މަގުމަތީގެ ގާނޫނުތަކަށް އަމަލު ކުރަން ދަސްވާނީ ކޮން އިރަކުން؟

އެންމެ ހަތަރު ލައްކަ މީހުންގެ މި ކުޑަ އާބާދީގައި އިޖްތިމާއީ މައްސަލަތަކުގެ އަދަދު ކިޔަން ޖެހެނީ ހާހުންނެވެ. އެހާ ވެސް ގިނަ އެވެ. އެތައް މިލިއަން މީހުން އުޅޭ ގައުމުތަކުގައި މިފަދަ މައްސަލަތައް ބޮޑު ނުވާ މިންވަރަށް ރާއްޖޭގައި އެކަންކަން އޮތީ ބޮޑުވެ، ފެތުރިފަ އެވެ. ހައްލު ކުރުމަށްޓަކައި ކުރި މަސައްކަތުގެ އެދެވޭ ނަތީޖާއެއް އަދި ނުފެނެ އެވެ. އޭގެ ތެރެއިން ވެސް، މަގުމަތީގެ ގާނޫނުތަކާއި އުސޫލުތަކާ ޚިލާފްވުމުގެ ވާހަކައަކީ ޔަގީނުން ވެސް މިހާރު އެންމެ ބޮޑު އެއް މައްސަލަ އެވެ.


އެއްގަމު ދަތުރުފަތުރު ކުރުމުގައި ހަރުކަށި އުސޫލުތަކާއި ގަވާއިދުތައް ލިޔެފައި ހުންނަނީ ހަމައެކަނި ދައުލަތަށް ފައިދާތަކެއް ހޯދުމަކަށް ނޫނެވެ. އެއީ މަގުތައް ބޭނުންކުރާ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކަ އެވެ. މިކަމުގައި ރާއްޖެއަށް ވުރެ ހަރުކަށި އުސޫލުތައް ގެންގުޅޭ ގައުމުތައް ވެސް އެބަ ހުއްޓެވެ. ރާއްޖޭގައި މަގުމަތީގެ އެކްސިޑެންޓްތަކާއި ހާދިސާތައް އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން ދާއިރު، މަގުމަތީގެ ގާނޫނުތަކާއި އުސޫލުތަކަށް އަމަލު ކުރާ މީހުން އިތުރުވެއްޖެ ހެއްޔެވެ؟. ހަމަގައިމު ވެސް އެ މަންޒަރު މަގުތަކުންނެއް ނުފެނެ އެވެ.

މަގުތަކުގައި ދުއްވޭނެ ސްޕީޑް ލިމިޓް ލިޔެފައި އޮތީ ހަމައެކަނި ފޮތުގަ އެވެ. އަމަލު ކުރާނެ ބައެއް ނެތެވެ. އެއަށް އަމަލު ނުކޮށް ހިތުހުރި ސްޕީޑެއްގައި ދުއްވުމަކީ، އެއް ބައެއްގެ ނަޒަރުގައި، "ހަމަ ވަރަށް ސަޅި ކަމެކެ" ވެ. އެތައް ބައެއްގެ އުއްމީދުތަކާ ގުޅިފައިވާ ތާރީޚީ ސިނަމާލެ ބްރިޖް އާންމުންނަށް ހުޅުވާލި ފަހުން ބްރިޖް މަތިން މުޅިންހެން ފެންނަނީ އެ މަންޒަރެވެ. ބޮޑު ކުޅިވަރެއް ފަދައިންނެވެ. އުސޫލުތަކާ ހިލާފަށް އަމަލްތައް ބަހައްޓާ މީހުން ގިނަ އެވެ.

ބްރިޖް މަތީގައި ބައެއް މީހުން ސައިކަލުތަކާއި ކާރުތައް ދުއްވަނީ ސްޕީޑް ލިމިޓަށާއި ޓްރެފިކް ނިޝާންތަކަށް ބެލުމެއް ނެތި އެވެ. ދުވެލި މަތަކުރަން ސްޕީޑް ބްރޭކަރުތައް އަޅާފައި އޮތަސް، އެއީކީ ހަމައެއް ލަމައެއް ނެތި ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް މައިތިރި ކުރެވޭނެ ވަރުގެ "ބޭހަކަށް" ނުވެ އެވެ. ބްރިޖާއި ބްރިޖް ހުރަސްކޮށް ހުޅުމާލެ އަށް ދަތުރު ކުރަން ހެދި މަގު ހުޅުވާލި ފަހުން މަގުމަތީގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.

