މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރުގެ މައްސަލަތައް އޮތީ "ތޮއްޖެހިފަ" އެވެ. ސަރަހައްދަށް ނުކަތާ ވަރަށް އުޅަނދުތައް ގިނަވެ، މަގުތައް ފުރިބާރުވެ އަދި އެކްސިޑެންޓުތައް ވެސް އިތުރުވެ، ހިނގައިވެބިނގާވެ އުޅުމުގެ ދަތިކަން އިންތިހާ އަށް ބޮޑެވެ. މި މައްސަލަތައް ހައްލުކުރަން ހަރުކަށި ގާނޫނުތައް ހެދިޔަސް ތަންފީޒީ މަރުހަލާއަށް ދާ ހިސާބުން ބުރަކި ޖެހެނީ އެވެ. 

އެއްފަހަރުން އަނެއް ފަހަރަށް ގާނޫނުތައް ހަރުކަށިކޮށް ލިޔުމަކީ ތަންފީޒު ނުކުރެވޭ ނަމަ ބޭކާރު ކަމެއް ކަމަށް މިހާރު އެންމެން ވެސް ގަބޫލުކުރެ އެވެ. އެހެންވެ، މިހާރު އޮތީ ތަންފީޒީ މަރުހަލާގެ "ތަޅުތައް" ހުޅުވޭނެ ގޮތެކެވެ. 

އެއްގަމު އުޅަނދުފަހަރާ ގުޅޭ މައްސަލަތަކުގެ ތެރެއިން މިހާރު އެންމެ ބޮޑު އެއްކަމަކީ ޕާކިންގެ ދަތިކަމެވެ. ޕާކު ކުރާނެ ޖާގަ ނެތް ވަރަށް މާލެ ސަރަހައްދުގައި ވެހިކަލްތައް ގިނަ އެވެ. 

ގަވާއިދާ ހިލާފަށް ޕާކު ކުރުން ހުއްޓުވުމަށް ސަރުކާރުން މީގެ ކުރިން ޖޫރިމަނާގެ ސްޓިކާ ޖެހި އެވެ. އެ 750ރ. ގެ ޖޫރިމަނާ އިން ސަލާމަތްވުމަށް ވެސް ގަވާއިދާ ހިލާފު ތަނެއްގައި ޕާކު ނުކޮށްވޭތޯ އޭރު މީހުން ބެލި އެވެ. ނަމަވެސް، ޕާކު ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ނުޖަހާނެ ކަމުގެ ވައުދާ އެކު މިހާރުގެ ސަރުކާރުން މީގެ ތިން އަހަރު ކުރިން ވަނީ ޕާކިން ވަޔަލޭޝަން ސްޓިކާ ޖެހުން ހުއްޓާލައިފަ އެވެ.

މިހާރު އުފެދޭ ސުވާލަކީ އޭގެ ނަތީޖާ ރަނގަޅު ހެއްޔެވެ؟

އެންމެންްގެ ވެސް ޖަވާބަކީ މާލެ އާއި ހުޅުމާލެ އަށް ބަލައިލިޔަސް މީގެ ނަތީޖާ ގޯސްވަމުންދާ ކަމެވެ. އެ މީހަކަށް ފެންނަ ތަނެއްގައި ވެހިކަލްތައް ޕާކު ކުރާނީ އެވެ. މީހުން ހިނގަން އޮންނަ ޕޭވްމަންޓްތަކާއި މަގުތަކުގެ ކަންކަންމައްޗާއި ގޯޅިތަކާއި ތަނަކު ހުސްބިމެއް އޮތިއްޔާ އެ ތަނެއް ވެސް ފުރާލަނީ ވެހިކަލްތަކުންނެވެ.

މިއީ ގާނޫނުން ކަނޑައަޅާފައި އޮތް ކަމެއް ތަންފީޒު ނުކޮށް ދޫކޮށްލުމުގެ ސަބަބުން ނުކުތް ނުރަނގަޅު ނަތީޖާ އެވެ. ފުލުހުންގެ އިދާރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދު ވެސް އެކަމަށް އެއްބަސްވެވަޑައިގަންނަވަ އެވެ. ތަންފީޒު ކުރަން ޖެހޭ ކަމެއް ނުކޮށް ދޫކޮށްލުމުން އެ ބަޔަކު ބޭނުން ގޮތަކަށް މަގުތައް ބޭނުން ކުރަނީ އެވެ. 

ހިޔާ ފްލެޓް ސަރަހައްދުގެ ޕޭވްމަންޓު މަތީގައި ސައިކަލުތައް ގަވައިދާ ހިލާފަށް ޕާކު ކޮށްފައި: ގަވާއިދާ ހިލާފަށް ޕާކް ކުރުން ހުއްޓުވަން އެއްވެސް މަސައްކަތެއް ފުލުހުންނަށް ނުކުރެވޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހިޔާ ފްލެޓް ސަރަހައްދުގެ ޕޭވްމަންޓު މަތީގައި ސައިކަލުތައް ގަވައިދާ ހިލާފަށް ޕާކު ކޮށްފައި: ގަވާއިދާ ހިލާފަށް ޕާކް ކުރުން ހުއްޓުވަން އެއްވެސް މަސައްކަތެއް ފުލުހުންނަށް ނުކުރެވޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހަމްދޫން ވިދާޅުވީ މި މައްސަލަ މިހާ ގޯސްވީ އާންމުންގެ ވެސް "ރޯޑް ޑިސިޕްލިން" ނެތުމުގެ ސަބަބުން ކަމަށެވެ. ޕާކު ކުރުން މަނާ ތަނެއްކަން އެނގި ހުރެ، ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިވާނެ ގޮތަށް ގިނަ ބަޔަކު ވެހިކަލްތައް އެކި ތަންތަނުގައި ޕާކު ކުރާ ކަމަށާއި އެހެން އެކަން ކުރަނީ މަނާ ތަނެއްގައި ޕާކު ކުރިޔަސް ފިޔަވަޅެއް ނާޅާނެކަން އެނގޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ސްޓިކާ ޖެހުމާއި ތަންފީޒުކުރުން. ތަންފީޒުކުރުން ވެސް އޮތީ ވަރަށް ބޮޑަށް ދޫކޮށްލެވިފައި. މިހާރު މަދުން ނަމަވެސް މި ފެންނަނީ ވަރަށް ކާރުބާރުބޮޑު ސަރަހައްދެއް ކަމަށް ވެއްޖިއްޔާ ޓްރެފިކް ޕޮލިސް ނުކުމެ ޓޯކުރުމުގެ މަސައްކަތް ކުރާތަން،" ހަމްދޫން ވިދާޅުވި އެވެ. 

ވެހިކަލްތައް ޓޯކޮށްގެން ވެސް ޕާކިން މައްސަލައަށް ހައްލެއް ނުލިބެ އެވެ. ޓޯކުރާ ވެހިކަލްތައް ގެންގޮސް ބަހައްޓާނެ ޖާގަ ވެސް ފުލުހުންގެ ޓޯޔާޑުގައި މިހާރު ނެތެވެ. ޓޯކުރަން ބޭނުންކުރާ ސާމާނު ވެސް ބޭނުންވާ ވަރާ ގާތަށް ވެސް ފުލުހުންގެ އަތަކު ނެތެވެ. އެހެންވެ، ގަވާއިދާ ހިލާފުވާ ވެހިކަލްތައް މަގަށް ދޫކޮށްލައިގެން ތިބުން ނޫން ގޮތެއް ފުލުހުންނަށް ވެސް ނެތެވެ. 

މީގެ އެއް މިސާލަކީ މާލެ ވަށައިގެން އޮތް ބޮޑުތަކުރުފާނު މަގެވެ. ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހަދާފައި އޮތް އެއްވެސް ހިސާބެއްގައި ވެހިކަލް ޕާކު ކުރުމަކީ މަނާކަމެވެ. އެ މަގުގެ އެންމެ ފަހުން ހެދި ސަރަހައްދުގައި ޕާކު ކުރުން މަނާވާނެ ކަން ސަރުކާރުން އިއުލާން ވެސް ކުރި އެވެ.

