ޑިޖިޓަލްކޮށް ޓްރެކްކޮށް، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވާ މީހުންނަށް މެސެޖު ފޮނުވަން ފަށަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް، ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ބޭނުމުގައި އެ ގާނޫނާއި އޭގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ ހިލާފުވާ މީހުންނާ މެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ތަންފީޒީ އިދާރާގެ ޒިންމާ އަދާކުރަން ފަށަން ނިންމާފައިވާ ކަމަށެވެ.
އެކަން ތަންފީޒުކުރަން ފަށާނީ މީގެ ހަފުތާއެއް ފަހުން ކަމަށް އެ އިއުލާނުގައި ބުންޏެވެ.
"އެހެންކަމުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އަދި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެންމެހާ ފަރާތްތަކުން އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް އިލްތިމާސްކުރަމެވެ،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި، ގަވާއިދާ ހިލާފުވެ އެކަން ރައްދުވާ މީހުންނަށް އެސްއެމްއެސް އަދި އީ-މެއިލް މެދުވެރިކޮށް އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
އެހެންވެ، އެކިއެކި ކަންކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ސީދާ އެ މީހަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި، އެ މީހަކު މިހާރު ބޭނުންކުރާ ފޯނު ނަންބަރު އަދި އީ-މެއިލް އެޑްރެސް ސިމްސް ޕޯޓަލް އިން އަޕްޑޭޓް ކުރުމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ އިއުލާނުގައި ވަނީ މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކާ މެދު މި އުސޫލުން އަމަލުކުރުމުގައި ފުރަތަމަ މަރުހަލާގައި މަސައްކަތް ފަށާނެ ސަރަހައްދުތަކާއި މަގުތައް ބަޔާންކޮށްފަ އެވެ. އެއީ؛
- ހޮސްޕިޓަލް ސަރަހައްދު
- ސްކޫލް ސަރަހައްދު
- ކަފިހި ހުރަސް
- ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އުޅަނދު ޕާކްކުރުމަށް ހާއްސަކޮށްފައިވާ ސްލޮޓްތައް
- މާލޭގެ މަޖީދީ މަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު
- ހުޅުމާލެ 1 ގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން އަދި ރީތިގަސް މަގު
- ހުޅުމާލެ 2 ގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގު
އެއްގަމު ދަތުރުފަތުރުގެ ގާނޫނު ތަންފީޒުކުރުމުގައި އާންމުންގެ ފަރާތުން މިނިސްޓްރީއަށާއި ފުލުހުންނަށް ދޭ އެއްބާރުލުން ފާހަގަކޮށް، އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މާލެ ސަރަހައްދުގެ ޓްރެފިކްގެ އެކި މައްސަލަތައް ބޮޑުވެފައިވާއިރު، ޕާކިންއަކީ މިހާރު އެންމެ ބޮޑު އެއް މައްސަލަ އެވެ. މާލެ އާއި ހުޅުމާލޭގެ އެކި މަގުތަކުގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ޕާކު ކުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހުމާއި ދަތުރުފަތުރަށް ބުރޫއެރުމުގެ އިތުރުން އެކްސިޑެންޓުތައް ވެސް ހިނގާފައި އެބަހުއްޓެވެ.