ރާއްޖޭގައި ރަނގަޅު ފެންވަރަކަށް ހަދާފައި އޮންނަ ކޮންމެ މަގެއް ވެސް ބައެއް މީހުންނަށް ފެންނަނީ ރޭސިން ޓްރެކެއް ގޮތަށެވެ.

ރާއްޖޭގައި މަގުމަތީގެ އެކްސިޑެންޓްތަކުގެ ސަބަބުުން އެވްރެޖްކޮށް އަހަރަކު 10 ވަރަކަށް މީހުން މަރުވެ އެވެ. މީގެ އިތުރަށް އެކްސިޑެންޓްތަކުގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހިފައި ތިބި މީހުން ވެސް މަދެއް ނޫނެވެ.

އެއްގަމު އުޅަނދު ދުއްވަމުން ފޯނުން މުއާމަލާތް ކުރުމާއި މަގާ ވީ ފަޅީގައި ކުޑަކުދިން ގޮވައިގެން ހިނގާފައި ދިއުމާއި ބެލްޓް ނާޅާ ކުޑަކުދިން އަރުވައިގެން ސައިކަލު ދުއްވުން ފަދަ ކަންކަން ގާނޫނުގައި މަނާކޮށްފައި އޮތަސް، ބައެއް މީހުން އެއަށް ފަރުވާލެއް ނުބަހައްޓަ އެވެ.

ހިނގާ މީހުންނަށް ފަސޭހައިން މަގު ހުރަސް ކުރެވޭނެ ގޮތަށް ކުރަހާފައި ހުންނަ ކަފިހި ހުރަހަކީ ވެސް އެއްގޮތަކުން ބުނާ ނަމަ މިހާރު ނުރައްކަލެކެވެ. ޓްރެފިކް ގަވާއިދުތައް ބުނާ ގޮތުން މަގު ހުރަސްކުރަން ކަފިހި ހުރަހެއްގައި މީހަކު ހުރެއްޖެ ނަމަ، ހުރިހާ އުޅަނދެއް އެ މީހަކަށް ތަން ދޭން މަޑުކުރަން ޖެހޭނެ އެވެ. އެކަމަކު މިއަދުގެ ހަގީގަތަކީ "މަރުވިޔަސް ވަރިހަމަ" ކަމަށް ހަދައިގެން މަގު ހުރަސް ކުރުން ނޫން ގޮތެއް ނެތުމެވެ. ހުރަސް ކުރާ މީހުންނަށް ތަން ދޭން މަޑުކޮށްލަނީ މަދު ބައެކެވެ.

މީގެ އަނެއް ކޮޅަށް ވިސްނާ ނުލައި، ތިބެވޭކަށް ވެސް ނެތެވެ. ޕާކިން މައްސަލަ ބޮޑުވެފައިވާ މާލޭގައި އެއްވެސް ހަމައެއް ލަމައެއް ނެތި މަގުގެ ދެ ފަރާތުގައި ޕާކް ކޮށްފައި ހުރުމުން، މަގު ހުރަސް ކުރާ މީހާ ފެންނަ ގޮތެއް ނުވެ އެވެ. އެކަމަކު އެއިން ކަމަކަށް ވިސްނާލުމެއް ނެތި، ހިނގާ މީހާގެ ޒިންމާއެއް ނެތް ކަމަށް ދެކިގެން މަގު ހުރަސް ކުރާ މީހުން ވެސް މަދެއް ނޫނެވެ. މިފަދަ ކަންކަމުގެ ސަބަބުން ތިމާ ނުވަތަ އެހެން މީހަކު އެ ހުށަހެޅެނީ ކިހާ ނުރައްކާތެރި ކަމަކަށް ކަން ވިސްނާލެވޭ ހެއްޔެވެ؟. ނުވަތަ އެ ހާލަތުގައި ވެސް ގޯސް ވާނީ އާންމު އުސޫލުން "ކުށްވެރިވެފައި ތިބޭ ދުއްވާ މީހުން" ހެއްޔެވެ؟.

ރާއްޖޭގައި މަގުމަތީގެ އެކްސިޑެންޓްތަކުގެ ސަބަބުުން އެޖްރެޖްކޮށް އަހަރަކު 10 ވަރަކަށް މީހުން މަރުވެ އެވެ. މީގެ އިތުރަށް އެކްސިޑެންޓްތަކުގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހިފައި ތިބި މީހުން ވެސް މަދެއް ނޫނެވެ. މިކަންކަމަށް ހޭލުންތެރިކުރަން ކަމާ ބެހޭ އިދާރާތަކުން މަސައްކަތް ކުރެވުނު އަދަދެއް ވެސް ނޭނގެ އެވެ. ޔަގީންވާ ކަމަކީ ބަޔަކު ކިޔައި ނުދިނަސް އަދި ކިޔައިދިން އެއްޗެއް ހަނދާން ނެތުނަސް، ކޮންމެ ދުވަހަކު ހެން ފެންނަމުންދާ ނުރައްކާތެރި އެކްސިޑެންޓްތަކުން ފިލާވަޅެއް ލިބިގަންނަހާ ވަރު ވެއްޖެ ކަމެވެ.

މިހާރު ވެސް ސައި ހޮޓާތައް ކައިރީގައި މުޅިން އޮންނާނީ ރަތް ކުޅުގެ "ރަތް ދޫލަތަކެ"ވެ. ކުނީގެ "ފަރުބަދަތަކާ" ހެދި މާލޭގެ ބައެއް ސަރަހައްދުތަކުން ހިނގަލާން ދަތިވެ، ކުނި ކޮށްޓެއް ގޮތަށް މާލޭގެ މަގުތައް ސިފަވި ދުވަސްކޮޅެއް ވެސް ދިޔަ އެވެ.

"ކުޑަކުއްޖާ ގޮވައިގެން ސައިކަލުގައި އެ ދިޔައީ ވަން ވޭ ފަޅާލާފައި. އެ ކުއްޖާއަށް އެ ދަސްކޮށް ދިނީ ކިހާ ރަނގަޅު ފިލާވަޅެއް،" މަގުމަތިން ފެނުނު މަންޒަރަކާ ހެދި ސޯޝަލް މީޑިއާގައި މީހަކު ނުރުހުން ފާޅުކޮށްފައިވެ އެވެ.

ޕާކިން މައްސަލައިގެ ވާހަކަ ދެއްކުމެއް ނެތެވެ. ޕާކިންގެ ދަތިކަމަކީ މާލޭގައި ބޮޑު މައްސަލައެކެވެ. އެކަމަކު ޕާކް ކުރާނެ ޖާގަ އޮވެ، ގަވާއިދާ ޚިލާފަށް ޕާކް ކުރާ މީހުން ވެސް އުޅެ އެވެ. ދާން ބޭނުންވާ މަންޒިލަށް ދެވުމުން، ޕާކް ކުރަން ބޭނުންވަނީ ސީދާ އެތަނެއްގެ ކުރިމަތީގަ އެވެ. ކަންމަތީގައި ޕާކް ކުރުމަކީ މަނާ ކަމަކަށް ވުމުގެ އިތުރަށް އެއީ ހިނގާ މީހުންނަށާއި ދުއްވާ އެހެން އުޅަނދުތަކަށް ދަތިވާނެ ކަމެއް ވެސް މެ އެވެ. މިއީ ފުލުހުން ކޮންމެ ދުވަހަކު ސްޓިކާ ފޮތް ހިފައިގެން ނިކުމެގެން ވެސް ފަރުވާއެއް ނުހޯދުނު "ބޮޑު ބައްޔެކެވެ."

އެކްސިޑެންޓެއް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ/މިހާރު

ޕޭވްމަންޓަކީ މަގުމަތީގައި ހިނގަން ޚާއްސަކޮށްފައި އޮތް ތަނެއް ކަން ހަނދާން ހުންނަނީ ކިތައް މީހުން ހެއްޔެވެ؟. ކިތަންމެ ރަނގަޅު ފެންވަރަށް މަގުތައް ހަދާފައި ހުއްޓަސް ޕޭވްމަންޓެކޭ އުޅަނދުތައް ދުއްވާ ސަރަހައްދެކޭ މިހާރު ތަފާތެއް ނުފެނެ އެވެ. އެކަމަކު މި ނުބައި އާދަ ފެތުރިފައިވާ ވަރަށް ބޮޑު ސަބަބެއް ވެސް އެބަ އޮތެވެ. ޕޭވްމަންޓްގައި ހަމައެއް ލަމައެއް ނެތި ގަވާއިދާ ޚިލާފަށް މުދާ ބެހެއްޓުމާއި ވެހިކަލްތައް ޕާކްކުރުމުގެ އިތުރުން ވާރޭ ކަނިކޮޅެއް ޖަހާލިޔަސް، ދެތިން ދުވަސް ވަންދެން އިމާރާތްތަކުން ޕޭވްމަންޓް މައްޗަށް "ވެހޭ ވާރެ" އަކީ މީގެ އަނެއް މައްސަލަ އެވެ. މިއީ ވެސް މަނާ ކަންތައްތަކެއް ކަން އެނގުނަސް ކަން ފަސޭހަކޮށްލަނި އެވެ.

އިމާރާތްތަކުން ޕޭވްމަންޓްތަކަށް ފެން ފައިބާތީ ހިތްހަމަނުޖެހުން ފާޅުކުރި މީހަކު ކުރި ޓްވީޓެއް

މިވަރުން ނިމުނީކީއެއް ނޫނެވެ. މަގުމައްޗަށް ކުނި އެޅުމާއި ހަޑި ކުރުން އަދި އޮތީ ކުރިއަށެވެ. ދިވެހިންގެ ފަހުރު ކަމުގައި ދެކޭ ބްރިޖް އާންމުންނަށް ހުޅުވާލި ދުވަހު ވެސް ފެނުނީ ކުނި އެޅުމުގައި ދިވެހިން "ރަން އަކުރުން" ފަވާލި ތަނެވެ. އެތައް ހާސް ބަޔަކު ކުޑަކުދިން ގޮވައިގެން ގޮސް އެރީ ހަމައެކަނި ބްރިޖަކަށް ނޫނެވެ. ގިނަ މީހުން އެދުވަހު ގެއަށް ދިޔައީ މުޅި ބްރިޖް ގޮނޑަކަށް ހަދާލައި، ކުނި އެޅުން މަނާކުރާ އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފް އަމަލުތައް ހުއްޓުވުމުގެ ގާނޫނަށް ވެސް ފައިން އަރައިފަ އެވެ. ޖަލްސާއެއް ނުވަތަ ކުޑަކުދިންގެ ހަވީރެއް ބޭއްވިޔަސް، މި ނޫން މަންޒަރެއް ނުފެނެ އެވެ.

"ބްރިޖަށް އެރީ ބްރިޖްގެ ރީތިކަން ދެކިލައި ފޮޓޯ ނަގަން. ނިމިގެން ގެއަށް ދިޔައީ ފޭސްބުކާއި އިންސްޓަގްރާމްގައި ސަޅި ފޮޓޯތަކެެއް އަޕްލޯޑް ކޮށްފައި. އެކަމަކު ތަން އޮތީ ގޮނޑަކަށް ހަދާލާފައި. މިވަރުގެ ބަޔަކަށް ތަރައްގީ ގެނެސްދޭނީ ކިހިނެއް؟" މީހަކު ފާޅުކުރި ޚިޔާލެއްގައިވެ އެވެ.

މިހާރު ވެސް ސައި ހޮޓާތައް ކައިރީގައި މުޅިން އޮންނާނީ ރަތް ކުޅުގެ "ރަތް ދޫލަތަކެ"ވެ. ކުނީގެ "ފަރުބަދަތަކާ" ހެދި މާލޭގެ ބައެއް ސަރަހައްދުތަކުން ހިނގަލާން ދަތިވެ، ކުނި ކޮށްޓެއް ގޮތަށް މާލޭގެ މަގުތައް ސިފަވި ދުވަސްކޮޅެއް ވެސް ދިޔަ އެވެ. ކުނީގެ މައްސަލަ ބޮޑުވެ، އެންމެ ފަހުން ކުނި މެނޭޖްކުރުން ސަރުކާރު ކުންފުންޏަކުން ކުރާ ގޮތަށް ހަމަޖެއްސުމުން، މަގުމަތިން ފެންނަ ކުނީގެ "ފަރުބަދަތައް" މަދުވިޔަސް، މަގުމައްޗަށް ކުނި އަޅާ މީހުން އަދިވެސް މަދެއް ނުވެ އެވެ. މަގުމައްޗަށް ކުނި ނާޅަމޭ ބުނެ، ބައެއް މީހުން ކަންފަސޭހަ ކޮށްލަނީ ޕާކް ކޮށްފައި ހުންނަ ސައިކަލުތަކުގެ ވަށިގަނޑުތައް ޑަސްބިނަކަށް ހަދާލައިފަ އެވެ. މިއީ ވެސް މަނާ ކަމެއްކަން ނޭނގޭތީ ކުރާ ކަމެއް ނޫނެވެ.

