ހުޅުމާލޭގައި ގިނައިން އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގައި އެޗްޑީސީން ކުރިން ހަރުކުރި ސްޕީޑްބްރޭކަރުތަކުން މީހުންނަށް ގެއްލުންވާ ކަމުގެ ޝަކުވާ ބޮޑުވެގެން ނެގިތާ ގިނަ ދުވަސްތަކެއް ފަހުން އާ ސްޕީޑްބްރޭކަރުތަކެއް ހަރުކުރަން ފަށައިފި އެވެ.

ހުޅުމާލޭގައި ގިނައިން އެކްސިޑެންޓުތައް ހިނގާ ކަމަށް ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައި ސްޕީޑްބްރޭކަރު ހަރުކުރަން އެޗްޑީސީން މި ފަހަރު ފެށި ޕްރޮގްރާމްގައި ހަރުކުރަނީ ތާރު (އަސްފަލެޓް) ބްރޭކަރު ތަކެކެވެ.

މި ފަހަރު އެންމެ ފުރަތަމަ ބްރޭކަރު ހަރުކުރި ސަރަހައްދުތަކުގެ ތެރޭގައި ނިރޮޅުމަގުން ހައިވޭއަށް އަރަންދާ ފަޅީގެ ބްރޭކަރުތައް ހިމެނެ އެވެ.

ހުޅުމާލޭގައި ސްޕީޑްބްރޭކަރު ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށާފައި މިވަނީ ކައިރިކައިރީގައި ގިނަ  އެކްސިޑެންޓްތަކެއް ހިނގައި، އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ވަގުތެއްގަ އެވެ. 

ރަބަރުން ހަދާފައިވާ ސްޕީޑްބްރޭކަރުތަކެއް ހުޅުމާލޭގެ މަގުތަކުގައި ފުރަތަމަ ހަރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ. 

އެކްސިޑެންޓުތަކާއި ކާރޫބާރުބޮޑު ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ހަރުކުރި އެ ސްޕީޑްބްރޭކަރުގެ ސަބަބުން އުނދަގޫވާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ އޮއްސާލި އެވެ. އޭރު ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ ތާރުގަނޑު ތޮރުފައިގެން ހަރުކޮށްފައިވާ އެ ސްޕީޑު ބްރޭކަރުތަކުން ކިތައްމެ މަޑުން ފޭބިއަސް އުނަގަނޑުގައި ރިއްސާ ކަމަށެވެ.

އެހެންވެ، އެ ތަކެތި ނަގައިދޭން ގިނަ ބަޔަކު އޭރު ގޮވާލި އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު  މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކު އޭރު ބޭއްވި ބައްދަލުވުންތަކުގައި ވެސް ބައެއް މީހުން އެކަމަށް އެދުނެވެ.

އެ ބްރޭކަރުތައް ހަރުކުރި އިރު އެޗްޑީސީން ބުނީ އެއީ ރައްކާތެރި ތަނަކަށް ހުޅުމާލޭގެ މަގުތައް ހަދަން ކުރި މަސައްކަތެއް ކަމަށެވެ.