ކޮވިޑް-19 ކޮންޓްރޯލްކުރުމަށް މާބޮޑު ފިޔަވަޅުތަކެއް ނާޅައި މި ވަގުތު ދޫކޮށްލައިގެން ތިބެފި އެންމެ ޕީކްގައި ދުވާލަކު 7،000 މީހުން ބައްޔަށް ޕޮޒިޓިވް ވެދާނެ ކަމަށް އެންމެ ފަހުގެ ޕްރޮޖެކްޝަނުން ދައްކާފައިވާ ކަމަށް ޑރ. ނަޒްލާ މުސްތަފާ މިރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑް ކޮންޓްރޯލްކުރުމަށް މާލެ ސަރަހައްދު ލޮކްޑައުންކުރުމާ ދިމާކޮށް މިރޭ ރައީސް އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމާ އެކު ޕްރެސް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެން ދެއްވި މައުލޫމާތުގައި ނަޒްލާ ވިދާޅުވީ ބަލީގެ ހާލަތު ވަޒަންކުރުމަށް، މިދިޔަ މެއި މަހު ޑރ. ޝީނާ މޫސާ ޕްރޮޖެކްޝަންތަކެއް ހެއްދެވި ކަމަށެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި މެއި މަހުގެ ދެ ވަނަ ހަފްތާ ތެރޭ ޑރ. ޝީނާ ހެއްދެވި ޕްރޮޖެކްޝަނުން ދައްކާ ގޮތުގައި މާބޮޑު ރެސްޓްރިކްޝަންއެއް ނެތް ނަމަ އެންމެ ޕީކް ދުވަހު ގާތްގަނޑަކަށް 7،000 މީހުން ޕޮޒިޓިވް ވާނެ އެވެ. އަދި މިނިމަލް ނުވަތަ އެންމެ ކުޑަކޮށް އަޅާ ފިޔަވަޅުތަކާ އެކު ޕީކް ދަށްކުރެވޭނީ ދުވާލަކު 6،000 އަށް ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ނެގި ވަރުގެ މޮޑެރޭޓް ރެސްޓްރިކްޝަނެއް ނަމަ، އެންމެ ގޯސް ހާލަތުގައި ވެސް އެންމެ ޕީކްގައި ޕޮޒިޓިވް ވާނީ ދުވާލަކަށް 3،000 ކަމަށް، ޑރ. ޝީނާގެ ޕްރޮޖެކްޝަނާ ހަވާލާދެއްވައި ނަޒްލް ވިދާޅުވި އެވެ. އަދި ލޮކްޑައުންއަކަށް ނުގޮސް އެކަމަކު ފިޔަވަޅުތައް ވަރަށް ބޮޑަށް ހަރުކަށިކޮށްގެން ޕީކް ވެސް 1،500 އަށް ވުރެ ދަށުގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވިފައިވެ އެވެ.
"އެކަމަކު ލޮކްޑައުނެއް ނުވަތަ ވަރަށް ވަރުގަދަ ރެސްޓްރިކްޝަނެއް ނަމަ އެންމެ ޕީކް އިރު ވެސް ކޮންމެ ދުވަހެއްގެ ކޭސްތައް 500 އާ ހަމަޔަށް ނުގޮސް ހިފެހެއްޓޭނެ ކަމަށް އޭރުގެ ޕްރޮޖެކްޝަނުން ދައްކަނީ،" ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި މާދަމާއިން ފެށިގެން އަޅާ ފިޔަވަޅުތަކާ އެކު ކޭސްތަކުގެ އަދަދު ދަށްކުރެވޭނެ ކަމުގެ އުންމީޑު ބޮޑެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މިހާރު މި ރެސްޓްރިކްޝަން އިތުރަށް ވަރުގަދަކުރީމާ ދެން އަންނަ ދެ ހަފްތާވަރު ތެރޭގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ނަންބަރުތައް ވަރަށް ދަށްކުރެވޭނެ،" ނަޒްލާ ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ނަންބަރުތައް ދަށްވި ކަމުގައި ވިޔަސް ކޮވިޑްގައި މީހުން މަރުވާ ނިސްބަތް ކުއްލިއަކަށް ދަށަކަށް ނުދާނެ އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި، އަލަށް ބަލި ޖެހޭ މީހުން އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭނެތީ އޭގެ ތެރޭގައި ވެސް ފުރާނައަށް ނުރައްކާވެދާނެ މީހުން ތިބޭނެތީ އެވެ.
"ނަންބަރު ދަށްކުރި ކަމުގައި ވިޔަސް ނިޔާވާ ނިސްބަތް ދަށްވުމަށް އަދި ވަގުތު ނަގައިފާނެ،" އޭނާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ލޮކްޑައުން ފަދަ ހަރުކަށި ފިޔަވަޅުތަކާ އެކު އަވަހަށް ނަންބަރުތައް ދަށްކުރެވިގެން މަރުވާ މީހުންގެ އަދަދު ވެސް ދަށްކުރެވުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
ބޭރުގައި އުޅެވޭ ވަގުތު މަދުކޮށް، ބޭރަށް ނުކުތުމަށް ވެސް ހާއްސަ ހުއްދަ ހޯދަން ޖެހޭ ގޮތަށް މާދަމާއިން ފެށިގެން ފިޔަވަޅުތައް ހަރުކަށިކުރަން ނިންމާފައި މި ވަނީ ކޮވިޑްގެ ހާލަތު ރާއްޖޭގައި ދުވަހަކު ވެސް ގޯސް ނުވާ ވަރަށް ގޯސްވެ ކޮންމެ ދުވަހަކު އެތައް ބަޔަކު މަރުވަމުން ދަނިކޮށެވެ. އަދި ކޮންމެ ދުވަހަކު ވެސް އަލަށް ފެންނަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ހާހުން މަތީގައި ހުންނަތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ.