ރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނަށް ހާއްސަ ހެދުމެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު މީޑިއާއާ ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދު އަދި އާންމުކޮށް އިމާމު ކަމުގެ ވަޒީފާ އަދާ ކުރައްވާ އިމާމުން ނަމާދު ކުރާ ގަޑި އަށް ހާއްސަ ހެދުމެއް ތައްޔާރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ތާކިހަލެއް ވެސް ހިމެނޭހެން އެ ހެދުން ފަރުމާ ކުރަން ހުޅުވާލުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އިމާމުން ނަމާދު ކުރުމަށް މިހާރު ވަކި ހެދުމެއް ކަނޑައަޅާފައެއް ނޯވެ އެވެ. ނަމަވެސް އީދު ނަމާދާއި ހުކުރު ނަމާދަށް ދާއިރު އިމާމުން، އަރަބިން ބޭނުން ކުރާ ހެދުން ނުވަތަ ޖުއްބާ ލަ އެވެ.
މިނިސްޓްރީން ވަނީ ހާފިޒުންގެ ދަސްވެނިވުމުގެ ހަފުލާގައި ބޭނުންކުރުމަށް ގައުން އަދި ތާކިހާ އެއް ވެސް ތައްޔާރު ކޮށްފަ އެވެ. އެ ގައުނާއި ތާކިހާގައި ވެސް ވަނީ ދިވެހީންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން ދައްކުވައިދޭ އިސްލާމީ ރީތި ކުރެހުމެއް އަޅައިފަ އެވެ.