އެމްސްޓެޑަމް (ޖެނުއަރީ 24) - ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރަގު ގޭންގުގެ ލީޑަރު ނެދަލޭންޑްސްގެ ފުލުހުން ހައްޔަރުކޮށްފި އެވެ.
އޭޝިއާގެ "އެލް ޗަޕޯ"ގެ ގޮތުގައި މަޝްހޫރު ޗައިނާ އަށް އުފަން، ކެނެޑާގެ ރައްޔިތެއް ކަމަށްވާ ސެ ޗި ލޮޕް ހައްޔަރުކޮށްފައި ވަނީ އޮސްޓްރޭލިއާ އިން ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ.
ސެ ޗި ލޮޕް ހިންގާ "ދަ ކޮމްޕެނީ" ނުވަތަ ސަމް ގޯ ސިންޑިކޭޓް އިން އޭޝިއާގައި 70 ބިލިއަން ޑޮލަރުގެ ޑްރަގު މާކެޓެއް ހިންގަ އެވެ. ދުނިޔޭގައި އެންމެ ބޮޑަށް ހޯދަން ބޭނުންވެފައިވާ މީހުންގެ ތެރޭގައި ހިމެނޭ ސެ ޗި ލޮޕް ހައްޔަރުކޮށްފައި ވަނީ ކެނެޑާ އަށް ފުރަން ބޯޓަށް އަރަން ތައްޔާރުވެފައި ވަނިކޮށް އެމްސްޓެޑަމްގެ ސްކިޕޯލް އެއާޕޯޓުންނެވެ.
ނެދަލޭންޑްސްގެ ފުލުހުން ބުނީ ސެ ޗި ލޮޕް ހައްޔަރުކުރީ އިންޓަޕޯލްގެ ނޯޓިސްއާ އެއްގޮތަށް ކަމަށެވެ.
އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް (އޭއެފްޕީ) އިން ގަބޫލް ކުރާގޮތުގައި އެ ގައުމަށް އެތެރެކުރާ ޑްރަގުގެ 70 ޕަސެންޓް އެތެރެ ކުރަނީ ސެ ޗި ލޮޕްގެ ދަ ކޮމްޕެނީ މެދުވެރިކޮށެވެ. އޮސްޓްރޭލިއާ އިން މިހާރު މަސައްކަތް ކުރަނީ ސެ ޗި ލޮޕްގެ މައްޗަށް ދައުވާ ކުރަން އެ ގައުމަށް ގެންދިއުމަށެވެ. އޮސްޓްރޭލިއާ ފުލުހުން ސެ ޗި ލޮޕަށް ފާރަލާތާ 10 ވަރަކަށް އަހަރުވެއްޖެ އެވެ.
އުމުރުން 56 އަހަރުގެ ސެ ޗި ލޮޕް ގިނަ ބަޔަކު ސިފަ ކުރަނީ މެކްސިކޯގެ ޑްރަގު ލޯޑް ޖޯކީން "އެލް ޗަޕޯ" ގުޒްމަންއާ އެއްވަރުގެ މީހެއްގެ ގޮތުގަ އެވެ.
ސެ ޗި ލޮޕް އާއްމުކޮށް ދަތުރު ކުރަނީ މަކާއޫ، ހޮން ކޮންގް އަދި ޓައިވާންއާ ދެމެދު ކަމަށްވެ އެވެ. އޭނާ ވަނީ 1990 ގެ އަހަރުތަކުގައި ހައްޔަރުކުރުމުން، އެމެރިކާގެ ޖަލެއްގައި ނުވަ އަހަރު ހޭދަކޮށްފަ އެވެ.