އާންމު ތަންތަނަށް ކުނި އަޅާތީ ނުރުހުން ފާޅުކުރި މީހަކު ކުރި ޓްވީޓެއް

ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި އާންމު ތަންތަން ހަޑިކުރުމާއި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގާނޫނުތައް އޮންނަނީ ވަރަށް ހަރުކަށިކޮށެވެ. ބައެއް ގައުމުތަކުގައި ޓްރެފިކް އުުސޫލުތަކާ ޚިލާފްވުމުން ބޮޑެތި ޖޫރިމަނާތަކުގެ އިތުރުން އެ މީހެއްގެ އުޅަނދު ވަކި މުއްދަތަކަށް ހިފެހެއްޓުން އަދި ޖަލު ހުކުމް ވެސް އާދެ އެވެ. އަދި ބައެއް ގައުމުތަކުގައި މަގުމައްޗަށް ކުނި އެޅުމުން ކުރިމަތިލާން ޖެހެނީ ހީވެސް ނުކުރާ ފަދަ ބޮޑެތި ޖޫރިމަނާތަކާ އެވެ. މިސާލަކަށް ހޮލެންޑާއި ފިންލެންޑާއި ސިންގަޕޫރު ފަދަ ގައުމުތައް ފާހަގަކޮށްލެވެ އެވެ.

ހަރުކަށި އުސޫލުތަކެއް ރާއްޖޭގައި ނެތަސް، ނިސްބަތުން އެކަށީގެންވާ ޖޫރިމަނާތަކާއި ލައިސަންސް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް އެޅެން އެބަ އޮތެވެ. އެކަމަކު ފެންނަން ނެތީ ހަމައެއް ލަމައެއް ނެތި، މަގުމަތީގެ އުސޫލުތައް މުގުރާލާ މީހުން މައިތިރި ކުރެވޭނެ ފޯމިއުލާއެކެވެ. އެހެންވެ، ރާއްޖެއަށް އޮތް ހަމައެކަނި ހައްލަކީ ހަރުކަށި އުސޫލުތައް އޮންނަ ގައުމުތަކެކޭ އެއްގޮތަށް، ޖޫރިމަނާގެ އަދަބުތައް ބޮޑުކޮށްގެން ނުވަތަ މިފަދަ ކަންކަން ޖިނާއީ ކުށަކަށް ހެދުން ހެއްޔެވެ؟.

ކިތަންމެ ހަރުކަށިކޮށް ވެސް ގާނޫނުތައް ލިޔެވިދާނެ އެވެ. މައްސަލައަކީ އަމަލު ކުރާނެ ބަޔަކު ނެތުމާއި ނިސްބަތުން އެފަދަ މީހުން މަދުވުމެވެ. އެހެންކަމުން އަބަދުވެސް ކުރިމަތިވާ އެންމެ ބޮޑު ފާޑުކިޔުމަކީ ގާނޫނު ތަންފީޒު ކުރަން ތިބޭ ކަމާ ބެހޭ އިދާރާތަކަށް އެކަންކަން ނުހުއްޓުވޭ ކަމުގެ ޝަކުވާ އެވެ. ގާނޫނު ތަންފީޒު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމާ މެދު ދެބަހެއް ނުވެވޭނެ އެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދީފައި ތަންފީޒީ އިދާރާތައް ހިންގަނީ އެ ބޭނުމުގަ އެވެ. އެކަމަކު އެއީކީ ގާނޫނުތައް މުގުރާލުމަށް ފަހު، ކޮންމެ ކަމަކުން ރެކުމަށް ދެއްކޭނެ އުޒުރެއް ވެސް ނޫނެވެ.

މަގުމަތީގެ ގާނޫނުތަކާއި އުސޫލުތައް ހިފެހެއްޓުމަށްޓަކައި ކަމަށް ބުނެ ކޮންމެ މީހެއްގެ ފަހަތުގައި ނުވަތަ ކޮންމެ މަގެއްގައި ފުލުހަކު ނުބެހެއްޓިދާނެ އެވެ. ރަައްޔިތުން އުޅެންވީ އުސޫލުތަކާއި ހަމަތައް ތަފްސީލުކޮށް ބަޔާންކޮށް ދިނުމަކީ ގާނޫނުތައް ހެދުމުގެ މައިގަނޑު މަގްސަދެވެ. އެހެންވެ، ދައުލަތުގެ މައްޗަށް އޮންނަ ޒިންމާއާ އެއްވަރަށް ފަރުދީ ޒިންމާ ވެސް ބޮޑެވެ. ޓްރެފިކް މައްސަލަތަކުގައި ހިމެނޭ މީހުން، އެ މީހުންގެ އަމަލްތަކާ މެދު ފުރަތަމަ ވިސްނަންވީ އެވެ. ފުލުހެއް އައުމުގެ ކުރިން، ނުރައްކާތެރި ހާދިސާއަކާ ކުރިމަތިލާން މި ޖެހެނީ ތިމާ އަށެވެ. ދެން މަގުމަތިން ދަތުރުކުރާ އެހެން މީހުންނެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