ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމާ ދިމާކޮށް، ޒުވާން ހަތީބުންގެ މަހާސިންތާއެއް މިއަދު ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، 300 އަށް ވުރެ ގިނަ ހަތީބުން ބައިވެރިވާ މަހާސިންތާގައި މައްކާގެ ހަރަމްފުޅުގެ އިމާމު ޑރ. ޔާސިރު އައްދައުސަރީ ބައިވެރިވެޑައިގަންނަވާނެ ކަމަށެވެ. 

ޒުވާން ހަތީބުންގެ މަހާސިންތާގައި ބައިވެރިވާ ޒުވާން ހަތީބުން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒުވާން ހަތީބުންގެ މަހާސިންތާގައި ބައިވެރިވާ ޒުވާން ހަތީބުން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން ބުނެފަައިވާ ގޮތުގައި، ދިވެހި ތާރީހުގައި އެންމެ ގިނަ ހާފިޒުން އުފެއްދީ މި ސަރުކާރުންނެވެ. ރާއްޖޭގައި 322 ހާފިޒުން މިވަގުތު އެބަތިއްބެވެ.

މިނިސްޓްރީގެ އަމާޒަކީ ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ އަދަދު 500 އަށް އެރުވޭތޯ މަސައްކަތް ކުރުން ކަމަށް ވެސް ބުންޏެވެ.

މިނިސްޓްރީން ކުރިން ބުނެފައި ވަނީ މަހާސިންތާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ދީނީ ދައުވަތުގެ ދާއިރާގައި ޒުވާނުންގެ ދައުރު ފުޅާކުރުމާއި ހަތީބުންނާއި އިމާމުންގެ މެދުގައި ގުޅުން ބަދަހިކުރުން ކަމަށެވެ.

އަތޮޅުތަކުގައި ތިބި ޒުވާން ހަތީބުން ވެސް އެ މަހާސިންތާގައި ބައިވެރިވުމަށް މާލެ ގެނެސްފައިވާ ކަމަށާއި ހުރިހާ އިންތިޒާމެއް ހަމަޖައްސާނީ އިސްލާމިކް މިނިސްޓްރީން ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވެ އެވެ.

ޒުވާން ހަތީބުންގެ މަހާސިންތާގައި ބައިވެރިވާ ޒުވާން ހަތީބުން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒުވާން ހަތީބުންގެ މަހާސިންތާގައި ބައިވެރިވާ ޒުވާން ހަތީބުން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭ "ޒުވާން ހަތީބުން" ޕްރޮގްރާމަކީ ރާއްޖޭގެ މިސްކިތްތަކަށް ދިވެހި ޒުވާން ޖީލެއް ބިނާކުރުމަށް ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.

ގުރުއާނުގެ އިލްމު ފެތުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ހާފިޒުންގެ އެލަވަންސް ވެސް ސަރުކާރުން ވަނީ ބޮޑުކޮށްދީފަ އެވެ.

މިވަގުތު ވެސް 30 ރަށެއްގައި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފިތައް ގާއިމް ކޮށްފައި ވެ އެވެ. އަދި 20 ތަނެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި 58 ތަނެއް ބިނާކުރުމުގެ މަސައްކަތާއި 30 އަށް ވުރެ ގިނަ ތަންތަން ހަދަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.