އެކަމަކު، އެ މަގުގެ ރާޅުގަނޑު ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާއި ހަމައަށް މަގުގެ ދެފަރާތުގައި ކާރާއި ސައިކަލު ޕާކު ކުރުމަކީ މިހާރު އާންމު ކަމެކެވެ. ބޮޑެތި ބަސްތައް ވެސް ދަތުރުކުރާ އެ މަގުގެ އެ ހިސާބުގައި ޓްރެފިކް ތޮއްޖެހުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބަކަށް ވެސް ވަނީ ޕާކު ކޮށްފައި ހުންނަ ވެހިކަލްތަކެވެ. 

އެއީ ޕާކު ކުރުން މަނާ ސަރަހައްދެއްކަން އަންގައިދޭ ކޯނެއް ޖެހުން ފިޔަވައި އިތުރު ކަމެއް ފުލުހުންނަށް ވެސް ނުކުރެވެ އެވެ. އެ ކޯނުތައް ހުއްޓަސް ފެންނަނީ އެއްވެސް ޖެހިލުމެއް ނެތި ވެހިކަލްތައް ޕާކު ކޮށްފައި ހުންނަ ތަނެވެ. 

ބޮޑުތަކުރުފާނު މަގުގައި ޕާކުކުރުން މަނާކަން އަންގައިދިނުމަށް ފުލުހުން މީގެ ކުރިން ބެރިކޭޑު ބަހައްޓައިފައި: ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އަލުން އެ މަގުގެ އެކި ހިސާބުތަކުގައި ވެހިކަލްތައް ޕާކު ކުރަން ވަނީ ފަށައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ބޮޑުތަކުރުފާނު މަގުގައި ޕާކުކުރުން މަނާކަން އަންގައިދިނުމަށް ފުލުހުން މީގެ ކުރިން ބެރިކޭޑު ބަހައްޓައިފައި: ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އަލުން އެ މަގުގެ އެކި ހިސާބުތަކުގައި ވެހިކަލްތައް ޕާކު ކުރަން ވަނީ ފަށައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ސަރުކާރުން ސްޓިކާ ޖެހުން ހުއްޓާލީ ޕާކު ކުރާނެ ޖާގަ ދައްކާފައި ނޫނީ އެކަން ދެން ނުކުރާނެ ކަމަށް ބުނެ އެވެ. މާލެ އާއި ހުޅުމާލޭގައި ޕާކިން ބިލްޑިންތައް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. 

ނަމަވެސް ޕާކިން ބިލްޑިންތަކެއް އަޅައިގެން ވެސް ޕާކިން މައްސަލަ ހައްލުވެދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ.

ހަމްދޫން ވެސް ވިދާޅުވި ގޮތުގައި، މި މައްސަލަ އަށް ދިގު މުއްދަތެއްގެ ހައްލެއް ލިބޭނީ ވެހިކަލްތަކުގެ އަދަދު މަދުކޮށްގެން ނުވަތަ ވެހިކަލްތަކުގެ ލިމިޓެއް ކަނޑައަޅައިގެންނެވެ. 

"ވަގުތުން ވަގުތަށް ހައްލުކުރަން ވެއްޖިއްޔާ ސްޓިކާ ޖެހިދާނެ، ޓޯކުރެވިދާނެ. އެކަމަކު އަޅުގަނޑަށް ހީވަނީ ޓޯގެ ލިމިޓް ހަމަވެފައި ކަން ނޭނގޭ މި އޮންނަނީ، ގެންގޮސް ބަހައްޓާނެ ތަނެއް ވެސް ނޯވޭ، ބިމުގެ ދަތިކަން އެހާ ބޮޑު، އެހެންވީމާ ޓޯކުރަމަކީ ވެސް ހައްލެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"ސްޓިކާ ޖެހިޔަސް، ޕާކު ކުރެވޭނެ ގޮތެއް ވެސް ދެއްކެން ޖެހޭ. އުޅަނދުތައް މި ސަރަހައްދުގައި ލިމިޓް ކުރަން ވެސް ޖެހޭ." 

