މާލޭގައި އެމްބިއުލާންސަކަށް ޖާގަ ނުދެއްކި ޕިކަޕް ޑްރައިވަރެއްގެ މައްސަލަ ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބަލަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުން، އެމްބިއުލާންސެއްގެ ފަހަތުގައި ސައިރެން އަޅަމުން ދިޔައިރު ވެސް މަގު ނުދައްކާ ޕިކަޕެއް ހުއްޓައިގެން މުދާ ބާލަމުންދިޔަ އެވެ.
އެ ޕިކަޕް މަޑުކޮށްފައި އޮތުމުން އެހެން ވެހިކަލްތައް ވެސް ޓްރެފިކްގައި ޖެހިފައި އޮތްއިރު، އޭގެ ފަހަތުގައި އެމްބިއުލާންސް ސައިރެންގައި އޮތެވެ. އެ ޕިކަޕް އެ ތަނުން ދިޔައީ މުދާ ބާލައި ނިމުމުންނެވެ.
ޕިކަޕްގެ ޑްރައިވަރު އަމަލުކުރި ގޮތުން އޭނާ އަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، އެކަން ހިނގައިދިޔަ ގޮތް ބަލަމުންދާ ކަމަށެވެ. އަދި އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ނަމަ އެކަން ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މީގެ ދުވަސްކޮޅެއް ކުރިން، ރައީސް އޮފީސް ކައިރިން އަނބުރާލަން އުޅުނު އެމްބިއުލާންސަކަށް އެ މަގުން ދުއްވަމުންދިޔަ ވެހިކަލްތައް މަގު ނުދެއްކި މައްސަލައެއް ވެސް ފެންމަތިވި އެވެ.