ބޮޑު އީދުގެ އުފާ މިއަދު ފާހަގަކުރާއިރު މި މުނާސަބަތު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކޮށް މަލާމާތް ނުކުރަން އީދު ހުތުބާގައި ގޮވާލައިފި އެވެ.

އީދު ހުތުބާގައި ބުނީ މި ދުވަހުގެ މާތްކަމާއި މަތިވެރިކަމާ އެކު ވެސް އީދުގެ ދުވަސްތަކަކީ، މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަސްތަކެއް ކަމަށެވެ. ނަމަވެސް އީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެނދުން އެޅުން އަދި ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުން ކަހަލަ ކަންކަމުން ދުރުހެލިވާން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ އީދުގެ ހުރިހާ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާންކުރަން ވާނެ ކަމަށެވެ.

ބޮޑު އީދު 2026: ބޮޑު އީދު ނަމާދު ކުރުމަށް މާފަންނު ސްޓޭޑިއަމްގައި ބޭއްވި ބޮޑު ޖަމާއަތް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބޮޑު އީދު 2026: ބޮޑު އީދު ނަމާދު ކުރުމަށް މާފަންނު ސްޓޭޑިއަމްގައި ބޭއްވި ބޮޑު ޖަމާއަތް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އީދުގެ އުފާ ފާޅުކުރާއިރު، އިސްލާމީ ސަގާފަތާ ހިލާފު، އިސްލާމީ ޝަރުއީ މިންގަނޑަށް ނުފެތޭ ހުރިހާ ކަންކަމުން ދުރުހެލިވުމަށް ވެސް ހުތުބާގައި ނަސޭހަތްތެރިވި އެވެ.

ހުތުބާގައި ބުނީ އީދަކީ މުޅި އިސްލާމީ އުންމަތް އެކަމުގެ އުފަލުގައި ބައިވެރިވެ، އުފާ ފާޅުކުރާން ޖެހޭ ދުވަސްތަކެއް ކަމަށާއި ރާއްޖޭގެ އެކިއެކި ސިނާއަތްތަކުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މުސްލިމު އަހުންނާއި އުހުތުންނަށް އިދުގެ ތަހުނިޔާ ކިޔައި، އީދުގެ އުފަލުގައި އެ މީހުން ވެސް ބައިވެރިކުރަން ވާނެ ކަމަށެވެ.

"އަހަރެމެން އަމާން ވެއްޓެއްގައި މި ދުވަސް ފާހަގަކުރާ އިރު، އިސްލާމީ އުންމަތުގެ ބަޔަކު ނުހަނު ނިކަމެތިހާލުގައި ތިބިކަން ވެސް ހަނދާން ނައްތައިނުލާށެވެ. ނަސްލު ނައްތައިލުމުގެ ބިރުވެރި ގަތުލްއާންމުތަކާއި ހައިހޫނުކަމާއި ހިޔާވަހިކަމެއް ނެތި އެތައް ހާސް މުސްލިމުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިކަން ހަނދާންކުރާށެވެ،" ހުތުބާގައި ބުންޏެވެ. 

"މި މާތް މަތިވެރި ދުވަހުގެ އުފާ އަހަރެމެން ފާޅުކުރާ އިރު އެ އަހުންނާއި އުހުތުންނަށް ހެޔޮ ދުއާކޮށް ނަސްރާއި ކާމިޔާބުދެއްވާތޯ ދުއާކުރާށެވެ. މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުއާ އެވެ."

ބޮޑު އީދު 2026: ބޮޑު އީދު ނަމާދު ކުރުމަށް މާފަންނު ސްޓޭޑިއަމްގައި ބޭއްވި ބޮޑު ޖަމާއަތުގައި ކުދިބޮޑު ގިނަ ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބޮޑު އީދު 2026: ބޮޑު އީދު ނަމާދު ކުރުމަށް މާފަންނު ސްޓޭޑިއަމްގައި ބޭއްވި ބޮޑު ޖަމާއަތުގައި ކުދިބޮޑު ގިނަ ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އީދުގެ ބޮޑު ޖަމާއަތާއި ހައްޖުގެ މަތިވެރި އަޅުކަމަށް އެތައް ހާސް މުސްލިމުންނެއް ޖަމާވެ ތިބި މައްކާގެ މަތިވެރި ބިމަށް މިވަގުތު ބަލައި މަހުޝަރުގެ މައިދާނުގައި ކޮޅަށް ތިބޭނޭ ދުވަސް ހަނދާނަށް ގެންނަން ހުތުބާގައި ގޮވާލި އެވެ.  

"އެތައް މިލިޔަން މޭލެއް ދުރުން މިއަދު ފެންނާން އިރު ހުރިއިރު، މިއަދު މި އިހުސާސްކުރަމުންދާ ހޫނާއި، ގިޔާމަތް ދުވަހު މަހުޝަރުގެ މައިދާނުގައި މީސްތަކުންގެ ބޮލާ، ކައިވަތަކަށް ވުރެ، އިރު ކައިރިވެފައިވާ ހިނދު މީސްތަކުން ތިބޭނޭ ހާލަތާއި އެ ދުވަހުގެ ބިރުވެރިކަން ހަނދާނަށް ގެންނާށެވެ،" ހުތުބާގައި ބުންޏެވެ. 

އެކަކު އަނެކަކަށް މާފުކޮށް ހިތްތައް ސާފުކުރުމާ އެކު ސަލާންގަލާންކޮށް ހިނިތުންވުމަށް ހުތުބާގައި ގޮވާލި އެވެ. ބޮޑާކަމާއި ކިބުރުވެރިކަމާއި ހަސަދަވެރިކަމާއި ނުނިޔަތްލުން ކަހަލަ ނޭއްގާނީ ކަންކަން އެ މީހެއްގެ ކިބައިގައި ހުރި ނަމަ، އެ ކަންކަން ހިތުން ފިލުވައިލަން ވެސް ގޮވާލި އެވެ.

އެމީހެއްގެ ހިތުގައި ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރު ހުރި މީހާ ވެސް ސުވަރުގެ ނުވަންނާނޭ ކަމަށް ސައްހަ ހަދީސްތަކުގައި އައިސްފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.