ހަމްދޫން ވިދާޅުވީ އަލަށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުގައި އެއް އުޅަނދަށް ވުރެ ގިނަ އުޅަނދު މީހެއްގެ ނަމުގައި ރަޖިސްޓްރީކުރާ ނަމަ ވަކި ފީއެއް ނެގުމަށް ކަނޑައަޅާފައި އޮތުމަކީ ވަރަށް ރަނގަޅު ބަދަލެއް ކަމަށެވެ. 

"ފުރަތަމަ އުޅަނދަކީ އަޅުގަނޑުމެންގެ 'ނީޑެއް'. އެކަމަކު، ދެ އުޅަނދު ތިން އުޅަނދު މި ނަގަނީ 'ވޯންޓަކަށް'. ނީޑެއް ވެއްޖެއްޔާ އެއީ ކޮންމެހެން އެއާ ނުލައި ނޫޅެވޭނެ އެއްޗެއް. ވޯންޓެއް ވިއްޔާ އެއާ ނުލާ އުޅެވޭނެ. އަޅުގަނޑު އަތުގައި ދެ ސައިކަލު ނެތަސް އަޅުގަނޑަށް އުޅެވޭނެ."
ހަމްދޫން، ކުރީގެ ސީޕީ

އެއްގަމު ދަތުރުފަތުގެ ގާނޫނުގެ 99 ވަނަ މާއްދާގައިވާ ގޮތުން މާލެ ސަރަހައްދުގައި އަމިއްލަ ފަރުދެއްގެ ނަމުގައި ނުވަތަ ގާނޫނީ ޝަހުސެއްގެ ނަމުގައި ރަޖިސްޓަރީކުރާ އެއްގަމު އުޅަނދުގެ އަދަދު ދޭކަށް ވުރެ އިތުރުވާ ނަމަ ނުވަތަ އެއް ބާވަތެއްގެ އުޅަނދުގެ އަދަދު އެކަކަށް ވުރެ އިތުރުވާ ނަމަ އަހަރަކު އެއް ފަހަރު "މަލްޓިޕްލް އޯނާޝިޕް ފީ"އެއް ދައްކަން ޖެހޭނެ އެވެ. 

"ފުރަތަމަ އުޅަނދަކީ އަޅުގަނޑުމެންގެ 'ނީޑެއް'. އެކަމަކު، ދެ އުޅަނދު ތިން އުޅަނދު މި ނަގަނީ 'ވޯންޓަކަށް'. ނީޑެއް ވެއްޖެއްޔާ އެއީ ކޮންމެހެން އެއާ ނުލައި ނޫޅެވޭނެ އެއްޗެއް. ވޯންޓެއް ވިއްޔާ އެއާ ނުލާ އުޅެވޭނެ. އަޅުގަނޑު އަތުގައި ދެ ސައިކަލު ނެތަސް އަޅުގަނޑަށް އުޅެވޭނެ،" ހަމްދޫން ވިދާޅުވި އެވެ. 

"އެހެންވީމަ، އުޅަނދުތަކުގެ އަދަދު ކޮންޓްރޯލް ކުރެވިގެން ތަންކޮޅެއް އަވަސް ގޮތެއްގައި އެކަން ބަލަން ފެށިގެން، ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އެއްޗިއްސަށް ވެސް ފިޔަވަޅު އެޅިގެންނޭ ޓްރެފިކަށް ލުޔެއް ލިބޭނީ."

