އއ. މާޅޮހު އަބްދުއްރަހްމާން މަރުގެ މައްސަލާގައި ހައްޔަރުކޮށް ބަންދު މުއްދަތު ޖެހި އަހުމަދު އާޝިދު، 27: އޭނަގެ ބަންދު މުއްދަތު ވަނީ 30 ދުވަހަށް އިތުރު ކޮށްފައި--
28 އޯގަސްޓް 2025 - 11:57
އއ. މާޅޮހުގައި މިދިޔަ މަހު މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަހުމަދު އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް މިދިޔަ އަންގާރަ ދުވަހު އިތުރުކޮށްފި އެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން ދިރިއުޅޭ ގޭގެ ތެރޭގައި މަރާލި މައްސަލައިގެ ތުހުމަތުގައި އާޝިދު ހިމެނޭ ގޮތަށް އެ ރަށު ތިން މީހަކު ހައްޔަރުކުރީ މި މަހު 21 ވަނަ ދުވަހު އެވެ. އެ މައްސަލާގައި އާޝިދުގެ އިތުރުން ހައްޔަރުކުރީ މުހައްމަދު ވިޝާމް އާއި އަހުމަދު ފާރިސް އެވެ.
ވިޝާމް އާއި ފާރިޝް ވަނީ ޝަރީއަތް ނިމެންދެން ވަނީ ބަންދު ކޮށްފަ އެވެ. ނަމަވެސް އާޝިދު ބަންދަށް ކޯޓުން ފުރަތަމަ ދިނީ ފަސް ދުވަހެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މާލެއިން ހައްޔަރުކުރި އާޝިދުގެ ބަންދަށް ފުރަތަމަ ދިން ފަސް ދުވަސް މިދިޔަ އަންގާރަ ދުވަހު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން ބަންދަށް އިތުރު 30 ދުވަސް އެ ދުވަހު އިތުރު ކޮށްފައިވާ ކަމަށެވެ.
އަބްދުއްރަހުމާނަށް ހަމަލާދީ، މަރާލި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ފާރިސް، އަބްދުއްރަހްމާނަށް ހަމަލާދީފައި އޮތްކަން މީހުންނަށް އެނގުމުގެ މާ ކުރިން އަބްދުއްރަހްމާންގެ ދަރިއަކަށް ގުޅާފައި އޮތް ކަމަށާއި ގުޅީ ކީއްކުރަންތޯ އެހުމުން އެއީ ގޭދޮށަށް މީހުން އެއްވެގެން އުޅޭތީ ވެގެން އުޅޭ ގޮތެއް ބަލަން ކަމަށް ބުނެފައިވާކަން ވަނީ އެނގިފަ އެވެ.
އަބްދުއްރަހްމާންގެ ގާތިލް ހޯދަން ފުލުހުންގެ ތަހުގީގު ޓީމުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފާރިސްއަކީ އަބްދުއްރަހްމާންގެ ދަރިއަށް ގުޅާ މީހެއް ވެސް ނޫން ކަމަށާއި ކޯލް މިސްވެފައި އޮތުމުން ފަހުން ގުޅުމުން އޭރު ގުޅީ ގޭދޮށަށް މީހުން އެއްވެގެން އުޅޭތީ ވެގެން އުޅޭ ގޮތެއް ބަލަން ކަމަށް ބުނި ކަމަށް ވެ އެވެ. ނަމަވެސް އަބްދުއްރަހުމާންގެ ގޭދޮށަށް މީހުން އެއްވެގެން އުޅޭތީ ކަމަށް ބުނެ ގުޅި ވަގުތަކީ އަދި ހަމަލާ ދިންކަން މީހުންނަށް އެނގުމުގެ މާ ކުރި އެވެ. އަބްދުއްރަހުމާންގެ ތިން ކުދިން ވެސް އެ ދުވަސްކޮޅު އުޅުނީ މާލޭގަ އެވެ.
އަބްދުއްރަހުމާނަށް ހަމަލާދީފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. ދެމަފިރިން އެ ރޭ ނިދީ ދެ ކޮޓަރީގައި ކަމަށް ވާއިރު، ފިރިމީހާ އަށް ހަމަލާދީފައިވާކަން ނާޒިމާ އަށް އެނގުނީ އޭނާ "މިހާރު" އަށް ކިޔައިދީފައިވާ ގޮތުގައި ފާހާނާއަކަށް އެ ކޮޓަރި އަށް ވަން ވަގުތު އެވެ. އެއީ އެރޭ ރޭގެ ދަންވަރު އެވެ.
އަބްދުއްރަހުމާނަށް ހަމަލާދީފައި އޮއްވާ އެ ގެއަށް ދިޔަ ބައެއް މީހުން ކިޔައިދިން ގޮތުގައި ކޮޓަރީގެ ސީލިންއާ ހަމައަށް ލޭތައް ބުރައިގެން ގޮސްފައި ހުއްޓެވެ.
އަބްދުއްރަހުމާނަށް ދިން ހަމަލައާ ސިހުރާ ވެސް ބައެއް މީހުން ގުޅުވަ އެވެ. "މިހާރު" އާ ކުރިން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ ރަށުގެ ފިހާރައެއްގެ ކެމެރާ ހަރުކުރަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް އެފަދަ ތުހުމަތުތަކެއް ކުރެވުމުންނެވެ.
އެކަމަކު، އަބްދުއްރަހުމާނާއި ސިހުރާ ގުޅުވައިގެން ދައްކާ ވާހަކަތައް މާޅޮހުގެ ގިނަ މީހުން ގަބޫލު ނުކުރެ އެވެ. ބައެއް މީހުންނަށް އެ ވާހަކަ އިވުނީ ވެސް މި ފަހަރު އެކަނި ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
28 August 2025
ހާދަ ހިނިއައިސް. ތުހުމަތުކުރެވެނީ މަރުގެ މައްސަލައަކާ. ލަދެއްގެ އަދި ދެރަވުމުގެ ކަންފުޅެއްވެސްނެތް؟ މިހާރު މިކަންވެސް ނޯމަލް ކަމަކަށްވީދޯ؟
އެޑްމުންޑޯ
28 August 2025
ބަލަ އެއީ ، އޭނާގެ ކުރީގެ ފޮޓޯ އެކޭ