ހުޅުމާލޭގައި ރޭ އެކްސިޑެންޓުވީ ވަގަށް ނެގި ސައިކަލަކަށް ތިން މީހުން އަރައިގެން ދުއްވަނިކޮށް ކަމަށާއި އެ ސައިކަލު ދުއްވި މީހާ ޓްރެފިކް ގަވައިދާ ހިލާފުވެގެން މީގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދު ލައްކައެއްހާ ރުފިޔާއަށް އަރާކަން އެނގިއްޖެ އެވެ.
ނިރޮޅުމަގުގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާތައް ވެގެން ރިޕޯޓްކުރީ ރޭ ދަންވަރު 3:00 ހާއިރު އެވެ. އެ މީހުންނަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ. އެކަމަކު، އިތުރު ފަރުވާ ދިނުމަށްފަހު އައިޖީއެމްއެޗަށް ބަދަލުކުރި އެވެ.
އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ދެ މީހަކަށް އޮޕަރޭޝަން ތިއޭޓަރުގައި އަދި ބާކީ ތިބި ތިން މީހުންނަށް އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލް ދުއްވަން އިން މީހާ އަކީ ވެހިކަލް ދުއްވުމުގެ ލައިސަންސް ވެސް އޮތް މީހެއް ނޫނެވެ. އަދި ސައިކަލް ދުއްވީ ވެސް ވަންވޭއާ އިދިކޮޅަށް ކަމަށް ބުންޏެވެ.
އެކަމުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ބުނީ އެކްސިޑެންޓު ހިނގީ ބްރިޖް ހައިވޭ އާއި ހުޅުމާލޭ ތެރޭގައި ވެސް ވަންވޭތަކާ އިދިކޮޅަށް އަދި ނުރައްކާތެރިކޮށް ސައިކަލް ދުއްވަމުންދަނިކޮށް ކަމަށެވެ.
ވަގަށް ނަގައިގެން ދުއްވި ސައިކަލުގައި ތިބީ ދެ ފިރިހެނުންނާއި އަންހެނެކެވެ.
އެނގިފައިވާ ގޮތުގައި ވަގަށް ނެގި ސައިކަލު ދުއްވި މީހާއަކީ މިފަދަ މައްސަލަތަކުގައި ރިކޯޑު އޮތް މީހެކެވެ. ސްކޭމާއި ވައްކަން ހިމެނޭހެން އެކި މައްސަލަތަކުގައި އެތައް ފަހަރަކު އޭނާ ހައްޔަރުކޮށްފައިވެ އެވެ.