ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރެގެން ހުޅުމާލެއިން ޓޯކުރި އުޅަނދުތަކުގެ ތެރެއިން 105 އުޅަނދެއް އޭގެ ވެރިފަރާތާ ފުލުހުން ހަވާލުކޮށްފި އެވެ.

ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތައް ޓޯ ކުރަން ސަރުކާރުގެ އެކި ކުންފުނިތަކާ ގުޅިގެން ފުލުހުން މަސައްކަތް ފެށީ މިމަހުގެ ހަވަނަ ދުވަހު އެވެ. އެގޮތުން ޓޯކުރީ މަގުމަތީގައި ގަވާއިދާ ހިލާފަށް ގިނަ ދުވަސް ވަންދެން ބަހައްޓާފައިހުރި އުޅަނދުތަކެވެ.

ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި މާލެ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި 787 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ތެރެއިން 105 އުޅަނދެއް ވެރިފަރާތްތަކާ އަނބުރާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ މައްސަލަ ބޮޑުވެ، ދޭތެރެއިން އުޅަނދުތައް ޓޯކުރެ އެވެ.