ހަމްދޫން ވިދާޅުވީ ބައެއް ތަންތަނުގައި ޕާކު ކޮށްފައި ހުރި އުޅަނދުތަކުގެ ތެރޭގައި ގިނަ ދުވަސްވެގެން ބާވެ ހަލާކުވެފައި ހުރި އުޅަނދުތައް ވެސް އެބަހުރި ކަމަށެވެ. އެގޮތަށް ގިނަ ފަހަރަށް އުޅަނދުތައް ދޫކޮށްލާފައި ހުންނަނީ ނައްތާލެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައި ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އެއްގަމު އުޅަނދުފަހަރާ ބެހޭ އާ ގާނޫނުގައި ހުރި ގިނަ ކަންކަން ރަނގަޅު ކަމަށާއި އެކަމަކު އޭގެ ހަގީގީ ނަތީޖާ ފެންނަނީ ތަންފީޒީ މަރުހަލާގައި އެއާ އެގޮތަށް އަމަލުކޮށްގެން ކަމަށް ހަމްދޫން ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، އެއްގަމު ދަތުރުފަތުރުގެ މައްސަލަތައް ހައްލު ކުރަން ބޭނުންވާ ނަމަ ކޮންމެ ވެރިކަމެއް ދައުރު ނިމޭއިރު ޓްރެފިކް ވަޔަލޭޝަންގެ ޖޫރިމަނާތައް މާފުކުރުމުގެ ސަގާފަތް ވެރިން ދޫކޮށްލަން ޖެހެ އެވެ. އޭގެ ސަބަބުން އާންމުންގެ އަހުލާގު ދަށްވެ، ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމާއި އިހުތިރާމު ކުރުން ކުޑަވެ އެވެ. 

ޕާކިން ބިލްޑިންތައް ހަދާ ވާހަކަ ދައްކާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެންމެ ފަހުން މިދިޔަ ޖުލައި މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މީޑިއާގައި ވިދާޅުވެފައިވާ ގޮތުގައި މާލޭގައި ދެ ޕާކިން ބިލްޑިންއެއް އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ އެވެ. 

އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި މިހާތަނަށް ވެސް އެ މަސައްކަތް މަޑުޖެހިފައި އޮތީ ރާއްޖެ އިން ބޭރުން ފައިނޭންސް ހޯދަން މަސައްކަތް ކުރާތީ އެވެ. އެކަމަކު އިތުރަށް މަޝްރޫއު ފަސްކުރުމުގެ ވިސްނުންފުޅެއް ރައީސްގެ ކިބައިގައި މިހާރަކު ނެތެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ޕާކިން ބިލްޑިން މަދުވެގެން ދެ ބިލްޑިންއެއްގެ މަސައްކަތް ފަށާނަން. ދެން މިކަމަށް ދުވަސްތަކެއް ނަގައިފި،" ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.

"އަޅުގަނޑުމެން ފުރަތަމަ މި ބެލީ ބޭރުގެ އެހީގައި ކުރެވޭ ކަހަލަ ގޮތެއް. އެހެން ނަމަވެސް އެކަން އެގޮތުގައި ކުރިއަށް ގެންދަން މަޑުކުރާކަށް މިހާރަކު އަޅުގަނޑުމެން ގަސްދެއް ނުކުރަން."

މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ޕާކިން ބިލްޑިންތަކެއް ހެދުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށައިފަ އެވެ. އެކަމަކު، އެ ހިސާބާ ހަމައަށް ވެސް މާލެ ސަރަހައްދުގެ ޓްރެފިކްގެ މައްސަލަ އަށް ވަގުތީ ހައްލެއް ވެސް ފެންނަނީ ސްޓިކާ ޖަހައިގެން ކަމަށް ގިނަ ބަޔަކު އިއްތިފާގުވެ އެވެ. މާޒީ އަށް ބަލާއިރު ވެސް އެއީ ކޮންމެވެސް ވަރެއްގެ ހައްލެކެވެ.  

ހަރުކަށި ގާނޫނެެއް ހެދިޔަސް، އެ ގާނޫނުގައި ހުރި ކަންކަން ތަންފީޒު ނުކޮށް ސިޔާސީ ބޭނުމަކަށް ބޭނުން ކުރާ ނަމަ އެއްވެސް ފައިދާއެއް ނުކުރާނެ އެވެ. އަދި އެ ގާނޫނަށް ތަބާވާން ތިބި ބައެއްގެ އަހުގާލާއި ޒިންމާދާރު ކަމެއް ނެތް ނަމަ ދުވަހަކު ވެސް މި މައްސަލައަށް ހައްލެއް ނުލިބޭނެ އެވެ.