުއްލި ގޮތަކަށް އަނބުރާލި ސައިކަލެއްގައި ބޮޑުމަގުން ބާރު ސްޕީޑެއްގައި ދުއްވާފައި އައި އެހެން ސައިކަލެއް ޖެހިގެންނެވެ. ބޮޑުމަގުގެ މެދުން ކުއްލިއަކަށް އަނބުރާލި ސައިކަލް ދުއްވަން އަންހެނަކު އިން އިރު ބާރު ސްޕީޑުގައި ދުއްވި ސައިކަލުގައި ދެ ފިރިހެނުން ތިއްބާ ފެނެ އެވެ.
އެ ހާދިސާގައި ތިން މީހުންނަށް އެކި ވަރުގެ އަނިޔާ ލިބުނެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކަސްޓަމާ ސާވިސް އެންޑް ޕަބްލިކް ރިލޭޝަންސްގެ ޑިރެކްޓަރު މުހައްމަދު ހުސެއިން "މިހާރު" އަށް ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި 20 އަހަރުގެ ފިރިހެން މީހާގެ މޫނު މައްޗަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށެވެ.
އެ ދުވަހު އޭނާ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި 32 އަހަރުގެ އަންހެން މީހާގެ ފައިގެ ފަލަމަސްގަނޑާ ހިސާބުން ވަނީ ބިންދައިގެން ގޮސްފައި ކަމަށެވެ. އެހެންވެ، އެ އަންހެންމީހާ ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.
އެ ހާދިސާގައި 17 އަހަރުގެ ކުއްޖާގެ ގައިގެ ތަންތަން މަށައިގެން ދިޔުން ފިޔަވައި މާބޮޑު އަނިޔާއެއް ލިބިފައި ނުވާތީ އޭނާއަށް ފަރުވާދިނުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ ހުސައިން ވިދާޅުވި އެވެ.