ރަހުމުކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އއ. މާޅޮސް، އަބްދުއްރަހުމާން އާދަމް 65 އާއި ރޭ އެކްސިޑެންޓުގައި ނިޔާވީ 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދާއި މަރުވެގެން ލައްގާފައި އޮއްވާ ފެނުނު 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު--
14 ޖުލައި 2025 - 12:18
އަމާންކަމާ އެކު ހަމަޖެހިލައިގެން މީހުން އުޅެމުން ދިޔަ އއ. މާޅޮސް ބިރުވެރިކަމުގެ ތެރެއަށް ވައްޓާލި އަނިޔާވެރި މަރަކާ އެކު އިއްޔެ ފެށުނީ މުޅި ރާއްޖެއަށް ސިހުން ގެނުވަމުންނެވެ. ކުށުގެ ވެއްޓެއް ނެތް އެ ރަށުގައި ރޭގަނޑުގެ އަރާމު ނިދީގައި އޮއްވައި އެ ރަށު އަބްދުއްރަހުމާން އާދަމަށް ބޮޑެތި އަނިޔާތަކެއްދީ މަރާލީ އެވެ.
އިއްޔެ ރޭ މެންދަމުން ފެށިގެން އެ ރަށް މި ހާސްކަމުގައި އޮތަސް އެ ޚަބަރު ފެތުރިގެން ދިޔައީ އެ ހާދިސާގެ މައުލޫމާތު ފުލުހުން މީޑިއާތަކާ ހިއްސާކުރުމާ އެކުގަ އެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން މަރުވީ އޭނާ ގޭގައި ނިދާފައި އޮއްވައި މީހަކު ނުވަތަ ބަޔަކު ވަދެ ބޮލަށް ދިން ބޮޑެތި އަނިޔާތަކާ ގުޅިގެން ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
މަސްވެރިކަމުން އާމްދަނީ ހޯދައިގެން އަނބިމީހާއާ އެކު ރަށުގައި ދިރިއުޅެމުން ދިޔަ، އެންމެންނާ ވެސް ގުޅޭ އަބްދުއްރަހްމާންގެ ސިކުނޑި ވެސް ބޭރަށް ފެންނަ ވަރަށް ޒަހަމްކޮށްލައި މަރާލަންޖެހޭ ސަބަބެއް އެ ރަށު މީހުންނަކަށް ނުވިސްނެ އެވެ. ރަށުގައި އަބްދުއްރަހްމާނާ މެދު މާ ބޮޑު މައްސަލައެއް ޖެހިގެން އުޅޭ މީހަކު ވެސް ނެތެވެ.
މި މަރުގެ ޚަބަރު ލިބުނު އިރު ވެސް ގދ. ގައްދޫ މީހުން ތިބީ އޭގެ ހަތަރު ދުވަސް ކުރިން އެ ރަށުން ގެއްލުނު ޒަކަރިއްޔާ މުހައްމަދު، 79، ހޯދުމުގެ މަސައްކަތުގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ގައްދޫއިން ގަމަށް އޭނާ ފުރި ގޮތަށް ވީނުވީއެއް ނޭނގި ގެއްލުނީ އެވެ.
ފުލުހުންނާއި އާންމުން ގުޅިގެން ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ ގަމު ގޮނޑުދޮށަށް ލައްގާފައި އޮއްވައި، އިއްޔެ މެންދުރުވާން އުޅެނިކޮށް ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގައްދޫއިން ފުރިފަހުން ގެއްލިގެން ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވައި ފެނުނު ޒަކަރިއްޔާ މޫސާގެ ހަށިގަނޑު އެމްބިއުލާންސަށް އަރުވަނީ.
ދަނޑުވެރިކަން ކުރަމުން އައި ހީވާގި މީހެއް ކަމަށްވާ ޒަކަރިއްޔާގެ ހަށިގަނޑު ފެނުމުގެ ކުރިން އޭގެ ކުރީ ދުވަހު ވަނީ އޭނާ ދަތުރުކުރި ޑިންޑީ ގަމާއި ގައްދޫއާ ދެމެދު އޮންނަ ކުޑަ ކަނޑުއޮޅިން، 10 މީޓަރު އަޑިން ފެނިގެން ނަގައިފަ އެވެ.
ޒަކަރިއްޔާ ދަތުރުކުރީ އެކަނިމާއެކަނި ކަމަށް ވާތީ، އޭނާއަށް ދިމާވި ގޮތެއް ވެސް ނޭނގެ އެވެ.
ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ކަނޑު އަޑިން ނަގަނީ.
މި ދެ މަރަށް ފަހު ރޭ އިރާކޮޅު އަނެއްކާވެސް އާދަޔާ ހިލާފު ބޮޑު ހާދިސާއެއްގައި ގެއްލުނީ އުމުރުން 17 އަހަރުގެ ކުއްޖެއްގެ ފުރާނަ އެވެ.
މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، މީހެއްގެ ގައިގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި މަރުވީ ސައިކަލް ދުއްވަން އިން އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދެވެ.
ރޭ 8:00 ހާއިރު މި އެކްސިޑެންޓު ހިނގީ ދުވަން އުޅުނު މީހަކު ޒިބްރާކްރޮސް އިން މަގުގެ އަނެއް ފަޅިއަށް ދާން ދުވެފައި ދަނިކޮށް، ސައިކަލް ކޮންޓްރޯލް ނުވެ އެ މީހާ ގައިގައި ޖެހިގެންނެވެ. ސައިކަލުން ޖެހި 40 އަހަރުގެ އެ މީހާ ޒަހަމްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދާއިރު ސައިކަލް ފަހަތުގައި އިން ކުއްޖާއަށް ވެސް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓުގައި، ދެ ކުދިން ތިބި ސައިކަލް ގޮސް ޖެހުނީ މަގުގެ އެއްކޮޅުން އައި ޕިކަޕެއްގަ އެވެ. މަރުވި ކުއްޖާ އޮތީ ޕިކަޕްގެ ދަށުވެފަ އެވެ. އެކްސިޑެންޓުުގައި މީހުންނަށް ލިބުނު ޒަހަމްތަކާ އެކު ފޭބި ލެއިން މަގުގައި އޮތީ ކޯރު ހެދިފަ އެވެ.
މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލްޣަނީ އެ މީހުންގެ ދަރިފުޅު އަލްސަންއާ އެކު.
މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހުންނަ ހަމަ އެކަނި ދަރިފުޅު ކަމަށްވާ އަލްސަންގެ މަރުން ވެސް ލިބުނު ހިތްދަތިކަން ބޮޑެވެ. އިހަށް ދުވަހު އޯލެވެލް އިމްތިހާން ނިންމައި އެތައް އުންމީދަކާއި ހުވަފެންތަކެއް އެ ކުއްޖަކާ މެދު ކުރެވުނު އަލްސަންގެ ކުއްލި ވަކިވުމާއި އެ ހާދިސާ ހިނގި ގޮތުން ހިތަށް ލިބުނު ވޭން އެތައް ގުނައެއް ބޮޑުވި އެވެ.
އިއްޔެ ފެށުނީ ވެސް އަދި ދުވަސް ނިމުނީ ވެސް އާދަޔާ ހިލާފް ދެ މަރާ އެކު ބިރުވެރިކަމާއި ހިތްދަތި އިހްސާސްތަކާ އެކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
16 July 2025
ހެސްކިޔާފަ ބާރަށް ސައިކަލް ދުއްވާމީހުން ހިފާ ހައްޔަރުކުރޭ! މަގު ހުރަސްކޮށްކޮށް ހުއްޓާ ގަޑިއަކު 60 ކިލޯމީޓަރަށް ވުރެ ބާރަށް އެ ދުއްވީ ގަޑިއަކު 30 ކިލޯމީޓަރަށްވުރެ މަޑުން ދުއްވަން ހުއްދަ އޮންނަ މަގެއްގަ. ދަރިފުޅަށް އެހުރީ 17 ނުވަނީސް ސައިކަލް ގަނެދީފަ. އަމިއްލަ އިހުމާލުން މަރުވީމާ ހިނގާ މީހުންނާ، މަގާ، ޕިކަޕާ ގޯސް މިކުރަނީ. ހަމަ އުޅުން ވިޔާނުދާއީ. އަދަބެއް އަޚްލާޤެއް ހަމަނެތީ! ކިތަށް މީހުންގެ ފުރާނަތޯ އެ ދިޔައީ! ކިތަށް މީހުންތޯ ނުކުޅެދުންތެރިވަނީ؟
ހަލޯ
14 July 2025
ސިހުން ގެނުވި މަރުތަކެއް.. ހަމަ އެއާއެކު ޤަބޫލުކުރާން ބޭނުންނުވިޔަސް ރާއްޖޭގެ އެންމެމަތީ ފަންތިން ފެށިގެން އާންމުންނަށް ބަލާލިޔަސް އިންސާނުންގެ މެދުގައި އޮތް ތަފާތުކުރުން އިންތިހާއަށް ފެނުން... ނިޔާވި ކޮންމެ މީހަކީ ދިވެހި ރައްޔިތެއް އަދި ކޮންމެވެސް އާއިލާއަކަށް ނިސްބަތްވާ ދިވެހި ދަރިއެއް.. އެކަމަކު ރައީސުން ފެށިގެން ވެސް ތައުޒިޔާ ރައްދު މިކުރަނީ ހަމަ އެއްކަލަ އެންމެން ދަންނަ މީހާގެ ދަރިޔައް އެކަނި .. ކީއްވެގެންތޯ
ލަބީނާ
14 July 2025
ބުރިޖުމަތީގަ، ހުޅުމާލެ ދާ ހައިވޭގަ 100 ގަ ދުއްވާ ސައިކަލްތަކާއި ކާރު ވޭން ފަދަ އުޅަދު ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރުމުގެ ގާބިލްކަން ފޮލިހުން، ޓްރާންސްޕޯޓު، ރައީސް އޮފީސް އަދި ކޯޓުތަކުގަ ނެތް!! ބޭނުންވަނީ ބޮޑު މަގާމް، ބޮޑު މުސާރަ! މުޅި އުމުރަށް އިނާޔަތްތައް! ސްޕީޑް ކެމެރާ ހަރުކުރި، ވީކަމެއް ހަރާމް!
