މާލެ އާއި ހުޅުމާލޭގެ މަގުތަކަކީ ހިނގައިބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ވެސް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި މުދާ އުފުލާ އަދި ބަރު އުޅަނދުތައް ނުދުއްވޭނެ ވަކި ހާއްސަ ގަޑިތަކެއް ސަރުކާރުން ކަނޑައަޅައި އެ އަށް އަމަލުކުރަން މިއަދު ފަށައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ އެފަދަ އުޅަނދުތައް ވަކި މަގުތަކެއްގައި ދުއްވުން މަނާ ގަޑިތައް ހިމަނައިފަ އެވެ. އެ އެންގުމުގައިވާ ގޮތުން 350 ކިލޯއަށް ވުރެ މަތީގެ އުޅަނދުތައް ނުވަތަ ކުދި ޕިކަޕް ސައިޒުގެ އުޅަނދުތަކުން ފެށިގެން މަތީގެ ބަރު އުޅަނދުތައް ވަކި ގަޑިތަކެއްގައި މާލެ އާއި ހުޅުމާލޭގައި އެއްކޮށް ކަހަލަ ގޮތަކަށް ދުއްވުން މަނަލެވެ.
އެއީ:
- ހެނދުނު 6 އިން ހެނދުނު 8:30 އަށް 350 ކިލޯއަށް ވުރެ މަތީގެ އުޅަނދުތަކާއި ފޯކްލިފްޓުތަކާއި ޓްރަކް، ކެރޭން، ޓްރެއިލާ ފަދަ ބަރު އުޅަނދުތައް ވަކި މަގުތަކެއްގައި ދުއްވުން މަނާ. އެ ގަޑީގައި އެފަދަ އުޅަނދުތައް ދުއްވުން މަނަލީ ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން ހުރިހާ މަގުތަކާއި ހުޅުމާލޭގެ މަގުތަކާއި ސިނަމާލެ ބްރިޖާއި ހައިވޭ.
- ހެނދުނު 11:30 އިން ފެށިގެން މެންދުރު 1:30 އަށް 350 ކިލޯއަށް ވުރެ މަތީގެ އުޅަނދުތަކާއި ފޯކްލިފްޓުތަކާއި ޓްރަކް، ކެރޭން، ޓްރެއިލާ ފަދަ ބަރު އުޅަނދުތައް ވަކި މަގުތަކެއްގައި ދުއްވުން މަނާ. އެ ގަޑިތަކުގައި ވެސް އެފަދަ އުޅަނދުތައް ދުއްވުން މަނަލީ ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން ހުރިހާ މަގުތަކާއި ހުޅުމާލޭގެ މަގުތަކާއި ސިނަމާލެ ބްރިޖާއި ހައިވޭ.
"ވީމާ މިފަދަ އުޅަނދުތައް ދުއްވާ ފަރާތްތަކުން މަތީގައިވާ ގަޑިިތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ދަންނަވަމެވެ. އަދި މި އިއުލާނާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނު ނަމްބަރު 2026/16 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ފިޔަވަޅު އެޅޭނެ ކަމުގައި ވެސް ދެންނެވީމެވެ،" އިއުލާނުގައި ވެ އެވެ.
މީގެ ކުރިން ވެސް މާލޭގެ މަގުތަކުގައި ވަކި ގަޑިތަކެއްގައި ބަރު އުޅަނދު ދުއްވުން ސަރުކާރުން މަނާކުރި އެވެ. އެކަމަކު ވަކި ހިސާބަކުން އެކަން ހުއްދަކުރީ އެވެ.
ސްކޫލްތަކާއި އޮފީސްތައް ފެށޭ ގަޑީގައި މާލެ އާއި ހުޅުމާލެ އާއި ސިނަމާލެ ބްރިޖުގައި ބަރު އުޅަނދުތައް ދުއްވާ މައްސަލަ ވަރަށް ބޮޑުވެ، އާންމުގެ ޝަކުވާ އިންތިހާ އަށް އިތުރުވެފައިވާތާ ކިތަންމެ ދުވަހެކެވެ.