އެޗް އެމް
14 July 2025
ހައްތާވެސް އިބްރަތް. އިބްރަތުން ކަމެއް ރަގަޅުވާތަނެއް ނުފެނޭ. ތަކުރާރުވާ ނިސްބަތް އިތުރުވާތަން ފެނިގެން މިދަނީ. މަދަނީ ތަހުޒީބު ދަނީ ދަށަށް. މިފަދަ ކޮންމެ ހާދިސާ އަކާއި ގުޅިގެން ގަވާއިދުތައް ހަރުދަނާ ކޮށް ހަރުކަށި ފިޔަވަޅު އަޅާވާހަކަ އާއި، ގާފުރޮޅާ ވާހަކަ އިވޭ. ނަތީޖާއެއް ނުނެރެވި ނިވް ނޯމަލް އަކަށް ބަދަލުވަމުން މިދަނީ.
މިޑިލް ކިލާސް
14 July 2025
އޯކޭ އެއްނު. ޒުވާނުންނޭ ކިޔާ އުމުރުގެ މީހެއް ނެތެއްނު؟ "ކުޑަ ކުދިންނާ" "މުސްކުޅިން"
ރައީސާ
14 July 2025
ނިޔާވި އެންމެ ބޭފުޅުންގެ ފާފަފުއްސަވާ ޢަފޫކުރައްވާށި. ލައިސަންސް ނެތް ، 18 އަހަރު ނުފުރޭ ކުދިންނަށް ސައިކަލް، ކާރުފަދަ ދުއްވާ އުޅަނދުތައް ދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭކަމަށް ދެކެން. ކުދިންދެކެ ވާ ލޯބިން ނަމަވެސް ކޮށްލެވޭ މިފަދަ ކަންތަކުގެ ސަބަބުން އެ ކުއްޖާއާ މުޅި މުޖްތަޢު ނުރައްކަލާއި ހިތާމައިގެ ފުން އަނދަވަޅަކަށް ވެއްޓުމަކީ ނުހަނު އަސަރު ކުރުވާ ކަމެއް. ހިތްދަތިކަމުގައިވާ ޢާއިލާތަކަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރުކުރައްވާށީ. އާމީން
އާމީން
14 July 2025
ކުދިންނެއްނޫން އެއީކީ. 18 އަހަރު ނުފުރުނަސް މީހެއްގެ ފުރާނަ ދާވަރު ކަންކަން ކުރާ އިރު ކުދިންނެކޭ ނުކިޔާނެ.
އިޓްސް ބީން އަ ލޯންގް ޑޭ
14 July 2025
ވޭޕު މަނާ ކުރި ގޮތައް މަގު މަތީ ދުވާ މީހުންނާއި ބާރައް ސައކަލް ދުއްވާ މީހުންނައް ވެސް ކޮންމެވެސް ކަމެއް ކުރަންވީނު.
އަންދަލޫސިޔާ
16 July 2025
ދުވާ މީހާ މަގު ހުރަސްކުރީ ކަފިހި ހުރަހުން. ސައިކަލުގެ ބާރު އަޑަށް އޭނާ ވެސް ކަފިހި ހުރަހުން ދުރަށް ދިޔައީ ސަލާމަތްވާން. ހެސްކިޔާފަ ބާރަށް ދުއްވީމާ، ދުއްވި މީހާ މަރުވިޔަސް، އެހެން އިތުރު ބަޔަކު އެތިބީ ވެންޓިލޭޓަރުގަ. މިއީ ސުއިސައިޑް ކަހަލަ ކަމެއް! މިއީ ޓެރަރިސްޓް ޙަމަލާއެއް!